ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި، ޕޯސްޓްމޯޓަމް ހަދަނީ!

ފުލުހުން ރެޑްބުލް ދަނޑު ސަަރައްހަދުގައި ނޫސްވެރިންނާއި ބައްދަލު ކުރުން/ ފޮޓޯ: ދައުރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަޒްހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައިކަމަށާއި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އަޒްހާން ގެއްލިގެން އާއިލާއިން ރިޕޯޓު ކުރީ މިދިޔަ މަހުގެ 18 ގަ އެވެ. އާއިލާއިން ފުލުހަށް ކުރި ރިޕޯޓުގައި ވަނީ އެ ދުވަހުގެ ހެނދުނުން ފެށިގެން އަޒްހާންގެ އެއްވެސް ހަބަރެއްވެފައި ނުވާކަމަށެވެ.

މިއަދެ އިރުއޮއްސުނު ފަހުން ފުލުހުން މީޑިއާ ގުރޫޕަށް މެސެޖެއް ފޮނުވުމަށް ފަހު ބުނީ ތަހުގީގަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހަވީރުގެ 05:45 ހާއިރު ފެނިފައިވާކަމަށެވެ. ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ވޯޓާ ތީމް ޕާކާއި ދިމާލުން މަގުގެ އަނެއް ފަޅީގެ ވަލުތެރޭންނެވެ.

މިއީ ފުލުހުން އަޒްހާން އެންމެ ފަހުން ފެނުނުކަމަށް ވެސް ހާމަކުރި ސަރަހައްދެވެ. މިދިޔަ ހަފްތާގައި ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނީ އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށެވެ.

ވޯޓާ ތީމް ޕާކު ހުންނަ ސަރަހައްދުގައި މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ހަށިގަނޑު ފެނުނު ސަރަހައްދު ބަލާފައި ވަނީ މިއަދު ކަމަށެވެ. އެ ސަރަހައްދު ބަލާފައި ވަނީ ސީސީޓީވީތަކުން އަޒްހާން އެ ސަރަހައްދުގައި އުޅޭތަން ފެނިފައިވާތީކަމަށްއޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ އެ ސަރަހައްދު ނޫން އިތުރު ތަނަކުން އަޒްހާން ފެނިފައި ނުވާތީ ގަސްތަކުގެ ތެރެ ބެލީ ކަމަށެވެ.

ސައީދު ވިދާޅުވީ ފުލުހުންގެ ސީސީޓީވީން ފެންނަނީ ސީދާ ހަށިގަނޑު ފެނުނު ސަރަހައްދުގައި އަޒްހާން އުޅޭ މަންޒަރެއް ނޫން ކަމަށެވެ. ސީސީޓީވީ ދެއްކީ އެއަށް ވުރެ ދުރު ހިސާބެއްގައި އުޅޭތަންކަމަށް އޭނާ ވިދާޅުވި އެވެ.

އަޒްހާންގެ ހަށިގަނޑު އޮތީ ކުނިވެފައިކަމަށް ވުމުން، އޭނާއަށް އެއްވެސް ޒަހަމެއް ލިބިފައިވާކަން ނުވަތަ ނޫންކަން އަދި ބުނަން އަވަސްކަމަށް ސައީދު ވިދާޅުވި އެވެ.

ނޫސްވެރިން ވަނީ، އެންމެ ފަހުން އަޒްހާން ފެނުނީ ރެޑްބުލް ދަނޑު ސަރަހައްދުންކަން ފުލުހުންނަށް އެނގޭއިރު، އެ ސަރަހައްދު ނުބެލި ސަބަބާއި މެދު ސުވާލުކޮށްފަ އެވެ. އަދި ގަސްތަކުގެ ތެރެ ބަލާފައި ވަނީ ކުނި ވަސް ދުވާތީ ތޯ ވެސް ނޫސްވެރިން ސުވާލު ކުރި އެވެ. 

ފުލުހުން ބުނީ މި މައްސަލައިގައި ވަކި ބައެއް ނުވަތަ މީހެއްގެ މައްޗަށް އަދި ތުހުމަތެއް ނުކުރެވޭ ކަމަށެވެ. އަދި އޭނާ ގެއްލުމާއި އިތުރު ބަޔަކާއި ނުވަތަ މަސްތުވާތަކެއްޗާއި، ގޭންގަކާއި ގުޅުމެއްވާކަން ވެސް ފާހަގަކުރެވިފައި ނުވާކަމަށެވެ.

މި މައްސަލައިގައި އިތުރު މައުލޫމާތުތައް މާދަމާ ހިއްސާ ކުރާނެކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 88%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސީދާ ޕޮއިންޓަށް ދާން އެނގުނީ ކިހިނެއް އެތަނާ ދުރު ހިސާބަކުން cctފެންނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: