ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ޝަކީލު ޑރ ޖަމީލަށް: ދައުލަތުގެ ވަކީލުން ކޯޓަކު ސަކަރާތެއް ނުޖަހާނެ!

ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން/ ފޮޓޯ: ޝަރީއަތުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓަށް ވަޑައިގެން ސަކަރާތެއް ނުޖައްސަވާނެކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ކުއްލި ގޮތަކަށް ލިޔެކިއުންތަކެއް ހުށައެޅުމުން، ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހެއްކާއި ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހޭ މަރުހަލާގައި ދައުލަތުން އައު ހެކިތަކެއް ހުށަހެޅުމަކީ ޝަރީޢަތުގައި ދައުލަތުން ސަކަރާތް ޖެއްސެވުން ކަމަށް ޑރ ޖަމީލް ސިފަ ކުރެއްވިއެވެ.

ދައުލަތުގެ ވަކީލުން ކޯޓުގައި ސަކަރާތެއް ޖަހާކަމަށް ޖަމީލު ވިދާޅުވުމުން ގާޒީ ވަނީ އެނާގެ ވާހަކަތައް މެދުކަނޑަލައްވައި، “އެގޮތަށް” ވިދާޅުނުވާން އިލްތިމާޒް ކުރައްވާފައެވެ. އަދި ގާޒީ ޝަކީލް ވިދާޅުވީ ދައުލަތުގެ ފަރާތުން ކޯޓަށް ހާޒިރުވެ ތިއްބެވި ވަކީލުން ސަކަރާތެއް ނުޖައްސަވާނެކަމަށާއި ދައުލަތުންވެސް ކުރައްވަނީ ގާނޫނީ މަސައްކަތެއް ކަމަށްވުމުން ޖަމީލުގެ އިބާރާތްތައް ރަނގަޅު ކުރެއްވުމަށް ވިދާޅުވެ ގާޒީ ވަނީ ޑރ ޖަމީލްއަށް ނަސާހްތެރިވެ ވަޑައިގެންފައެވެ.

ދައުލަތުގެ ވަކީލުން ކުއްލި ގޮތަކަށް ކޯޓަށް ލިޔެކިއުންތަކެއް ހުށައެޅުމާއި ގުޅިގެން ނުރުހުން ފާޅު ކުރައްވާ ޖަމީލު ވިދާޅުވީ ކުރިއަށް އޮތް ޝަރީއަތްތަކުގައި ހެއްކާއި ގުޅޭ ގޮތުން ވާހަކަދެއްކެވޭނެކަމަށް ވިދާޅުވުމުން ރައީސް ޔާމީންގެ ފަރާތުން ވާނީ ކޯޓުގެ ޓްރާންސްކްރިޕްޓުތައް ހޯދުމަށް ސިޓިއަކުން އެދިފައިކަމަށެވެ.

ޖަމީލު ވިދާޅުވީ، ސިޓީއެއް ފޮނުވާފައިވަނީ ޝަރީއަތުގެ މި މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއަކަށްވުމުންކަމަށެވެ. އަދި ކޯޓުގައި ހެކިބަސް އަދާ ކުރި ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޓްރާންސްކްރިޕްޓު ލިބި، ހެކިބަސްތައް ދިރާސާ ކުރުމަށް ފުރުސަތު ލިބިގެން ނޫނީ ދީފާއު ވުމަށް ތައްޔާރު ނުވެވޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ އެނާ ކޯޓުގައި ދައްކަވާ ވާހަކަތަކަކީ ޝަރީއަތް ލަސް ކުރުމުގެ ގޮތުން ދައްކާވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެނާ ދައްކަވަނީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 169 ވަނަ މާއްދާގެ ހ ގައި ސާއްފުކޮށް ލިބިފައިވާ ހައްގެއްގެ ވާހަކަ ކަމަށް އިޝާރާތް ކުރެއްވިއެވެ.

އެނާ ވިދާޅުވީ، ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ދައުލަތުން އަދި ދައުވާ ލިބޭ ފަރާތުންވެސް އެދިއްޖެނަމަ ޝަރީއަތުގެ މަޖިލީހުގެ ރިކޯޑިންގްތައް އަޑު އެހުމުގެ ފުރުސަތު އަދި ލިޔެފައިވާ ބަޔާންތައް ބެލުމުގެ ފުރުސަތު އެފަރާތަކަށް ކޯޓުން ދޭންވާނެކަމަށް ގާނުނުގައި ވާކަމަށާއި އެކަމަކީ އިހުތިޔާރީ ކަމެއް ނޫންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ލިޔެ ކިޔުންތަކުގެ ކޮޕީ ނެގުމުގެ ފުރުސަތު ދިނުމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެފަދަ ފުރުސަަތެއް ނުދީ ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ނުގެންދަވާކަން އެނާ ގަބޫލު ކުރައްވާކަމަށާއި ގާޒީ ވަނީ ދިފާއު ވުމަށް ދީލަތި ފުރުސަތުތަކެއް ދެއްވާފައިކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ކުށަކުން ބަރީއަ ވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންޖެހޭކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ކުއްލިއަކަށް ލިޔެކިއުންތަކެއް ހުށައެޅުމުން ބުރަވާކަމަށް ސިފަކުރައްވާ، އެނާ ވިދާޅުވީ މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް އުފުލަންޖެހިފައިވާ ބުރަތަކަކީ ދައުލަތުގެ ފަރާތުން ނާއީންސާފުން އަމަލު ކުރަމުންދިއުމުގެ ނަތީޖާކަމަށެވެ.

ޖަމީލު ވިދާޅުވީ، ދައުލަތުގެ ފަރާތުން ލިޔެކިއުން ބަނޑެލެއް ދިފާއީ ވަކީލުންނާއި ހަވާލު ކުރީ ކުއްލިއަކަށް ކަމަށްވުމުން ވަގުތުން ވަގުތައް އެ ލިޔެކިއުންތަކާއި ގުޅޭގޮތުން ވާހަކަ ނުދެއްކޭނެކަމަށާއި އެ ލިޔެކިއުންތަކާއި ގުޅޭ ގޮތުން ވާހަކަ ދެއްކޭނީވެސް އިތުރު ފުރުސަތުތަކެއް ދީގެންކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެނާ ވިދާޅުވީ، މައްސަލައެއް ހުށައަޅާއިރު، މައްސަލައާއި ގުޅޭ ހުރިހާ ލިޔެކިއުންތައް ހުށައަޅަންޖެހޭނެކަމަށް ގާނުނުގައި ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިންވެސް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނެތް ވާހަކަތަކެއް އަޑު އެހުންތަކުގެ ތެރޭގައި ހިމަނާފާވާކަން ގާޒީވެސް ފާހަގަކުރައްވާފައިވާކަމަށް ޖަމީލު އިޝާރާތްކުރެއްވިއެވެ.

ދައުލަތުގެ ވަކީލުން ކްރިމިނަލް ކޯޓުގައި ސަކަރާތެއް ނުޖަހާނެކަމަށް ގާޒީ ޝަކީލް ފާހަގަކުރެއްވިއިރު، މީގެ ކުރިން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަރުހަލާއެއްގައި ދައުލަތުގެ ދެ ވަކީލެއްގެ ފަރާތުން ޝަރީއަތުގެ މަޖިލީހާއި އެކަށީގެން ނުވާ އަމަލުތަކެއް ފެނުމުން ގާޒީވަނީ އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެ ދައުލަތާއި ވަކީލުންނަށްވެސް އާންމުނާއި ސިޔާސީ ބޭފުޅުންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: