ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް ހުކުމަކާއި ހަމައަށް؛ ދައުލަތުން ބުނީ ޒާތީވާން ޖެހޭ ސަބަބެއް ނެތްކަމަށް!

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ: ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ތެރޭގައި ވ. އާރުގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އެ މުއާމަލާތުގައި ރައީސް ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުގައި އިއްވީ 11 އަހަރުގެ ހުކުމެކެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހިފައި އޮތުމަށް ފަހު މިދިޔަ ހަފްތާގައި އަލުން ފެށިއިރު މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން ވިދާޅުވީ އިތުރުކަމެއް ސާފު ކުރުމަށް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށެވެ.

ޝަރީއަތް ހިނގައިދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުވާލުތައް ކުރުމާއި، އަދި މައްސަލައިގެ ހަސްމުން އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހު މިއަދު ހަސްމުންނަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އާރަށް ކުއްޔަށް ދިނުމަށް ރައީސް ޔާމީން އިރުޝާދު ދިންކަމަށް ބުނާ ވާހަކަ ސާބިތު ކުރުމަށް ދައުލަތަށް ހެއްލެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އާރަށާއި ގުޅޭގޮތުން އެއްވެސް އެންގުމެއް އެންގިކަން އެނގެން ނެތްކަމަށް ވެސް ވިދާޅުވި އެވެ. ޖަމީލް ވިދާޅުވީ މި މައްސަަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ބުރަދަން ދެވެން ނެތް ކަމަށެވެ. އަދި އެއާއި އެކު އެ މީހުންގެ ހެކިބަހަށް ބާރު ދޭނެ އެއްވެސް ލިއުމެއް ހުށަހަޅާފައި ވެސް ނެތްކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އާރަށް ކުށްޔަށް ދޫކުރުމުގައި ނުފޫޒު ފޯރުވިކަމަށް ދައުލަތުން ބުނާއިރު، އެކަން ސާބިތު ކުރެވޭނެ ގޮތެއް ނެތްކަމަށާއި އެއީ ހަމައެކަނި ބުނާ ބުނުމެއްކަމަށް ޖަމީލް ވިދާޅުވި އެވެ. އެނާ އިތުރަށް ވިދާޅުވެފައި ވަނީ ޔޫސުފް ނައީމުގެ ފަރާތުން ރައީސް ޔާމީނަށް ލިބިފައި ވަނީ ވިޔަފާރީގެ މުއާމަލާތެއްގެ ފައިސާ ކަމަށެވެ. އަދި އެކަމަށް ބާރު ދޭ ހެކިތައް އެބަހުރިކަމަށާއި، އެ މީހުންގެ ހެކިތައް ނަފީ ކުރެވޭނެ ހެއްކެއް ދައުލަތުގެ ނެތްކަމަށް ޖަމީލު ވިދާޅުވި އެވެ.

މިއީ ސިޔާސީ ދައުވާއެއްކަމަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވައި ޖަމީލު ވިދާޅުވީ އެފަދަ އުސޫލުތަކެއްގެ ތެރެއިން ޒާތީވުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. ޖިނާއީ ދައުވާތައް އެއީ ބަދަލު ހިފުމުގެ ރޫހެއް ނުވަތަ، ސަމާސާއަކަށް ނެހެދުމަށް ވެސް އޭނާ ގޮވާލި އެވެ.

ވަކީލުންގެ ވާހަކައަށް ފަހު، ދައުލަތުން ބުނެފައި ވަނީ ރައީސް ޔާމީނާއި މެދު ޒާތީ ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި ކުށް ސާބިތުވީ ހަމައެކަނި އަދީބާއި، ޒިޔަތުގެ ހެކި ބަހުގެ މައްޗަށް އެކަނި ވެސް ނޫން ކަމަށެވެ.

ފަހު ފުރުސަތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ބޭއިންސާފުން އަމަލު ކުރަމުންދާ ދިއުން ހުއްޓުމަކަށް އައުމަށް ކަމަށެވެ.

ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރައްވަނީ މި މައްސަލައިގައި ހެކި ބަސް ދިން އަދީބު އާއި، ޒިޔަތަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިންކަމަށް ބުނާއިރު އެ މީހުންނަށް އެ މައްސަލައިގައި ހުކުމް ވެސް އިއްވާފައިވާކަމަށެވެ. އެހެންކަމުން އެ ދެ މީހުން ބެލެވޭނީ އެއީ ފާސިގުންގެ ގޮތުގައިކަމަށާއި، ރައީސް ޔާމީނާއި މެދު ދެ މީހުންގެ ހިތުގައި ވެސް އަދާވާތްތެރިކަމާއި ރުޅިވެރިކަން އޮންނާނެ ކަމަށެވެ. އެކަމަކު މިއަދުގެ އަޑުއެހުން ބާއްވާފައި މި ވަނީ އެ ދެ މީހުން ވެސް މިނިވަންވި ފަހުންނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އަދީބާއި، ޒިޔަތަށް މައާފު ދިނީ ވެރިކަމުގެ ދައުރު ނިމެން ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: