ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު ކުޑަކަކުލަށް ތިރިކޮށް ހުކުމްތައް ބަލައިނުގަންނަންވެސް ފަށައިފި!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަަރުއީ ނިޒާމު ކުޑަކަކުލަށް ތިރިކޮށްފިއެވެ. އަހަރުތަކުގެ މަތިން އެކި ފަރާތްތަކުން ޝަރުއީ ނިޒާމާއި މަސައްކަތްތެރިނަށް ކޮށްފައިވާ ގަނާތަކާއި އަޅުވާފައިވާ ބަދުނާމުތަކުގެ ޒަހަމު ބޮޑުވެ ދާދި ފަހުން އައު ސަރުކާރުގެ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތައް ހަޖަމުކުރުގައި ޝަރުއީ ނިޒާމަށް ދަތިތައް ކުރިމަތިވެ، ބިރުދައްކައި ނުފޫޒު ފޯރުވިކަމަށް ސަރުކާރަށް ތުހުމަތުކޮށް ބަޔާނެއް ނެރުނު މައްސަލައެއްވެސް ފެންމަތިވެއްޖެއެވެ. ދިވެހި ކޯޓުތައް އޮތީ ސިޔާސީ މަސައްކަތްތަކުގެ ނޭދެވޭ އަސަރުތަކުން ނިވާވާނެ ގޮތެއް ނެތިފައެވެ.

ޒަމާނުއްސުރެވެސް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ނާއިންސާފުވެރިކަމާއިއެކު ނުވަތަ ނުފޫޒުތަކުގެ މައްޗަށް ބުރަވެ ހުކުމްތައް ކުރާކަމުގެ ތުހުމަތުކުރެވެއެވެ. ނަމަވެސް ކޯޓުތަކުގެ ކަރާމާތަށާއި ގާޒީންގެ ނިންމުންތަކަށް އިހުތިރާމްކޮށް ތަބާވެއެވެ. އެހެންނަމަވެސް މިއަދު އިހުތިރާމާއި އިތުބާރެއްވެސް ނެތެވެ. ތަބާނުވުމުގެ މައްސަލަތައްވެސް ގިނަވާން ފަށައިފިއެވެ.

ޝަރުއީ ނިޒާމާއިމެދު މިއަދު ރައްޔިތުންނަށް އޮތީ ނާއުންމީދެވެ. ގާނޫނުއަސާސީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެކަމަށް ބަޔާންކޮށްފައިވާއިރު، ތަންފީޒުކުރަމުންދާ އިދާރާތަކުން ރައްޔިތުންގެ ދެމެދުގައި ތަފާތުކުރުންތައް ގެންގުޅެއެވެ. ޒިންމާދާރު މަގާމުތަކުގައި ތިބޭ ވަކި ފަންތިއެއްގެ މީހުންނަށް އޮތީ ފިނިކޮޓަރިއެއްގައި އިނދެ މެނޫއަކުން އޯޑަރުކޮށްލައިގެން ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވާ ދުވަހަށް އިންތިޒާރުކޮށްލުންކަމަށްވާއިރު، އާންމު ރައްޔިތު މީހާއަށް ކުރިމަތިލާންޖެހެނީ ވާނުވާ ބަންދާއި އަނިޔާތަކާއެވެ.

މިއަދުވެސް ތަންފީޒީ އިދާރާތަކުން ގެންގުޅެމުންދާ ތަފާތުކުރުންތަކުގެ ފުރިހަމަ މިސާލެއް އެބަ ފެނެއެވެ. ރައްޔިތުންގެ ފައިސާއިން ބޮޑު ވައްކަމެއް ކޮށްފައިވާކަމަށް ސާބިތުވެފައިވާ މީހަކަށް މިނިވަނެއް ފަދައިން ކުރިމަގެއް ބިނާކުރަން އައިލާ އަދި ބައިވެރިންނާއިއެކު މަސައްކަތްތައް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވާއިރު، އާންމު ރައްޔިތު މީހާގެ އަތުގައި އެޅިގެންދާ ބިޑިއާއިއެކު ހަޔާތް އެއްކޮށް ސުވާލު މާކަކަށް ވެގެންދެއެވެ. ކަން މިހެން އޮތުމުން އިތުބާރު އޮންނާނެ ވަރު އެންމެނަށްވެސް އެނގޭނެއެވެ.

އިހުތިރާމް ގެއްލިގެންދިޔައީވެސް ޝަރުއީ ދާއިރާގެ ތެރެއިން އެކަމަށް ފުރުސަތު ދީގެންނެވެ. މީގެ ޒަމާންތަކެއް ކުރިން މީހަކު އެއް ދޮރުން ވައްދައި އަނެއް ދޮރުން ނެރޭ ވާހަކަ އިވުނު ނަމަވެސް މުއާސަލާތީ ކަންކަން ހުންނަ ގޮތުން އެ ވާހަކައެއް ނުއެއް ފެތުރެއެވެ. އެހެންނަމަވެސް މިއަދު އައިސްފައިވާ ބޮޑު ކުރިއެރުންތަކާއިއެކު ނެރޭއިރު މަންޒަރު ވަގުތުން ގެނެސްދެވެއެވެ. އެހެންކަމުން ވެރިންނަށް ކުރާ ހުކުމްތަކުގެ މައްސަލައިގައި ކަންވެގެންދާ ގޮތް މިއަދު ސާފުކޮށް ފެންނަމުންދާކަމަށްވުމުން އިހުތިރާމްކުރުން ދަތިނުވެ ނުދާނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިން ފެށިގެން މިހާތަނަށް ހުކުމެއް ކުރެވި ޖަލަށް ވަޑައިގެންނެވި އެއްވެސް ރައީސްއަކަށް ފުރިހަމައަށް ހުކުމް ތަންފީޒުކުރައްވަން ޖެހިވަޑައެއް ނުގަންނަވެއެވެ. ދުވަސްކޮޅެއް ހުންނެވުމަށްފަހު ސިޔާސީ ކޮޅިގަނޑަކަށް އައިސް ފެންނަނީ އަނެއްކާވެސް ޕޯޑިއަމްއެއްގެ ދޮށުގައި ހުންނަ މަންޒަރެވެ. އެހެންނަމަވެސް ކުރެވެނީ ޓެރަރިޒަމްއާއި ބޮޑެތި ވައްކަންތައް ކުރުމުގެ ތުހުމަތުތައް ކަމަށްވުމުންނާއި ކޯޓުތަކުން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ހުރުމުން އެވަރުގެ ބޮޑެތި މައްސަލަތަކުގައި މިހާ ފަސޭހައިން މިނިވަންވަނީ ކޮން ގޮތަކުންކަމާއިމެދު މިއަދު ރައްޔިތުންދަނީ ސުވާލު ކުރަމުންނެވެ.

ރިހާކުރު ފުޅި ވަގަށް ނަގާ ރައްޔިތު މީހާ ކުޑަގޮޅީގައި އުމުރު ހޭދަކުރާއިރު ދިވެހި ދަރިންނަށް ބޭނުންވާ ކިރު އިމްޕޯޓުކުރަން މާލިއްޔާތުގައި ރައްކައުކޮށްފައި ހުރި ފައިސާކޮޅު ޖަހައިގަތްކަމުގެ ތުހުމަތުގައި ޖަލަށް ލި މީހާއަށް އަނެއްކާވެސް އެފަދަ އަމަލެއް ހިންގޭނެ ފުރުސަތު ފަހިވެގެންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯއެވެ. މިއަދު ދިވެހި ޝަރުއީ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް ބުނަމުންދިއުމުން މިއީ ޖަވާބު ހޯދަން ޖެހިފައިވާ ސުވާލު ތަކެކެވެ. ޝަރުއީ ނިޒާމަށް އިތުބާރު ގެއްލިގެންދިއުމަކީ ގައުމުގެ ހަމަޖެހުން ގެއްލިގެންދިއުމަށް ޖާގަދިނުމެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ކޮރަޕްޝަންގެ ވާހަކަ މީގެ ކުރިން ދައްކަމުން އައީ އާންމު ރައްޔިތުންކަމަށްވުމުން އެއީ ހުކުމްތަކާއިމެދު ހިތްހަމަނުޖެހި ދައްކާ ވާހަކަތަކެއް ކަމަށް ބަލައި އެއްފަރާތަކަށް ކަހާލި ނަމަވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ މީހުންނާއި ގާނޫނީ މަސައްކަތްތަކުގެ އިސް ސަފުގައި ތިބި މީހުންގެ ދުލުންވެސް ބޮޑެތި ތުހުމަތުތަކުގެ ވާހަކަތައް ދެކެވެމުންދާކަމަށްވުމުން ހަގީގަތުގައިވެސް ރާއްޖޭގައި އިންސާފު ގާއިމުކުރުމުގެ މަސައްކަތްތަކުގެ ކުރިމަގާއިމެދު ސުވާލު އުފެދެއެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުމުގެ ސަބަބުން ހުއްޓިފައިވާކަމަށް ބުނާ މައްސަލަތަކުގެ ތެރޭގައި ރޭޕްގެ މައްސަލަތައްވެސް ހިމެނެއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ އާއިލީ މީހަކާއި ގުޅުން ހުރި މިފަދަ މައްސަލައެއް ނުފޫޒު ފޯރުއްވައިގެން ހުއްޓުވާފައިވާކަމަށް މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ތުހުމަތުކުރައްވާފައެވެ. ގާޒީން ބޮޑެތި މާލީ މަންފާތަކަށް ބުރަވެ ގައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ހުކުމް ކުރާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މިހާރުގެ ސަރުކާރު ވުޖޫދަށް އައުމުގެ ކުރިން އޭރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތްކުރި ގާޒީއެއްކަމަށްވާ އަހުމަދު ޝަކީލް ހުކުމްތައް ކުރައްވަމުންގެންދެވީ ނުފޫޒެއްގެ މަތީގައި ހުންނަވައިގެންކަމަށް މިހާރު ސަރުކާރުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި އެކި ފަރާތްތަކުން ތުހުމަތުކޮށް ވާހަކަތައް ދައްކަވާފައިވެއެވެ. ކްރިމިނަލް ކޯޓުގައި ހުންނެވި ގާޒީ ޝަކީލު ހައިކޯޓަށް އައްޔަނުކުރުމަށް ކަނޑައެޅިގެންދިއުންވެގެންދިޔައީ މި ޝަކުތައް އިތުރުވެގެންދިޔަ ކަމަކަށެވެ. ޔަގީނުންވެސް މިއަދު ކޯޓުތަކަށް ކުރިން އޮތް އިތުބާރެއް ނެތެވެ.

އެހެންނަމަވެސް ހަގީގަތުގައި މިއަދު ރާއްޖޭގެ ޝަރުއީ ނިޒާމު އޮތީ އެއަށްވުރެވެސް ގޯސް ހާލަތެއްގައެވެ. މިއަދު ދިވެހިން ކޯޓުތަކުން ނިންމާ ނިންމުން ބަލައި ނުގަންނަ ހިސާބަށްވެސް ގޮސްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކަށް މެމްބަރުންތައް ތަބާނުވާން ނިންމި މައްސަލައަކީ މިކަމުގެ މިސާލެކެވެ. ގާނޫނު ހަދަން ތިބި މަޖިލީހުގެ މެމްބަރުން ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާނުވުމުން ޝަރުއީ ދާއިރާގެ ތެރެއިން ކުރެވޭ މަސައްކަތްތައް ކުރެވެނީ ރަނގަޅަށް ކަމާއިމެދު ސުވާލު އުފެދުނެވެ. ސުޕްރީމް ކޯޓުން ކުރީ ރަނގަޅު ހުކުމެއް ނަމަ މަޖިލީހުގެ މެމްބަރުން ހުކުމާއި ހިލާފަށް އަމަލުކުރި މައްސަލަ ބަލަންޖެހެއެވެ. އަދި ގޯސްކޮށް ކުރިނަމަ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ގާބިލުކަމާއިމެދު ސުވާލު އުފެދެއެވެ. މިކަމުން މިސާލު ނަގައި ރައްޔިތުންވެސް ހުކުމްތައް ބަލައި ނުގަންނަން ފަށާ ހިސާބުން އޮންނީ އަތުން ބީވެގެން ގޮސްފައެވެ.

އެހެންކަމުން މިއަދު ޝަރުއީ ނިޒާމު އޮތް ހާލަތުގައި އޮތީ ގިނަ ފަރާތްތަކުގެ އިހުމާލުންކަން ސާފެވެ. މިކަމުގައި ޝަރުއީ ދާއިރާގެ އިންތިހާ އިހުމާލު ގިނަ އިރު، ސިޔާސީ މަސައްކަތްތެރިން ވިސްނުންތެރިކަމެއް ނެތި ހިންގާފައިވާ މިިއަދު ދިވެހި ޝަރުއީ ނިޒާމު ހަގީގަތުގައި އޮތީ ނޭވާ އަޅައިދޭންޖެހޭ ހާލަތުގައެވެ. މިއީ ހައްލުނުކޮށްފިނަމަ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑިގެންދާނެ ފަދަ މައްސަލަތަކެކެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝަރުޢީ ނިޒާމް ފުނޑާލުމުގައި އެންމެ އިސްދައުރެއް އަދާކުރީ އެމްޑީޕީން. އަދި ވަކިވަކި މީސް މީހުންނަށް ބަލާއިރު ހައިކޯޓުން ޝުޖާ އުސްމާނާ، މާމެންދޫ ޙަސަން ޢަލީ އާ، ކްރިމިނަލް ކޯޓުން ޙަސަން ނަޖީބާ، ސްޕްރީމް ކޯޓުން ނިލަންދޫ ދީދީ މެންނަކީ މިފަހުން މުޅި ކޯޓު ސިސްޓަމާ ޝަރުޢީ ނިޒާމް ފުނޑާލުމުގެ މޭސްތިރިން. އަދި އެމްޑީޕީން ފަހުން އެކުލަވާލި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ނައިޓް ލޭޑީމެންނަކީ އިސް މީހުން އެކަމުގެ. ދިވެހި ޝަރުޢީ ދާއިރާއަށް މިހާރު އެއްވެސް އިތުބާރެއް ނެތް. މި ސަރުކާރުންވެސް މިހާރު އުޅެނީ ކުރިން ބުނި ގާޒީންތައް ލައިގެން ހުރިހާ ކަމެއްގަ. ރަނގަޅު ލަނޑެއް ލިބޭނެ. ބަލައްޗޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: