ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުން ނެތް

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން އާއި ކޮމިޝަންގެ މެމްބަރު، ބަންޑާރަ ނައިބު ރިފްއަތާއި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ދައުރު ނިމެން އަހަރަކަށް ވެފައިވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ މަސައްކަތް އިއުލާނު ކުރުމަށް ފަހު މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގައި ވެސް ޖޭއެސްސީ އިސްލާހު ކުރުން ނުހިމަނައި ބިލުތަކުގެ ތަފްސީލު އާއްމުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ.

ވެރިކަމުގެ ދައުރު ނިމުމަކާއި ގާތްވެފައިވާއިރު، ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލުކޮށް ސިޔާސީ ނުފޫޒުން ކޮމިޝަން މިނިވަން ކުރުމަކީ އެއީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، މިވީ ހަތަރު އަހަރާއި ބައިގެ ތެރޭގައި އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ހުށަހަޅާނެކަމަށާއި، އެކަމަށް ބޭނުންވާ ދިރާސާތައް ހެދުމަށް ހިޔާލުތައް އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ސަރުކާރުން ހާމަކުރި އެވެ.

އެކަމަކު އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، މި ދައުރުގެ ތެރޭގައި އެ މަސައްކަތް ކުރިޔަށް ގެންދެވިދާނެކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ ބިލުގެ މަސައްކަތް ކުރިޔަށް ދާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމިޝަން އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ، އިސްލާހުތައް ގެނައުމަށް މަޖިލީހުގެ އެ ދައުރަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވީ ނަމަވެސް ދައުރު ނިމިގެން ދިޔައިރު ވެސް ބިލު ހުށަހަޅާފައި ނުވެ އެވެ. އަދި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ބުރާސްފަތި ދުވަހު ފެށިއިރު މި ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުކުރާ ބިލުގެ ތެރޭގައި ޖޭއެސްސީގެ ބިލު ނެތެވެ.

މީގެ ދުވަސްތަކެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މަސައްކަތް ކުރިޔަށް ދާ ގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ވައުދާއި އެއްގޮތަށް ޝަރުއީ ދާއިރާ މިނިވަން ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށެވެ. އަދި ސަރުކާރުން ވައުދުވީ ގޮތަށް ޖޭއެސްސީގެ ބިލު ހުށަހަޅާނެކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު، އޭގެ ކުރިން އޭނާ ދިން މައުލޫމާތުގައި ވިދާޅުވީ ބިލު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. ފަހުން އެކަން އިސްލާހުކޮށް ވިދާޅުވީ ކޮމިޓީގައި އޮތް އެހެން ބިލެއްގެ މައުލޫމާތުތަކާއި އޮޅުންތަކެއް އެރީ ކަމަށެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޖޭއެސްސީ އިސްލާހު ކުރުމަށް މީގެ ކުރިން އެކިފަހަރު މަތީން ހުށަހެޅިއިރު ބިލާއި ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް ބޭފުޅަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގެވެ. ޓޮމް މިއަދު ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ނިޔަތް ރައީސް ސޯލިހުގެ ނެތް ކަމަށެވެ. އަދި ތިން ފަހަރު ވެސް އޭނާ ހުށަހެޅި ބިލު ފެއިލްކުރީކަމަށްވ ވިދާޅުވި އެވެ.

ޓޮމް ވަނީ މަޖިލީހުގެ ދެވަނަ ދައުރަށް ވެސް ބިލު ހުށަނޭޅީ ބިލު އިސްލާހު ކުރެވިފައިވާތީތޯ ސުވާލު ކުރައްވާފަ އެވެ.

ޖޭއެސްސީ އެކުލަވާލާފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެ އެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެ އެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެ އެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފަ އެވެ.

ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018 ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފަ އެވެ.

ޖޭއެސްސީގެ ރައީސަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްއަތާއި އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަސްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: