ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ފުރުސަތު ނުދީ، ރައީސް ސޯލިހު ހުއްޓާނުލާ ކެމްޕެއިން ކުރާތީ ކަންބޮޑުވޭ: އަދުރޭ

ފޮޓޯ: ވަން އޮންލައިން- -ރައީސް ޔާމީން ދެރައެއްވެސް ނުވޭ، ހުރީ ހަމަ ސާބިތުކަން މަތީ: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދީ، ރައީސުލްޖުމްހުރިިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުއްޓާ ނުލައި ކެމްޕެއިންކުރުމަކީ ކަންބޮޑުވުމެއްކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ އެ ކަންބޮޑުވުންތަކާއި އެކު އިދިކޮޅުން މިއަދު ވެސް ވަނީ ހައި ކޯޓަށް ވަޑައިގެންފަ އެވެ. އެއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހައި ކޯޓުން އިދިކޮޅަށް ދިން ޖަވާބަކީ ރައީސް ޔާމީންގެ މައްސަލަ ބަލާ ސެކްޝަނުގައި އެއްވެސް މީހަކު ނެތްކަމަށެވެ. ހައި ކޯޓު ވަރަށް ޒިންމާދާރުކަން ކުޑަކަމަށް ސިފަކޮށް އަބްދުއްރަހީމް ވިދާޅުވީ އިތުރު އަޕްޑޭޓެއް ނެތްކަމަށް ހައިކޯޓުން ބުނުމާއި މެދު ކަންބޮޑުވާ ކަމަށެވެ.

ފަނޑިޔާރުންގެ މަސްއޫލިޔަތާއި ބަސް ބުނުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ، މި ވާހަކަތައް ދައްކަވާ ސަބަބުކަމަށް އަބްދުއްރަހީމް ވިދާޅުވީ އެބޭފުޅުންގެ ޒިންމާ ރައީސް ޔާމީންގެ މައްސަލައިގައި އޮތުމެވެ. ވ. އާރަށުގެ މައްސަލައިގައި ހައި ކޯޓަށް ހުށަހަޅާފައިވާ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހުށައެޅީ މިއަހަރުގެ ފެބުރުއަރީ 23 ވަނަ ދުވަހުކަމަށާއި، އެއަށްފަހުން އެތައް ދުވަހެއް ފާއިތުވީ އިރު ވެސް މި މައްސަލަ ކުރިއަށް ނުގޮސް އޮތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކުރުމަށް އެކި ސިފަ ސިފައިގައި މަސައްކަތް ކޮށްފައިވާނެކަމަށާއި، ޕާޓީގެ ފަރާތުންނާއި، މަޖިލީހުގެ މެންބަރުންގެ ފަރާތުންވެސް އެދިފައިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ބައްދަލުކުރުމަށް ސިޓީއަކުންވެސް އެދިފައިވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ޖަވާބެއް ދެއްވާނެކަމަށް ބުނުމުގެ އިތުރަށް ހައި ކޯޓުން އިތުރު ކަމެއް އަންގާފައިނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާ ތާރީހު، އޮގަސްޓް 7 ގެ ކުރިން މި މައްސަލައަށް ހައްލެ ލިބިދާނެކަމަށް ގަބޫލުކުރެވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ވަކި އެއްޗެއް ދަންނަވަން ނޭނގޭކަމަށެވެ. އެއީ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީގައި ހުރުމުންކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަނިޔާކުރަމުން، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއި، ހުރިހާ މުވައްޒަފުންނާއި، ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވައިގެން އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ކަމަކީ ކެމްޕެއިން ކުރަނީ. ހަމަ ހުއްޓާނުލާ ކެމްޕެއިން ކުރަނީ، އެހެންވީމަ މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ.

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގޮސްގެން އިދާރާތަކަށް ދިއުން ފިޔަވާ ކުރެވޭނެ މާ ގިނަ މަސައްކަތްތަކެއް ނެތްކަމަށް އަބްދުލްރަހީމް ގަބޫލުކުރައްވައެވެ. އެގޮތުން މި މައްސަލައިގައި އިހުތިޖާޖުކުރުމަށް މަގުމައްޗަށްވެސް ނިކުމެވެން ނެތްކަމަށާއި، އެއީ ޖަލަށްލާތީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މި ގައުމުގައި މިނިވަންކަން އޮތްކަމަށް ސަރުކާރުގެ އިސްވެރިން ގަބޫލުކުރި ނަމަވެސް ގައުމުގައި މިނިވަންކަން އޮތީ ވައްކަންކުރުމަށާއި، ގާނޫނާއި ހިލާފު ކަންތައްތައްކުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ގާނޫނާއި އެއްގޮތަށް އެއްވެސްކަމެއްކުރުމުގެ މިނިވަންކަން ނެތްކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވަގުތުން ބަލާ ނިންމާ މައްސަލަތައް ހުންނަކަމަށާއި، ރައީސް ޔާމީންއަކީ އެތައް ހާސް ރައްޔިތެއްގެ ޒިންމާ ބޮލުގައި އަޅުއްވައިގެން ހުންނެވި ބޭފުޅެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިއީ ބައިނަލްއަގުވާމީ ދުނިޔެވެސް ކަންބޮޑުވާނެކަމެއްކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ މައްސަލައަކީވެސް ވަގުތުން ގޮތް ނިންމަންޖެހޭ މައްސަލައެއް ނަމަވެސް އެތައް ދުވަހަކަށް މައްސަލަ ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ތަކުރާރުކޮށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއިން ނެރޭ ކެނޑިޑޭޓަށް ކެމްޕެއިންކުރުމުގެ ފުރުސަތުނުދޭކަމަށް ވިދާޅުވެ، އަބްދުލްރަހީމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މިކަމާއިމެދު ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ބަސް ބުނަންޖެހޭކަމަށެވެ.

މި މައްސަލަ ހުށައެޅިއިރުވެސް ރައީސް ޔާމީންއަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުކަން ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އިނގޭނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ލަސްވެގެންމިދަނީ ސަރުކާރުގެ ނުފޫޒުންކަމަށާއި، ރައީސް ޔާމީންގެ މައްސަލައަށް ހައްދަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންވާ ގޮތެއްކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ. ރައީސް ސާލިހަށް އިޝާރާތްކޮށް، ބަޔަކު ބޭނުންވާ ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް އެހީތެރިވެދޭ ބަޔަކަށް ފަނޑިޔާރުންވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް، އަބްދުލްރަހީމް ވިދާޅުވީ ސަރުކާރަކީ ބަދަލުވާނެ އެއްޗެއްކަމަށާއި، އެއްވެސް މީހަކަށް އަބަދު މަގާމެއްގައި ދެމި ނުހުރެވޭނެކަމަށާއި، އެހެންކަމުން މި ސަރުކާރުވެސް ބަދަލުވެގެންދާނެކަމަށެވެ.

އެއަށްފަހު ރައްޔިތުން ބޭނުންވާ ފަރާތަކާއި ވެރިކަން ހަވާލުކުރާނެކަމަށާއި، އެއީ ރައީސް ޔާމީންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އިދިކޮޅުން ސްޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށައެޅިއެވެ. ނަމަވެސް މި މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އިދިކޮޅުން ގަބޫލުކުރަނީ މިއީވެސް ސަރުކާރުގެ ނުފޫޒުކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރެވޭނީ ސްޕްރިމް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއްކޮށްފި ހާލަތެއްގައެވެ. އެއީ ސުޕްރީމު ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލްކުރުމެވެ. ނަމަވެސް މިހާރު ވަގުތު ކުޑަތަންވެފައިވާތީ، ގިނަ ބަޔަކު ގަބޫލުކުރަނީ ރައީސް ޔާމީންއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: