ރިޔަލު ދޯންޏެއްގައި ފަލި ޖަހާފައި ހަނދަށް ދެވޭނެ ކަމަށް ބެލުމަކީ ވިސްނަން ވާނެ ކަމެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލހުގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ 15 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަމްބަރަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހުށައަޅާފައިވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން ހިމަނާފައިވެއެވެ. އެކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ފަނޑިޔާރުންނާއި ބެހޭ ގާނޫނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މީގެ 12 އަހަރު ކުރިން ގެނެވުނު ގާނޫނެއް ކަމަށެވެ.
މީގެ 12 އަހަރުފަހުންވެސް ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުގައިވެސް ޑިޕްލޮމާއެއް އޮތް މީހަކަށް ފަނޑިޔާރަކަށް އިނދެވިދާނެ ކަމެއް ކަމަށާއި އެ ޝަރުތު ހަމަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޑިޕްލޮމާ އަކީ ކޮންމިންވަރެއްތޯ އާއި ކޮން ފެންވަރެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ޑިގްރީއެއް ހާސިލް ކުރެވެނީ ތިން އަހަރުން ކަމަށާއި އެހެން ކަމުން ޑިޕްލޮމާ އަކީ ސިސްޓެމެޓިކް ކޮށްބަލައިފިނަމަ އެއީ ޑިގްރީގެ ފުރަތަމަ އަހަރު ކަމަށާއި އެހެން ކަމުން ޑިގްރީ އަކުން މީހަކު ހާސިލްކުރާނެ ވަރުގެ ތިން ބައިކުޅަ އެއްބައި އޭނާއަށް ޑިޕްލޮމާ އަކުން ހާސިލްކުރެވޭ ކަމަށާއި އެހެން ކަމުން ޑިޕްލޮމާ ހާސިލްކޮށްފައިވާ މީހަކަށް ރޯފިލާފައި ހުންނާނީ އެއްޗެއްގެ ތިންބައިކުޅަ އެއްބައި ކަމަށާއި އަނެއް ދެބައި އޮންނާނީ ރޯ ނުފިލާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކޯޓްތައް ކުއްލިއަކަށް އުފެއްދި އިރުގައި މާލެ ގެނެސް ދިހަ މަސްދުވަހުގެ ޓްރެއިނިންގ އަކާއި ކޯޓްތަކުގައި ތަމްރީނު ކުރުމަށް ވަގުތުކޮޅެއް ދިނުމަށްފަހު ގާޒީން ތަމްރީނު ކުރިޔަސް މިއަދު ދުނިޔެ ވަނީ ބަދަލުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށާއި އެގޮތުން ބޮޑެތި ހައްސާސް މައްސަލަތައް ކޯޓްތަކަށް ހުށައެޅޭކަމަށާއި ބޮޑެތި ގާނޫނުތަކާއި ބައިނަލްއަގްވާމީ ގޮތުން ހުރި ބައެއް ކަންތައްތައް އެކުވެ ލާމެހިގެން ކޯޓްތަކުގައި މަސައްކަތް ކުރަންޖެހޭއިރު މިއަދު އެންމެންވެސް ވިސްނާލަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިއަދު ކޯޓެއްގައި މެޖިސްޓްރޭޓް ކޯޓެއްގައި ޑިޕްލޮމާއެއް އޮތް ގާޒީއަކަށް ނުވަތަ ފަނޑިޔާރަކަށް އެންމެ އަދުލުވެރިގޮތެއްގައި އިންސާފުވެރިކަމާއެކު ހާލަތާއި ވަގުތާއި އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށްގެން ޑިޕްލޮމާ އަކާ ހަމައަށް ތައުލީމް ހާސިލްކޮށްފައި ހުންނަ މީހަކަށް ހަގީގަތުގައިވެސް އިންސާފުގެ މަގުން ގެންދަން ބޭނުންވާ ރަނގަޅު އިންސާފެއް ހޯދައިދިނުމުގެ ގާބިލްކަން އޭނާގެ ކިބައިގައި ހުންނާނެ ކަމާއި މެދު ސުވާލު އުފައްދާފައެވެ.
މީގެ ކުރީގައި އެކަން އެގޮތަށް އޮތް ނަމަވެސް މިއަދު ކޯޓްތަކުގައި ތިބެންޖެހޭނީ އެންމެ ދަށްމިނުން ފަސްޓް ޑިގްރީ އެއް އޮތް މީހެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި ތިބެން ޖެހޭނީ އެންމެ ދަށްވެގެން މާސްޓާރސް ޑިގްރީ ފެންވަރުގެ މީހުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އާދަމް ޝަރީފް ވިދާޅުވީ އަންނަ މައްސަލަތަކަށް ރިއާޔަތްކޮށް މައްސަލަތައް އޮތް ގޮތާއި ބާވަތާއި އޭގެ ކޮމްޕްލިކޭޝަންސް ރަނގަަޅަށް ދެނެގަނެ ދިރާސާކޮށްގެން ނަތީޖާއެއް ނެރެވޭ ވަރުގެ ބަޔަކު ކޯޓްތަކުގައި ތިބެން ޖެހޭތީއެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަށް ހުށައަޅާފައިވާ އިސްލާހުގައި ހިމެނޭ އެމީހެއްގެ ވަޒީފާއިން ވަކިވުމަށް އަމިއްލައަށް އެދޭ އުމުރަކީ 55 އަހަރުން 65 އަހަރަށް ބަދަލުކުރުމެވެ. އެ އިސްލާހާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ތައުލީމީ އަދި ތަޖުރިބާ ހުރި ފަނޑިޔާރުން ދާއިރާގައި ހިފަހައްޓަންޖެހޭ ކަމަށާއި އެބޭފުޅުންނަށް ދެވޭ ތައުލީމާއި ތަމްރީނާއި އެކީގައި ސިސްޓަމްގެ ތެރޭގައި އެބޭފުޅުން ދެމެހެއްޓުމަށްޓަކައި ފުރުސަތު ތަކެއް ފަހިކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން 28 ވަނަ މާއްދާއަށް ހުށައެޅި އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ 15 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީ ދިވެހި ރާއްޖޭގެ ކޯޓްތަކުގައި ތިބޭ ފަނޑިޔާރުންނަކީ އިސްލާމީ ޝަރީއަތަށް ފަރިތަ، ފަހި ބަޔަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފުގެ މަގުން ކޯޓްތައް ހިންގޭނީ ހަމައެކަނި ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި އޮންނަ ލީގަލް އޮފިސަރަކަށް ފަނޑިޔާރުކަން ދީގެން ނޫން ކަމަށާއި އެ އިސްލާހަކީ ބަލައިގަނެވޭނެ އިސްލާހެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަން އެނޫން މަގަކުން ގެންދެވިގެން ނޫނީ ނަތީޖާ ނުނެރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

