ކައުންސިލްތަކުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެ މަޝްރޫއު ހިންގަމުންދާ މިންވަރަކުން ދޫކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާޙިމް ވަހީދު ގައުމީ އިދާރާތަކުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކައުންސިލްތަކާއި ހިންގުން ހަވާލުކުރަންޖެހޭ މަޝްރޫއުތަކުގެ ފައިސާ ކައުންސިލްތަކާއި ހަވާލު ނުކުރާ ސަބަބު ހޯދުމަށް ކުރެއްވި ސުވާލާއި ގުޅިގެން އަމީރު ވިދާޅުވީ ކައުންސިލްތަކާއި މަޝްރޫއުތައް ހަވާލު ކުރެވެން އޮންނަނީ ޕްރޮޖެކްޓަކާއި ހަވާލްވާ ވުޒާރާއަކާއި ކައުންސިލްތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ޕްރޮޖެކްޓްގައި ކައުންސިލްތަކުން ސޮއިކުރުމާއެކު މާލިއްޔަތު ގަވާއިދުގައިވާ ޓެންޑަރިންގ ޕްރޮސެސް ފެށޭކަމަށެވެ. އަދި ޓެންޑަރ ކޮށް ނިމުމުން ޕްރޮޖެކްޓް ހިނގަމުންދާ މިންވަރަކުން ޕްރޮޖެކްޓަށްވާ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކައުންސިލްތަކަށް ދޫކުރަމުން ދާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކައުންސިލް ތަކަށްދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލް ތަކުގެ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ތަންފީޒްކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
2019 ވަނަ އަހަރު އުސޫލެއްގެ ތެރެއިން ކައުންސިލްތަކުގެ ބަޖެޓް އެކުލަވާލުވުގެ މަސައްކަތް ކުރަމުން އައި ކަމަށް އަމީރު ވިދާޅުވިއެވެ.
ކައުންސިލްތަކުން ބަޖެޓް ތަންފީޒްކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން ހަވާލުކުރުމަކީ ޕްރޮޖެކްޓް ހިންގުމާއި ހަވާލުވާ ވުޒާރާ އެއްގެ މެންޑޭޓްގައިވާ ކަމެއް ކަމަށް އަމީރު ވިިދާޅުވިއެވެ.
މިއަދާ ހަަމައަށް ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ތަކުގެ އެންމެ ފަހުގެ މައުލޫމާތު އެޕްރޮޖެކްޓް ހިންގުމުގައި މަސްއޫލުވާ ވުޒާރާތަކުން ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓް ފާސްވެގެން އައީ 37 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެފައިސާ އަކީ ފިސްކަލް އަހަރުވެ ޖަނަވަރީ ފެށޭއިރު ގަނޑުކޮށް ހަރަދުކުރުމަށް ލިބިފައިހުންނަ ފައިސާ ނޫން ކަމަށާއި އެފައިސާ ހަރަދުކުރުމުގައި ދައުލަތަށް ފައިސާ ވަންނަ މިންވަރު ނުވަތަ ކޭޝް ފްލޯ އަށް މުހިއްމު އަހައްމިއްޔަތު ކަމެއް ދޭންޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

