ފެނެކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި އިބްރާހިމް ވަހީދާއި ދެމެދު ޖެހުނު މައްސަލައިގެ ހަގީގަތް ހާމަ ކުރެއްވުމަށް އުޒުރުވެރިވާކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
މަގާމުން އިސްތިއުފާ ދެއްވައި ވަހީދު ފެނަކައިގެ މައްޗަށް ކުރި ތުހުމަތުކާއި މެދު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން ސައީދު ވިދާޅުވީ، އިބްރާހިމް ވަހީދުގެ ސިޓީގައި ބުނާ އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް ކަމަށެވެ.
މިއަދުގެ ކޮމިޓީގައި އިންތިހާބުތަކާއި ގުޅުވައި ކުންފުންޏަށް ލިބޭ އާމްދަނީ އާއި ނުބައްދަލު އަދަދަކަށް މުއައްޒިފުން ނަގާ ކަމަށް ބުނެ ލިބެމުންދާ ޝަކުވާތަކެއް ހުރިކަމަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ. ޖަވާބުގައި ސައީދު ވިދާޅުވީ މައި ސަރުކާރުން އެއްވެސް ފައިސާއެއް ހޯދައިގެން ކުންފުނިން އެއްވެސް ކެޕިޓަލް ހަރަދެއް ނުކުރާކަމަށެވެ. އަދި އެކަށީގެން ނުވާ، ބޭނުން ނުވާ އެއްވެސް މުއައްޒަފެއް ނަގާފައި ނުވާނެކަމަށް ސައީދު ވިދާޅުވިއެވެ.
މިއާއި އެކު ސައީދުގެ ޖަވާބު ފުރިހަމަ ނުވާކަމަށް ބުނެ ފަޒުލް އެނާގެ ސުވާލު ތަކުރާރު ކުރެއްވި އެވެ. އަދި ކުންފުންޏަށް ލިބޭ އާމްދަނީއާއި މުއައްޒަފުންގެ އަދަދާއި ބައްދަލުތޯ ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ މުއައްޒިފުން ނަގަނީ ފެނަކައަށް ލިބޭ އާމްދަނީ ބެލުމަށް ފަހު، ހިދުމަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މުއައްޒިފުން ނަގަންޖެހުމުންކަމަށެވެ. އަދި ފެނަކައަކީ ”ބްލީޑިންގް“ ކުންފުންޏެއް ނޫންކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އިބްރާހިމް ވަހީދާއި ފެނަކައާއި މެދު ޖެހިވައިފާ މައްސަލަ އަދި އެނާ އާއި މެދު އެޅި ފިޔަވަޅުތަކާއި އިސްތިއުފާގެ ސިޓީގައި ކުރެއްވި ތުހުމަތުތަކާއި މެދު އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ސުވާލު ކުރެއްވުމުން ސައީދު ވިދާޅުވީ، ހަގީގަތުގައިވެސް ފެނަކައިގެ މިއަދުގެ މެނޭޖްމަންޓަކުން ވައްކަމެއް ނުކުރާނެކަމަށެވެ. އަދި ވަހީދާއި މެދު ފިޔަވަޅެއް އެޅިފައިވަނީ ލިޔެކިއުންތަކެއް އާންމު ކުރި މައްސަލައެއްގައި އެއް ފަހަރުކަމަށް ފާހަގަކުރައްވާ އެނާ ވަނީ ވަހީދާއި ފެނަކައާއި ދެމެދު އޮތް މައްސަލަ އާންމު ކުރުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.
އޭގެ ސަބަބެއްކަމަށް ސައީދު ވިދާޅުވީ އެ ކޮމިޓީއަކީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ކޮމިޓީއެއްކަމަށް ވެފައި ނޫސްވެރިންނާއި މީޑިއާ ހާޒިރުވެ ތިބުމުން އިބްރާހިމް ވަހީދުގެ އަބުރަށް ގެއްލުންތަކެއް ލިބިދާނެ ވާހަކަތަކެއް ހުރުމެވެ.
ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އިބްރާހިމް ވަހީދު ވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އެ ކުންފުނީގެ ޗެއަރޕާސަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޗެއާރމަން މުހައްމަދު ރަޝީދާއި އެމްޑީ ސައީދު އެކުންފުނި ހިންގަވަނީ “އަމިއްލަ ކުންފުންޏެއް”ގެ ގޮތުގައިކަމަށް ވަހީދު ވަނީ ސިޓީގައި ބަޔާން ކުރައްވާފައެވެ.
ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށާއި ދައްކަން ޖެހޭ ބިލްތަކަށް ގަވާއިދުން ފައިސާ ނުދެއްކުމުގެ އިތުރުން ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ސައިދާއި ޗެއާމަނަށް ފައިދާވާ ގޮތަށް ކުރަމުންދާކަމަށްވެސް ވަހީދުވަނީ ވިދާޅުވެފައެވެ.

