މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތާއިބެހޭ ސިއްރު ކޮމިޓީގެ ބައްދަލުވުން އޮޅުމަކުން މަޖިލީހުގެ ޔޫޓިއުބް ޗެނަލްއިން ލައިވް ކުރެވިއްޖެ އެވެ.
މިކަމާއި ގުޅިގެން މަޖިލީހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތާއި ބެހޭ ކޮމިޓީގެ 26 ވަނަ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމަށް ކޮމިޓީއިން ނިންމާފައިވަނިކޮށް، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ބައްދަލުވުމުގެ އޯޑިއޯ މަޖިލީހުގެ ޔޫޓިއުބް ޗެނަލް އިން ކުޑަ ވަގުތުކޮޅަކަށް ލައިވް ސްޓްރީމް ކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން، އެ އޯޑިއޯ އަޑުއެހުމަށްފަހު ބައެއް މީޑިއާތަކުން ކޮމިޓީގައި ދައްކާފައިވާ ވާހަކަތަކައް ހިމަނާ، އެ ވާހަކަތަކާ ހަވާލާދީ، ޚަބަރު ލިޔެފައިވާތީ، މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ސިއްރު ކޮމިޓީގެ ސިއްރު ހިފެހެއްޓުމަށްޓަކައި ކޮމިޓީއާ ހަވާލާދީ މީޑިއާތަކުން ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާއިން ނެގުމަށް އެ ނޫސްބަޔާނުގައި ވަނީ އެދިފައެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި، ޖިންސީ ގޯނާގެ މައްސަލައެއްގައި އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރު ހާމަވާގޮތަކަށް މައުލުމާތު ދިން ބައްދަލުވުމެއް އޮޅިގެން ލައިވް ކުރެވުނެވެ. މަޖިލީހުގެ އިދާރާއަށް އެ ކޮމިޓީ ލައިވް ކުރިކަން އެނގުނީ، ވެސް މީޑިއާތަކުން އެކަން ރިޕޯޓު ކުރުމުންނެވެ.

