ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެޓިޝަން ހުށަހެޅުމަށް ޝައުގުވެރިކަން ބޮޑު: ރައްޔިތުންގެ ބަސް ސާފުކޮށް އިއްވުމަށް މަގެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށާއި ގަވާއިދުތަކަށް އިސްލާހުތައް ހުށައަޅަމުން އައީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު މީގެ ކުރިން އެ ބަޔަކު ބޭނުންވާ ގޮތަށެވެ. އޭރު އެ ދާއިރާއާ ގުޅޭ ފަންނީ ބޭފުޅުންނާއި ފަހަރުގައި ބައްދަލުކުރި ނަމަވެސް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަކީ އެއްވެސް އިރެއްގައި މާ ޝައުގުވެރިކަމާއެކު ކުރި ކަމެއް ނޫނެވެ.

މީގެ ކުރިންވެސް އީ-ޕެޓިޝަން ހުށައެޅުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަމަށް މާ ބޮޑު ޝައުގުވެރިކަމެއް އޮތް ތަނެއް ނުފެނެއެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނަށް ހުށައެޅި އިސްލާހު ނުވަތަ ސަރުކާރުން ބޭނުންވެއްޖެނަމަ ކައުންސިލްތަކުގެ ބިން އަތުލެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކުރުމާ ދެކޮޅަށް އީ-ޕެޓިޝަން ހުށައެޅުމާއެކު، އީ-ޕެޓިޝަންގެ ނިޒާމަށް ސަމާލުކަން ލިބި ވަރަށް ބޮޑު ތަރުހީބެއް އެކަމަށް ލިބިގެން ގޮސްފިއެވެ.

ސަރުކާރުން ވަކާލާތުކުރަމުންދިޔަ ބަދަލާ ދެކޮޅަށް ޕެޓިޝަން ހުށަހެޅުމުން، މަޖިލީހުން ޕެޓިޝަންތަކުގެ ގަވައިދަށް ބަދަލު ގެނެސް، އެއް މައްސަލައެއްގައި އެއް ޕެޓިޝަނަށް ވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަދައި، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދު އޮތްކަން ދައްކަން ވާދައަށް ޕެޓިޝަނެއް ފެށި އިރު އެ ޕެޓިޝަނަށް ވެސް ވަނީ 10،000 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފައެވެ.

އެ އިސްލާހުތަކާ ދެކޮޅަށް އީ-ޕެޓިޝަން ހުށައަޅާފައިވާއިރު، އެއީ ރައްޔިތުން ދެކޭ ގޮތް މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ކުރި ކަމެކެވެ. ޕެޓިޝަނެއް މަޖިލީހަށް ހުށައެޅެނީ މަޖިލީހަށް ހުށައަޅާ ބިލަކާއި ގުޅިގެން، މަޖިލީހަށް ހުށައެޅިފައިވާ މައްސަލައެއް ނުވަތަ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނޭ ކަމަކާއި ގުޅިގެންނެވެ. ޕެޓިޝަން ހުށައެޅުމުގައިވެސް ޝަރުތުތަކެއް ބަޔާންކުރާއިރު އެ ޝަރުތުތައް ބަޔާންކޮށްފައިވަނީ އެކަމާ ބެހޭ ގަވައިދުގެ 257 ވަނަ މާއްދާގައެވެ.

އެގޮތުން އެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ޕެޓިޝަން ހުށައަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮންނަން ޖެހޭ ކަމަށެވެ. އަދި އެ ޕެޓިޝަނަކަށް، މަދުވެގެން 500 މީހުންގެ ސޮއި ހަމަވިނަމަވެސް ގަވައިދުގައި ބަޔާންކުރާ ތްރެޝްހޯލްޑް 1 ހަމަވާ އަދަދަށް ސޮއި ލިބިފައިނުވާ ހާލަތުގައި މަޖިލީހުގެ މެމްބަރަކު އެ ޕެޓިޝަން ސްޕޮންސަރކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރުމަށް ޓަކައި ޕެޓިޝަން ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާ ޕެޓިޝަނެއް، އެންމެ އަވަހަށް ބާއްވާ 3 (ތިނެއް) ޖަލްސާގެ ތެރެއިން ޖަލްސާއެއްގެ އެޖެންޑާގައި ހިމަނައި، އެ ޕެޓިޝަނާ މެދު މަޖިލީހުގައި ބަހުސްކުރަންވާނެ ކަމަށް ގަވައިދު ބުނެއެވެ. އެ ބަހުސްގެ ބޭނުމަކީ އެ ޕެޓިޝަންގައި ބަޔާންކޮށްފައިވާ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހާމަކުރުމެވެ.

ގަވައިދު ބުނާގޮތުން ޕެޓިޝަން ކޮމިޓީއަށް ހުށަހެޅޭ ކޮންމެ ޕެޓިޝަނެއް އެ ކޮމިޓީން ބަލައި، ގޮތެއް ނިންމަންވާނެއެވެ. އަދި މަޖިލީހުން އެކަމާމެދު ރިއާޔަތްކުރަން ފެންނަ ކަމެއް ހިމެނިގެންވާނަމަ، އެކަމާމެދު ގޮތެއް ނިންމުމަށް، އެ ކޮމިޓީގެ ރިޕޯޓާއެކު އެ ޕެޓިޝަންގައިވާ މައްސަލަ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބުނެފައެވެ.

(1)ތްރެޝްހޯލްޑް 1: ޕެޓިޝަނެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެންމެ މަދުން ސޮއި ބޭނުންވާ އަދަދު ކަނޑައެޅުމުގައި ބަލާނެ ދިވެހީންގެ އާބާދީގެ އިންސައްތައަކީ %0.2 (ސުމެއް ޕޮއިންޓް ދޭއް އިންސައްތަ) އެވެ. އެއީ 840 ސޮއިއެވެ. އެ އަދަދަށް ސޮއި ހަމަވާ ޕެޓިޝަނަށް ކިޔަނީ އާންމު ޕެޓިޝަނެވެ. އެފަދަ ޕެޓިޝަންތައް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވަން ޖެހޭނެއެވެ.

(2)ތްރެޝްހޯލްޑް 2: ޕެޓިޝަނަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް އެންމެ މަދުން ސޮއި ބޭނުންވާ އަދަދު ކަނޑައެޅުމުގައި ބަލާނެ ދިވެހީންގެ އާބާދީގެ އިންސައްތައަކީ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އެވެ. އެއީ 2100 ސޮއިއެވެ. އެ އަދަދަށް ސޮއި ހަމަވާ ޕެޓިޝަނަށް ކިޔާނީ ހާއްސަ ޕެޓިޝަނެވެ. އެފަދަ ޕެޓިޝަންތައް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށް އެކަމަށް ބަހުސްކުރަން ގަވައިދު ލާޒިމުކުރެއެވެ.

ގަވައިދުގައި ބަޔާން ކޮށްފައިވަނީ މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުމުން، ދިވެހީންގެ އާބާދީއަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 6-257 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ އިންސައްތަތައް ޕެޓިޝަން ކޮމިޓީން މުރާޖައާކުރަންވާނެ ކަމަށާއި އަދި، އެ އިންސައްތަތަކަށް އެއްވެސް އިސްލާހެއް ގެންނަން އެ ކޮމިޓީއަށް ފެންނަނަމަ، އެކަމެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އެ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕެޓިޝަން ކޮމިޓީން އިންސައްތަތައް މުރާޖައާކުރާ ތާރީހުން ފެށިގެން ކޮންމެ 3 (ތިނެއް) އަހަރުން 1 (އެކެއް) ފަހަރު އެ އިންސައްތަތައް އެ ކޮމިޓީން މުރާޖައާކުރަން ޖެހެއެވެ. އަދި، އެ އިންސައްތަތަކަށް އެއްވެސް އިސްލާހެއް ގެންނަން އެ ކޮމިޓީއަށް ފެންނަނަމަ، އެކަމެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ޖެހެއެވެ.

އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރުމަށް ގިނަވެގެން 6 ހަފްތާގެ މުއްދަތެއް ލިބިދެވޭނެއެވެ. އެ 6 ހަފްތާގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އެ މުއްދަތު ހަމަވާއިރު، އީ-ޕެޓިޝަނެއްގައި 500 ސޮއި ހަމަނުވާނަމަ، އެ ޕެޓިޝަން ބާތިލުވާނެއެވެ.

މަޖިލީހަށް ހުށައެޅުނު ދެ ޕެޓިޝަނަކާ ގުޅިގެން ޕެޓިޝަންތަކުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ލާމަރުކަޒީ ގާނޫނަށް ހުށައެޅުނު އިސްލާހާއި ގުޅިގެން ހުށައެޅުނު ޕެޓިޝަނަށް ފަހު 13 ޕެޓިޝަނެއް މިހާރުވެސް ހުށައަޅާފައި އެބަހުއްޓެވެ. މިއީ ނިޒާމީ ގޮތުން ބަލާއިރު ރަނގަޅު ކަމެއްކަން ފާހަގަކުރެއެވެ. މަޖިލީހުން ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމާއިރު ރައްޔިތުން އެކަމުގައި އަމިއްލައަށް ބަސް ބުނުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންނާއި ގުޅޭ ހައްސާސް ކަންކަމުގައި ގޮތް ނިންމާއިރު، ރައްޔިތުން އިންތިހާބު ކުރާ މެމްބަރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ތޯ މިކަމުން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

މިހާރުގެ އެކި މައްސަލަތަކަށް ވެސް ބަލާއިރު، އެކި ޕެޓިޝަންތައް އެކި މައްސަލަތަކަށް ވަނީ ހުށައަޅާފައެވެ. އެގޮތުން:

  1. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށަަހަޅާފައިވާ އިޞްލާހު އަނބުރާ ގެންދިއުމަށް ގޮވަލާ ޕެޓިޝަން (2307 ސޮއި)
  2. ލޭނުމަސްވެރިކަން ކުރަން ހުއްދަ ދިނުން ލަސްވާތީ ހުށަހެޅި ޕެޓިޝަން (106 ސޮއި)
  3. އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަން (6692 ސޮއި)
  4. ދަނޑުވެރިކަމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ ކަނޑާލާފައި އޮންނަ އޮތުމުގެ މަންފާ ސީދާ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ޕެޓިޝަން (68 ސޮއި)
  5. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަން (10150 ސޮއި)
  6. ކޮލިފައިންގ ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ ޤަވާއިދަށް ގެނެވުނު 2 ވަނަ އިސްލާޙު، އެ އިސްލާޙުގެ ކުރިން ކޯހުގައި ބައިވެރިވެފައިވާ ދަރިވަރުން އިސްތިސްނާވާ ފަދަ ޙައްލެއް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކޮށްގެން ހޯއްދަވައިދެއްވުމަށް އެދި ހުށަހަޅާ ޕެޓިޝަން (855 ސޮއި)
  7. ޤައުމީ ބޯހިޔާވަހިކަމުގެ ކާރިސާއާއި ސަރަހައްދީ ފަރަގު ނައްތާލުމަށްޓަކައި މަދުވެގެން 25 އަހަރުގެ މުއްދަތަށް ދެމިގެންދާ ”ޚާއްސަ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ސަރަހައްދުތަކުގެ ސަންސެޓް ގާނޫނެއް އެކުލަވާލުމަށް ގޮވާލުން (66 ސޮއި)
  8. ރައްޔިތުން ހޮވި މަޖިލިސް މެމްބަރު ވަކި ކުރުމުގެ ބާރުވެސް ރައްޔިތުމީހާއަށް ދިނުމަށް ގޮވާލާ ޕެޓިޝަން (1184 ސޮއި)
  9. ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ޢުމުރުގެ ޝަރުޠު، ޤާނޫނީގޮތުން ވޯޓުލުމުގެ ޙައްޤު ލިބިދޭ ޢުމުރާ އެއްހަމަކޮށް، އެ އުމުރަކީ މަދުވެގެން 18 އަހަރުކަމަށް ބަދަލުކުރުމަށް ހުށަހަޅާ ޕެޓިޝަން (24 ސޮއި)
  10. ސުންނާފަތިވެފައިވާ އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށާއި، ލިންކް ރޯޑް ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމަށް ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަވަސްކުރުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަން (164 ސޮއި)
  11. ހއ. ދިއްދޫ ރޯހައުސް ހައްގުވެރިންނަށް އިންސާފުވެރިކަމާއި އެކު ބެހުން (15 ސޮއި)
  12. ސްކޫލް ދަރިވަރުން ލާންޖެހޭ ޔުނިފޯމްތަކުގެ ފެންވަރު ރަނގަޅުކޮށް, ދިވެހިރާއްޖޭގެ މޫސުމާއި ގުޅޭގޮތަށް ޔުނިފޯމް ބަދަލުކުރުން (12 ސޮއި)
  13. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގްރޫމިންގ އަދި ހެދުންއެޅުމުގެ އާންމު އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންގޮސް މަޖިލީހުން ގޮތެއް ނިންމުމަށް ގޮވާލާ ޕެޓިޝަން (489 ސޮއި)

މި އައު ބަދަލުގެ ސަބަބުން ރައްޔިތުންގެ ބަސް އިއްވުމުގައި ފަސޭހަވެ، ރައްޔިތުންގެ މަޖިލީހުން ގޮތް ކަނޑައެޅުމުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ސަރުކާރުތަކަށް ރައްޔިތުން މެޖޯރިޓީ ދީފައިވާކަމަށް ބުނެ ރައްޔިތުންގެ ވިސްނުމާ ހިލާފަށް ސިޔާސަތު ބަދަލުކޮށް، ނަގަންމުދާ ނާޖާއިޒް ފައިދާވެސް ރައްޔިތުންގެ ލޯމައްޗަށް ސާފުވެގެންދާނެއެވެ. މީގެ އިތުރުން ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް އިތުރަށް ބާރުއެޅިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: