އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލަކީ ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމުގެ ރޫހާ މުޅިން ހިލާފަށް، ބާރުތައް މަރުކަޒު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ބިލާ ދެކޮޅަށް އާންމު ރައްޔިތުންގެ ވެސް ޝުއޫރު ފާޅުކުރަމުންދާއިރު، ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނަކާއި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އަމިއްލަ މެމްބަރަކު ލައްވައި ހުށަހަޅައި، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަކާލާތުކުރަމުންދާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި، ސ. މަރަދޫފޭދޫ އައްސޭރި، މިދުއަމް ސައުދު މި މަހުގެ އަށް ވަނަ ދުވަހު ފެށި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބި 2300އަށް ވުރެ ގިނަ ރައްޔިތުންގެ ސޮއި މިހާރު ވަނީ ހަމަވެފައެވެ.
އެ ޕެޓިޝަނުގައި އަދިވެސް އެކި ފަރާތްތަކުން ސޮއިކުރަމުންދާއިރު، މިދުއަމްގެ ޕެޓިޝަނާ ވާދައަށް، ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ އެހެން ޕެޓިޝަނެއް ވެސް އިއްޔެ ވަނީ ފަށައިފައެވެ. ސ. މީދޫ، ބިނާ، އަހުމަދު ޝާތިރު އިއްޔެ ފެށި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ އެ އިސްލާހަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާޙަކަށް ވާތީ އިސްލާހު ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އެ ޕެޓިޝަނަށް މިހާތަނަށް ވަނީ 850 އަށް ވުރެ ގިނަ ސޮއި ހަމަވެފައެވެ.
އެ ދެ އީޕެޓިޝަނަކީ ވެސް މަޖިލީހުގެ ވެބްސައިޓުން އީފާސް މެދުވެރިކޮށް ލޮގިންވެ، ސޮއިކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އީޕެޓިޝަންތަކެކެވެ. މަޖިލީހުގެ ޕެޓިޝަނާ ބެހޭ ގަވައިދަށް ބަލާއިރު، އިސްލާހު އަނބުރާ ގެންދަން ގޮވާލި ޕެޓިޝަނަށް ވަނީ، ހާއްސަ ޕެޓިޝަނުގެ ދަރަޖައަށް ސޮއި ހަމަވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ތަޅުމުގައި އެކަމާ ގުޅޭގޮތުން ބަހުސްކުރަން ޖެހޭނެއެވެ.
އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލި ޕެޓިޝަނަށް މިހާތަނަށް ސޮއި ހަމަވެފައިވަނީ އާންމު ޕެޓިޝަންގެ ދަރަޖަ ލިބޭ މިންވަރަށެވެ. އެހެންކަމުން، އެ ޕެޓިޝަން ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވައިފައެވެ.
އެ ދެ ޕެޓިޝަންގެ ވާދަވެރިކަން ހޫނުވެފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާމެދު އާންމުންގެ ހިޔާލު ހުރި ނެތް ގޮތް ދެނެގަތުމުގެ ވަސީލަތްތަކަށް ޕެޓިޝަންތައް ވަނީ ވެގެން ގޮސްފައެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައި ވަނީ ކޮން އިސްލާހުތަކެއް؟
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ 56 ވަނަ މާއްދާގެ (ލ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ. އިތުރުކުރަން ހުށަހަޅާފައިވާ އަކުރުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އަދި، އެފަދައިން މަޝްރޫއެއް ހިންގުމަށް ޓަކައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު އެކަން ކަމާ ބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށެވެ.
އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވޮލޮޕްމެންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ފެށުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށް ބަޔާންކޮށް، ލާމަރުކަޒީ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމާ ގުޅޭ 2-107 ވަނަ މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކާ ކައުންސިލުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ހެދުމަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން ކައުންސިލްގެ މެމްބަރުންގެ މަސައްކަތުގައި ގެންގުޅެންޖެހޭ 1-131 ސުލޫކާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކޮށް، ސިޓީ ނުވަތަ ރަށުގެ ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާ މަޝްރޫއުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ ކައުންސިލަރުންގެ މަސައްކަތުގެ ސުލޫކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވަނީ ހުށަހަޅައިފައެވެ.
ކައުންސިލުގެ މެމްބަރުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކުރާ 2-131 މާއްދާއަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން ސިޓީ ނުވަތަ ރަށުގެ ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައިވެއެވެ.
މިދުއަމް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ އިޞްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާއަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އަދި އެއާއެކު މި އިސްލާހު ތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލުކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބި، ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އެ އިސްލާހަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނިކުރާނެ އިސްލާހުތަކަކަށް ވާތީވެ، އެ ބިލު އަނބުރާ ގެންދަން އޭނާ ގޮވާލެއްވިއެވެ.
އިސްލާހު ފާސްކުރަން ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި އޮތީ، އެ އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ފަތުރާ ހަގީގަތާ ހިލާފު ބާތިލު އަސާސްތަކެއް މައްޗަށް ބިނާކޮށްފައިވާ ވުޖޫދުގައި ނުވާ ވާހަކަތަކެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތަކާއި އަމަންއަމާންކަން ގާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ހިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަޙަތުގައި ކުރަންޖެހޭ ކަމެއް ކަމަށް އެ ޕެޓިޝަނުގައިވެއެވެ.
އޭގެ އިތުރުން، ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫން ކަމަށާއި ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހަާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެއް ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެވެ.

