ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުން ގެއްލުންވާނީ ރާއްޖޭން ބޭރުން ލޯނު ނަގާ އިންވެސްޓަރުންނަށް: ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭން ބޭރުން ލޯނު ނަގައިގެން އަންނަ އިންވެސްޓަރުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި އުނިކުރާ އިންޓްރެސްޓް ޚަރަދުތަކުގެ މިންގަނޑު މުރާޖައާކުރުމާއި، ޓެކްސް އެސެސްމަންޓް މުއްދަތުތަކުގައި އުނިކުރެވޭ އިންޓްރެސްޓްގެ މިންވަރު ޓެކްސް-އީބިޓްޑާ (Tax-EBITDA) ގެ 25 އިންސައްތައަށް ކަނޑައެޅުމެވެ.

މި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އާންމު އުސޫލުން ވިޔަފާރިއަކުން ލިބޭ ފައިދާގެ 15 އިންސައްތަ ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭއިރު، ފައިދާ ބަލަނީ ޚަރަދުތައް ކެނޑުމަށްފަހުގައި ކަމަށެވެ. އަދި ކުންފުނިތަކުން ނަގާފައިވާ ލޯނުތަކަށް ދައްކާ އިންޓްރެސްޓް ކެނޑުމަށްފަހު ބާކީވާ ފައިދާއިން ޓެކްސް ދައްކަމުން އަންނައިރު، މި އިސްލާހުން ބުނަނީ އިންޓްރެސްޓް ކެނޑޭ މިންވަރު ކުޑަކުރުމަށް ކަމަށް ވިދާޅުވިއެވެ.

މީގެ މާނައަކީ ހަގީގަތުގައި ކުންފުންޏަށް ލިބޭ ފައިދާއަށްވުރެ ބޮޑު އަދަދެއް ހިސާބުތަކުން ފައިދާގެ ގޮތުގައި ދައްކަންޖެހުން ކަމަށާއި، މި ޤާނޫނު ރާއްޖެއިން ލޯނު ނަގާ އިންވެސްޓަރުންނަށް ނުހިނގާތީ މިކަމުގެ ބުރަ އުފުލަންޖެހޭނީ ރާއްޖޭން ބޭރުން ލޯނު ނަގައިގެން އަންނަ އިންވެސްޓަރުން ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި އިސްލާހުގެ ސަބަބުން ދިގު މުއްދަތަކަށް ބަލާއިރު ގައުމަށް ފައިދާއެއް ލިބޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ބޭރުގެ ކުންފުނިތަކުން ނުވަތަ ގުޅުންހުރި ފަރާތްތަކުން ބޮޑެތި އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގައިގެން ޓެކްސް ދައްކަންޖެހޭ މިންވަރު ދަށްކުރުން އަދި  ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އުސޫލުތައް އެކުލަވާލުން ހިމެނެއެވެ. އަދި އެއް އަހަރު އުނިނުކުރެވި ހުންނަ އިންޓްރެސްޓްގެ ޚަރަދުތައް ކުރިއަށް އޮތް ޓެކްސް އަހަރުތަކަށް ގެންދިއުމުގެ ވަކި މުއްދަތަކާއި އުސޫލުތަކެއް ކަނޑައެޅުންވެސް ހިމެނެއެވެ. ސަރުކާރުން ބަޔާންކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ޓެކްސް ބޭސް ފުޅާވެ، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެގެންދާނެއެވެ.

ދިވެހިރާއްޖޭގައި އާމްދަނީން ޓެކްސް ނެގުމުގެ މައިގަނޑު ޤާނޫނުގެ ދަށުން ޓެކްސް ނަގަނީ ރާއްޖޭގެ ރަށްވެހިންނާއި ވަޒަންވެރިންގެ އިތުރުން، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުން ބޭރުގެ ފަރާތްތަކަށް ލިބޭ އާމްދަނީންނެވެ.

މީގެ ތެރޭގައި ވިޔަފާރީގެ ފައިދާއާއި، އިންވެސްޓްމަންޓް އަދި ކެޕިޓަލް ގެއިންސް ހިމެނޭއިރު، މި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: