ރައްޔިތުން އަތުން ނަގާ ޓެކްސް ނެގުމާ ދެކޮޅަށް ސަރުކާރު ހިންގާ ޕީއެންސީއާ ކޯލިޝަން ހަދައި، ސަރުކާރަށް ތާއީދުކުރާ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންްސް (އެމްޑީއޭ)އަށް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބަހުސްކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ މިއަދާ ހަމައަށް ވެސް ސަރުކާރު ކުންފުނިތައް ”ބްލީޑްވުން“ ނުހުއްޓުވިގެން އުޅޭ ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް އެއްގޮތަކަށް ވެސް އެކަށީގެންވާ މިންގަނޑެއްގަ އޮޑިޓް ނުކުރެވުން ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 2.5 ބިލިއަން މިފްކޯއަށް ދެމުންދާކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ މިވަގުތުވެސް ދުނިޔޭގެ މާކެޓުގައި މަސް ވިއްކެން ހުރި އަގު ބެލުމަށްފަހު، އެސްޓީއޯއަށް ޕެޓްރޯލާ ޑީސެލް ވިއްކާ ގޮތް ބެލުމަށްފަހު މަސް ގަތުމާ، މަސް ވިއްކުމާ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލާ ކަމަށެވެ.
މެންބަރު ވިދާޅުވީ 2.5 ބިލިއަން އަހަރަކު ދައުލަތުގެ މާލިއްޔަތުން މިފްކޯ ހިންގަން ނުވަތަ ސިޔާސީ ބޭނުމަކަށް ޚަރަދުކުރުުން އެއީ އެއްގޮތަކަށް ވެސް ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރުމުން އަބަދުވެސް އޮންނަނީ އާންމު ރައްޔިތު މީހާ އަތުން ނަގާ ޓެކްސް ބޮޑުކުރަން ޖެހިފައި ކަމަށް ވެސް އައްބާސް ފާހަގަކުރެއްވިއެވެ.
އެކަން އެގޮތަށް ކުރުމުން އަބަދުވެސް އޮންނަނީ އާންމު ރައްޔިތު މީހާ އަތުން ނަގާ ޓެކްސް ބޮޑުކުރަން ޖެހިފައި. ޖީއެސްޓީ ބޮޑުކުރަން. ވިޔަފާރިވެރިން އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރަން. މިއީ ހައްލެއް ނޫން. މިއީ އެއްގޮތަކަށް ވެސް ޓެކްސް ބޮޑުކުރަން އެންމެ މުނާސަބު ވަގުތެއް ނޫން. ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލުގަ.
މި ވަގުތަކީ ޓީޖީއެސްޓީ ބޮޑުކުރަން ވެސް އެންމެ މުނާސަބު ވަގުތެއް ނޫން ކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ސަބަބަކީ މި ރާއްޖެއަށް ބޭންކްތަކުން ލޯނު ނަގައިގެން އިންވެސްޓްކޮށްފައި ތިއްބެވި އިންވެސްޓަރުން ތިބީ ފީސިބިލިޓީ ހަދައިގެން އެލޯނުތައް ނަގައިގެން ކަމަށް ވުން ކަމަށެވެ. އަދި ކުއްލިއަކަށް ޓީޖީއެސްޓީ ބޮޑުކޮށްފިނަމަ އެ އިންވެސްޓަރުންގެ ތެރެއިން ގިނަ ބަޔަކު ބޭންކްރަޕްޓްވާނެ ކަމަށާ ނުވަތަ އެ އިންވެސްޓަރުން ރާއްޖެއަށް އިތުރަށް އިންވެސްޓްކުރުމާ މެދު ދެވަނަ ވިސްނެވުމަކަށް ދާނެ ކަމަށެވެ.
އެހެން ވެއްޖެނަމަ ރާއްޖެއަށް އަންނަން ތިބި އިންވެސްޓަރުން ނައުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް އައްބާސް ވިދާޅުވިއެވެ.
މިއަދު އީސްޓަން ޔޫރަޕާ ވެސްޓަން ޔޫރަޕުގަ ބޮޑެތި ހަނގުރާމަ އެބަކުރޭ. މެދުއިރުމަތީގަ ވެސް ހަމަ ހަނގުރާމައިގެ ހުޅު ފެނިގެން އެދަނީ. މިފަދަ ނާޒުކު ހާލަތެއްގަ އަޅުގަނޑުމެންގެ ރަންބިސް އަޅާ ކުކުޅު ފުނޑައިލަން ، ނުވަތަ އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާ ދޭތެރޭގައި އަޅުގަނޑުމެން އިހުމާލުވުމަށް ވުރެ އެންމެ އައުލާކަން ބޮޑީ ދައުލަތުން މިހާރު ވެސް، މިހާރު ވެސް މޫލާފައި ހުރި ވަގުންތައް ބޭރުކޮށް، ވައްކަންކުރާ ދޮރުތައް ބަންދުކޮށް، އޭސީސީ ވެސް މިއަށް ވުރެ ބޮޑަށް ފާރަވެރިވެ، އަދި އޮޑިޓާ ޖެނެރަލް ވެސް ޒިންމާދާރުކަމާ އެކު ޒިންމާދާރު އޮޑިޓްތަކެއް ކުރައްވައި، ސަރުކާރަށް ސާފުބަހުން ބުނެދޭންވީ ގެއްލުންވަނީ މިވެނިކުންފުނިތަކަކުންނޭ. ގެއްލުން ވަނީ މިވަނީ މިވަނީ ސަބަބުތަކަކާ ހުރެއޭ. އެހެންވީމަ ދައުލަތަށް ގެއްލުންވާ އެއްވެސް ކުންފުންޏެއް ދެން އިތުރަށް ވިޔަފާރިކުރަން ހައްދަވާނެ ކަމެއް ނެތް. އެއީ ބޭނުންތެރި ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން.
މެންބަރު ވިދާޅުވީ އަބަދު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން، ނުވަތަ ވިޔަފާރިވެރިން އަތުން ހައްދެއްނެތް މިންވަރަށް ޓެކްސް ބޮޑުކޮށްގެން ވާނެ މާ ބޮޑު މަންފާއެއް ނޯންނާނެ ކަމަށެވެ. އައްބާސް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ހަމައެކަނި ސަނާ ކިޔަން އޮތް މަޖިލީހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ސުޕަރ މެޖޯރިޓީގެ ބޭނުން ހެޔޮގޮތުގަ ހިފައި، ސަރުކާރާ، ޖުޑީޝަލް ސަރވިސް ކޮމިޝަން ޖަވާބުދާރީ ކުރުވުމަކީ ހިނގަމުންދާ މަޖިލީހުގެ ޒިންމާ ކަމަށެވެ.

