ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ބޮޑުކުރުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުންގެންދާ އެލަވަންސް ބޮޑުވެފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން މިހާތަނަށް އަންނަނީ ދެހާސް ރުފިޔާގެ އެލަވަންސް އެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.
މީގެ ކުރިން ރައީސް ސާލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބައްދަލުކުރައްވައި އެކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ޝަކުވާތައް އަޑުއައްސަވާފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ. އަދި، އެބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއް ކަމަށް އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. އެ ބައްދަލުވުމުގައި އެންސްޕާއިން މަޢުލޫމާތު ދިން ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި ”ޑިސްއެބިލިޓީ ސިވިއަރނަސް“ އަށް ބަލައި ދެވޭ އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންސްޕާއިން ކުރަމުންގެންދާކަމުގައި މީގެ ކުރިން ވަނީ ބުނެފައެވެ.

