ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލިއްޔާތު ފުރަންވީ ވިޔަފާރީގެ ދާއިރާތައް ކުރިއަރުވައިގެން، ރައްޔިތުންގެ ޖީބަކުން ނޫން!

ރާއްޖޭގައި ކުރެވޭ ބަައެއް މަސައްކަތްތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ފެންނަ ފެނުމަށް، ދިވެހިރާއްޖޭގެ މާލިއްޔާތައް އިތުރު ކުރުމަށް އޮތް ހަމައެކަނި މަގަކީ، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަތުތައް އިތުރު ކުރުމެވެ. އެހެންނަމަވެސް އިތުރު މަގުތައް އޮންނާނެއެވެ.

ގައުމުގެ މާލިއްޔާތުގައި އުފެދިފައިވާ ވަޅުގަނޑުން އަރައިގަތުމަށް ވެރިކަން ކުރާ ޕާޓީއިން ތްރީ ލައިން ވިޕެއް ނެރުނު ވާހަކަވެސް އިވިގެންދިޔައީ ދާދި ފަހުންނެވެ. މި ކަމާއި ގުޅިގެން ޕާޓީގެ ތެރޭގައިވެސް ބޮޑެތި ހިޔާލު ތަފާތުވުންތައް ހުރިކަން ސާފުވެގެންދިޔައެވެ.

ވާނީވެސް އެހެންނެވެ. އެއް ބަޔަކު ފައިސާގެ ދަހިވެތިކަމުގައި ޖެހި، އަނދިރިކަމެއްގެ ތެރޭ ގެއްލިފައި ތިބި ނަމަވެސް އިހުލާސްތެރި އަދި ގައުމާއި ރައްޔިތުން ދެކެ ލޯބިވާ މީހުން ކޮންމެ ޕާޓީއެއްގެ ތެރޭގައިވެސް އުޅޭނެއެވެ. އާހިރުގައި ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމަށްވުމުން، އެންމެހާ ރައްޔިތުންގެ ތެރޭގައިވެސް އޮންނަނީ ގާތް ގުޅުންތަކެކެވެ. އެންމެހާ ރައްޔިތުންވެސް ވަނީ އާއިލީ ނުވަތަ އަހުވަންތަކަމުގެ ގުޅުމުގެ ތެރެއިން ލާމެހިފައެވެ.

ޓެކްސް ބިލެއް ފާސްކުރުމަށް އަމާޒުކޮށްފައިވާ މައިގަނޑު ސަބަބަކީ، މާލީ ހާލަތުން އަރައިގަތުން ކަމަށްވާއިރު، އެ ނޫން މަގެއް ހިޔާރު ކުރެވެން ނެތް ކަމަށް ބުނެ، ދައްކާ މައިގަނޑު އުޒުރަކީ، ރާއްޖޭގެ އުފެއްދުންތެރިކަމެއް ނެތް ކަމުގެ އުޒުރެވެ. ރާއްޖެއަކީ އިންޑަސްޓްރިއަލް މަސައްކަތްތަކެއް ކުރާ ގައުމެއް ނޫންކަމަށް ވެރިކަމުގެ ތަހުތު ކައިރީ ތިއްބެވި، އަދި އެ ތަހުތުގައި އިޝީނދެ ވަޑައިގަންނަވާ ބޭފުޅުންވެސް ވިދާޅުވެއެވެ.

މިއީ މިއަދު އެކަނި ދެކެވޭ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ޒައީމުން ފެށިގެން މިހާރުގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނެވި ވެރިޔާ އާއި ޖެހެންދެންވެސް މި ވާހަކަތައް ހުންނީ ދާދި އެއް ގޮތަކަށެވެ. އިގްތިސާދާއި ހަވާލުވެ ހުންނެވި ހުރިހާ ފަރާތްތަކޭ ދެންނެވެން ނެތް ނަމަވެސް ގިނަ ފަރާތްތަކުން ހަމަ ތަކުރާރު ކުރައްވަނީ މިވާހަކައެވެ.

ގިނަ އަހަރުތަކެއްގެ މަތިން މި ވާހަކަތައް ތަކުރާރުވަމުން އައިސް، މިއަދު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކުވެސް ގެންގުޅެނީ މި ވިސްނުމެވެ. އެހެން ނަމަވެސް މިއީ ހަގީގަތެއް އަދި އަސާސެއްވެސް ނެތް ވާހަކައެކެވެ.

ރާއްޖޭގެ ވިޔަފާރީގެ ސިނާއަތު ދައްކޮށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ބުނެވޭނެ ހެކިވެސް ސާފުކޮށް ފެންނަން އެބަ ހުއްޓެވެ. ދިވެހި ލޭނާރު ކަމަށް ބުނާ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން މަސް ދަޅުތައް އުފައްދަމުންދަނީވެސް “އިންޑަސްޓްރިއަލް” މަސައްކަތެއްގެ ތެރެއިންނެވެކަމަށްވުމުންނެވެ. ފެކްޓަރީވެސް ޖަހައިގެންނެވެ.

ދަޅު މަސް ނޫނަސް، ހަމަ އެކަނި މަސްވެރިކަމުގެ ސިނާއަތުންވެސް އެތައް އުފެއްދުމެއް ނެެރެވޭނެކަން ކަށަވަރެވެ. މިއަދު ދަޅުމަހަކީ، ރާއްޖެއިން އުފައްދެމަށްފަހު، ބޭރު ގައުމުތަކަށް ވިއްކައިގެން މަންފާ ހޯދުމަށް ބިނާ ކުރެވިފައިވާ މައި އެއް މަގެވެ. ރައްޔިތުންގެ އެއް ފަހުރެވެ.

މި ނޫނަސް ހުރެއެވެ. އިންޑަސްޓްރިއަލް އޭ ބުނުމުން ފެކްޓަރީއެއްގައި ބަޔަކު މީހުން ދަލުން ފޯވެ ތިބޭ މަންޒަރު ސިފަވާއިރު، މިއީ މިކަން ކޮންމެހެން އޮންނަ ގޮތެއް ނޫނެވެ. އަދި ތަކެތި ބޭރަށްވެސް ފޮނުވާކަށް ނުޖެހެއެވެ.

މީގެ އަހަރުތަކެއް ކުރިން، ބޭރު ވަފުދަކުން ކުރި ދިރާސާއެއްގައި ބުނެފައިވާގޮތުން، ރާއްޖެއަކީ ފަތުރުވެރިކަމަށް އެކަށީގެންވާ ގައުމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅި ދުނިޔޭގައިވެސް އުޖާލާ ނަމެއް ހާސިލުކޮށްފައިވާ ސިނާއަތެކެވެ. ދުނިޔޭގެ ގިނަ ބަޔަކު ލޯބި ކުރާ “ޕްރޮޑަކްޓެކެވެ”.

ފެށުނު އިރު ރާއްޖޭގެ ރީތިކަމާއި، ދިވެހިންގެ ރިވެތި އުސޫލުތަކާއި އަހުލާގު އިނގިފައިވަނީ މަދު ބަޔަކަށްނަމަވެސް، މިހާރު ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގުނަ ކުރަނީ މިލިއަނުންނެވެ.

ސިނާއަތު ކުރިއަރައި ގިނަ އަދަދެއްގެ ތަންތަން ބިނާ ކުރެވި، ގިނަ އަދަދެއްގެ މުއައްޒިފުން ތިބޭ އިރު މި ސިނާއަތުގެ ތެރެއިން ގިނަ ހިދުމަތްތަކެއް ދެއެވެ. ރާއްޖޭގެ މި “ޕްރޮޑަކްޓު” އަކީވެސް އިންޑަސްޓްރިއަލް ފެންވަރަށް ކުރެވެމުންދާ މަސައްކަތެއްގެ ތެރެއިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ އެއްޗެކެވެ.

ތަންތަން ބިނާ ކުރާ ވާހަކަތައް ދެކެވުމުން ދެން އަލި އަޅުވާލަން އެންމެ މުހިންމީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށެވެ. އިހު ޒަމާނުގައި ފަން ވިޔެގެނާއި އަކިރިން ގެދޮރު އިމާރާތް ކުރި އިރުވެސް ދިވެހިންގެ އަތްތެރިކަމުގެ މަސައްކަތް ބޭރު ދުނިޔެއަށްވެސް މަޝްހޫރެވެ. ފަންގި ވިޔަންތިބޭ މީހުންގެ ފޮޓޯތައް އަދިވެސް ސޯޝަލް މީޑިއާގައި ދައުރުވެއެވެ.

މިއަދު ގިނަ އަދަދެއްގެ އުސް އިމާރާތްތައް ބިނާ ކުރަމުންދާ ދިވެހިރާއްޖެގޭ މި ސިނާއަތު ހަގީގަތުގައި އޮތް ހިސާބު ސާފުވާނީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލި އަޅުވާލުމުންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު މިހާރު ކުރިއަރައިފައިވުމުގެ މައިގަނޑު އެއް ހިއްސާދާރަކީވެސް ކޮންސްޓަރަކްޝަން ދާއިރާކަމަށް ބުނެވޭނެއެވެ. ފަތުރުވެރިން ދިރިއުޅުމަށް ފެނުމަތީގައި ބަންގަލޯ ފަދަ ތަންތަން ބިނާކޮށް، ބައެއް ކުންފުނިތަކުންވަނީ ރިސޯޓުތައް އެއްކޮށްވެސް ބިނާކޮށްފައެވެ.

ރާއްޖެއަކީ، މި ސިނާއަތައް ބޭނުންވާ މައުދަނުތައް ލިބެން ނެތް ގައުމެއް ނަމަވެސް، ރާއްޖޭގެ ކުންފުނިތަކުގެ “ސޮފްޓު ޕްރޮޑަކްޓު” ނުވަތަ ހިދުމަތް ހޯދައި، ގަތަރު ފަދަ ގައުމުތަކުގައިވެސް ރިސޯޓުތައް ބިނާކޮށްފައިވުމުން، ދާއިރާއަށް ބޭނުންވާ ތަކެތި އުފައްދައި ބޭރު ނުކުރެވުނު ނަމަވެސް، ދާއިރާގެ ތެރެއިން މީހުން ބިނާކޮށް، ހިދުމަތްތައް އިންޑަސްޓްރިއަލައިޒްކޮށް، މި ކަމުގެ މަންފާ ގައުމަށް ހޯދިދާނެކަން ޔަގީނެވެ.

ދަނޑުވެރިކަމުގެ ދާއިރާއަކީވެސް މުހިންމު ދާއިރާއެކެވެ. ގިނަ ރަށްތަކެއް ހުސްކޮށް އޮންނަ ރާއްޖޭގައި މި ސިނާއަތު ކުރިއަރައި، ބޭރު ގައުމުތަކަށް ވިއްކޭ މިންވަރަށް ތަކެތި ނުއުފެއްދޭނެ ކަމަށް ބުނުން މިއީ އެއްވެސް ހާލަތެއްގައި ގަބޫލު ކުރެވެން ނެތް ވާހަކައެކެވެ. ރާއްޖެ އައިސް ފަތުރުވެރިން އެންމެ ފުރަތަމަ ހޯދާ އެކައްޗަކީ ރުއްރުކުގައި އަޅާ ކުރުނބާއެވެ.

ރާއްޖޭގެ ރުއްތަކުގައި އަޅާ ކުރުނބާ މީރު ކަން މިއީ ގިނަ ދިވެހިން ގަބޫލު ކުރާ، އަދި ބޭރު ގައުމުތަކުގެ ރައްޔިތުންވެސް ދައްކާ ވާހަކައެކެވެ. އެހެންކަމުން، އެހެނިހެން ތަކެތި އުފައްދަން ދަތިކަން ގަބޫލު ކުރެވުނު ނަމަވެސް ރުއް ދަނޑުތައް ބިނާކޮށް، ބޭރުގައުމުތަކަށް އެތަކެތި ބޭރު ނުކުރެންވީ ސަބަބެއް ނެތެވެ. އެންމެ ކުޑަ މިނުން މިވަރު ކުރެވެންވާނެއެވެ.

ބޭރު ކުރެވޭ ވަރަށް އާރާސްތު ކުރެވިފައިވާ ދާއިރާއެއް ނެތް ސަބަބެއް އޮތް ކަމަށް ބުނާ ނަމަ، އަޅުގަނޑަށްވެސް ސަބަބެއް ފާހަގަކުރެވެއެވެ. މަސްވެރިކަމާއ ދަނޑުވެރިކަމަކީ ދެ ސިނާއަތެއް ނަމަވެސް، ރާއްޖޭގައި އެކަން ކުރަނީ އެއް މިނިސްޓްރީއެއް ދަށުންނެވެ. މަސްވެރިކަމަށް ގާނޫނެއް ހެދި ގަވައިދުތަކެއް ހެދިފައިވާއިރު، އެ ސިނާއަތުގެ ކުރިއެރުމަށް ގޮންޖެހުންތަކެއް ހުރި ވާހަކަތައް މިއަދުވެސް ގަދަ އަޑުން އިވެމުންދެވެ.

އެހެންކަމުން، ދަނޑުވެރިކަން ކުރިއެރުވުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައި ނެތް އިރު، ސިނާއަތު ކުރި އަރަންޖެހޭ ހިސާބަށް ގޮސްފައި ނެތުމަކީ ހައިރާންވާ ކަމެއް ނޫނެވެ. މިއީ މި އަގު ހުރި ސިނާއަތު އިންޑަސްޓްރިއަލައިޒް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ބުނުމަކީ، ދޮގަކަށް ނުވާނެއެވެ. ފަސްގަނޑު އެންމެ އެކަށީގެން ނުވާ ނަމަ، އެއް ރަށުގައި ކޮމްޕޯސްޓުކޮށްގެންވެސް އަނެއް ރަށުގައި ދަނޑުވެރިކަން ކުރެވޭނެއެވެ.

ޒަމާން ބަދަލުވެ ފަސްގަނޑު ނޫން އެހެނިހެން ގޮތްތައްވެސް ހޯދިފައި ހުރުމުން، މިއަދު މި ސިނާއަތުގެ ފުރިހަމަ ބޭނުން ނުހިފި އޮތުމަކީވެސް ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ހުޅުވިފައިވާ މަގެއް ބަނދު ކުރުމާއި އެއް ފަދަ ކަމެކެވެ. އަދި އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްވެސް ނޫނެވެ.

މި ނޫނަސް ދިވެހިންނަށް ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ކުރެވިދާނެ އެތައް ކަމެއް ހުންނާނެއެވެ. އެހެން ނަމަވެސް މި ހިޔާލުގެ ބޭނުމަށް މިވަރުން ފުދޭނެކަމަށް ދެކެމެވެ.

ބުނެލަން އޮތް ވާހަކައަކީ، ސިނާއަތެއް ކުރިއަރުވައި އާލާ ކުރުމަށް، އެންމެ މުހިންމީ އެ މަސައްކަތްތައް ކޮށް، އެކަމަށް ޝައުގުވެރި އަދި ކުލުނު ހުރި މާހިރުން އެކަމާއި ހަވާލުވެ ހުރުމެވެ. ކޮންމެ މީހަކަށްވެސް ޕީއެޗްޑީއެއް ނަގައިގެން އައިސް އޮފީހެއްގައި ޓައިއެއް އަޅައިގެން އިނދެވޭނެއެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ހަގީގަތުގައި ތަޖުރިބާ ކުރެވިފައި ނުވާ މީހަކަށް އެ ކަމެއް ކުރިއެރުވުމަށް ހުރި ދަތިތައް ފާހަގަކޮށް، ގެންނަންވީ ހައްލު ހޯދުމަށްވެސް އުނދަގޫވާނެއެވެ. އަދި އެކަމެއް ކުރިއަރުވަން ހަގީގަތުގައި ދޭންޖެހޭ އަހައްމިޔަތުވެސް ގިނަ ފަހަރު ނުދެވޭނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: