ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔާފާރީގެ ފަހި އިންގިލާބަކަށް ކުންފުންޏާއި ބެހޭ އާ ގާނޫނެއް!

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އަހަރީ އާއްމު ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު އަމަލު ކުރަމުންދާ ކުންފުންޏާއި ބެހޭ ގާނޫނު އުވާލައި، އާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި އާއްމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ދުނިޔޭގެ އިގްތިސޯދަށާއި، މާލީ ގޮތުން ތަނަވަސްވެ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެ ގައުމުތަކުގެ ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓަށް ފަހި، ދެފުށް ފެންނަ މިންގަނޑުތައް ވަނީ ހިޔާރުކޮށްފަ އެވެ.

މިހާރު އަމަލުކޮށް ތަންފީޒު ކުރަމުންދާ ކުންފުންޏާއި ބެހޭ ގާނޫނަށް އަމަލު ކުރަންފެށީ 1996 ވަނަ އަހަރު އެވެ. މީގެ 25 އަހަރު ކުރިން އުފެއްދި އެ ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިގުތިސޯދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދުމާއި، ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބަދަލު ގެނެސް، އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގެނައުމާއި، ކުންފުނި އުފައްދައި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، އިޖުރާއަތްތައް ގެނައުމެވެ. އަދި އިގްތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސްމާލު އިންވެސްޓްކޮށް، އިގްތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގްތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދައި, ދެމެހެއްޓުމަށް އެޅޭ އެންމެ މުހިއްމު ބިންގާގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލަމުން މިނިސްޓްރީން ބުނެފައިވަނީ، މި ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް މާލީ، އިގުތިސޯދީ، އިޖްތިމާއީ، ގާނޫނީ އަދި ފަންނީ ނަޒަރަކުން މުރާޖައާ ކުރެވި އާންމުންގެ ހިޔާލު ލިބުމަކީ، ސަރުކާރުގެ މި މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އާ ގާނޫނުގެ މައިގަނޑު އިސްލާހުތައް

  • ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަށް މަދުވެގެން 02 ހިއްސާދާރުން ތިބުމަށް އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުން.
  • ޕަބްލިކް ކުންފުންޏެއް އުފައްދާއިރު ވެސް މަދުވެގެން 10 ހިއްސާދާރުން ނުވަތަ ޕްރޮމޯޓަރުން ތިބެން އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާ ހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުން އަދި މި އޮނިގަނޑުގެ ދަށުން ހިންގާ ވިޔަފާރިތަކާއި އިންވެސްޓްމަންޓަށް ހާއްސަ ކުންފުނިތައް ރެގިއުލޭޓު ކުރުމާއި ސެކިއުރިޓީޒް ދޫކުރުމުގައި އަމަލު ކުރަންޖެހޭ ގަވާއިދުތައް ހަދާ ހިންގުމުގެ ބާރު މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު ތަންފީޒުކުރާ ފަރާތައް މަތި ކުރުން.
  • ކުންފުނީގެ ޑިރެކްޓަރަކަށް ވެވޭނީ ހިއްސާދާރަކަށް ކަމަށް އޮންނަ ޝަރުތު އުނިކޮށް، ކުންފުންޏަކަށް އިންވެސްޓްކުރާ ކޮންމެ ހިއްސާދާރެއް ޑިރެކްޓަރުންގެ ބޯޑުގައި ހުންނަން ލާޒިމުނުކޮށް، ހިއްސާދާރުންގެ ފަރާތުން ކުންފުނި ހިންގުމަށް ޕްރޮފެޝަނަލް ޑިރެކްޓަރުން ޢައްޔަނުކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
  • ޕްރައިވެޓް ކުންފުންޏެއްގައި ސެކްރެޓަރީއެއް ހުރުމަށް އޮންނަ ޝަރުތު އުނިކުރުން.
  • ޕްރައިވެޓް ކުންފުނީގެ ހިންގާ ގަވާއިދުގެ “މޮޑެލް ހިންގާ ގަވާއިދެއް” ގާނޫނުގެ ދަށުން ގަވާއިދަކުން ކަނޑައަޅައި، ކުންފުނިތަކުން “މޮޑެލް ހިންގާ ގަވާއިދު” އިހުތިޔާރު ކުރުމަށް ފުރުސަތުދީ، ކުންފުނި އުފައްދާއިރު އާއި އޭގެ ފަހުންވެސް، ވަކިން ހިންގާ ގަވާއިދެއް ކުންފުނިން ލިޔެ ތައްޔާރުކޮށް ހުށަހެޅުމަށް ލާޒިމްކޮށްފައި އޮންނަ އޮތުން އުނިކުރުން.
  • ކުންފުނީގެ އަސާސީ ގަވާއިދުގައި ކުންފުނީގެ “މަގުސަދު” ތަކުގެ ގޮތުގައި ވަކި ކަންކަން ކަނޑައެޅުމާއި، ކުންފުނީގެ ސިއްކައަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުން.
  • ތިން ކުންފުނީގެ އަހަރީ ފީ އުވާލައި، ކުންފުނީގެ ފަރާތުން މިނިސްޓްރީން ހޯދާ ހިދުމަތްތަކަށް ފީ ނެގުން.
  • ޕްރޮފެޝަނަލް ޑިރެކްޓަރުންނަށް ފުރުސަތު އޮންނަ ގޮތަށް ބަދަލު ގެނައުމާއިއެކު، މެންބަރުންގެ އިންވެސްޓްމަންޓް ހިމާޔަތްކުރުމަށްޓަކައި، ކުންފުނީގެ މެންބަރުންގެ ހައްގުތަކާއި ބާރުތައް ކަނޑައަޅައި ބަޔާންކުރުން.
  • ޗެއާޕާސަންގެ ޒިންމާ ކަނޑައަޅައި، ކުންފުނީގެ ޑިރެކްޓަރުންގެ ޝަރުތުތަކާއި، ބާރުތަކާއި، މަސްއޫލިއްޔަތުތައް ކަނޑައަޅައި ބަޔާންކުރުން.
  • ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި މެންބަރުންގެ ދަފްތަރުގައި ބަޔާންކުރާ މެންބަރަކީ ފަރުދަކު ނޫންނަމަ، އެ ހިއްސާއެއްގެ ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ކުންފުންޏަށް އަންގައި، ކުންފުނީގައި ރަޖިސްޓަރީކުރަން ޖެހުން.
  • ފޮރިން އިންވެސްޓަމަންޓް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުން.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުން މިހާރު އަމަލު ކުރަމުންދާ ގާނޫނު އުވާލައި، އައު އޮނިގަނޑެއް ތައާރަފު ކުރުމުގައި، މައިގަނޑު 5 ދާއިރާއަކުން އިސްލާހުތައް ގެނައުމަށް ރިއާޔަތްކޮށްފައި ވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވާލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި، ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުމާއި، ކުންފުނި އުފެއްދުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަމުގައި، މިހާރު ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދިނުން އަދި އިންވެސްޓްމަންޓް ކުންފުނި އުފެއްދުމަށް އެކަށީގެންވާ ބާވަތެއްގެ ގޮތުގައި ޕަބްލިކް ކުންފުނިތަކުގެ ގާނޫނީ ނިޒާމު
ޒަމާނާ އެއްގޮތަށް ތަރައްގީކޮށް، ޒަމާނީ ގާނޫނީ މަފްހޫމްތަކާއި އުސޫލުތައް ގެނައުމާއި އިލެކްޓްރޯނިކް ޒަރީއާއިން ހިދުމަތަށް އެދި ހިދުމަތް ލިބިގަތުމުގައި އިތުބާރު ދެމެހެއްޓުމެވެ،

މި ބިލު، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 249 މާއްދާގެ މައްޗަށް އެކުލަވާލާފައިވާ ބިލަށް، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ. ހިޔާލު ފޮނުވާނީ legal@trade.gov.mv އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: