މާލީ ސެކިއުރިޓީ މާރކެޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި މިނިސްޓްރީ އޮފް ފިނޭންސާއި ގުޅިގެން ކުރިއަށްގެންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަމީރު އާ ކުރި ސުވާލުގައި ބަޖެޓް ހަރަދު ފޫބެއްދުމަށް 200 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާ ވާހަކަ މީޑިއާތަކުން ފެނިފައިވާކަމަށެވެ. އަދި ޓީ ބިލް ގަނެ އިންވެސްޓް ކުރާ ފަރާތް ނޭނގޭ ކަމަށާއި އެކަން އާއްމުންނަށް އިނގޭ ގޮތަށް އެއީ ޕެންޝަން ފަންޑު އަދި ގައުމީ ޔުނިވަރސިޓީ ކަމަށްވާނަމަ އެ ގަންނަ ފަރާތްތައް އާއްމުންނަށް ހާމަނުކުރާ ސަބަބު އޮޅުންފިލުވުމަށް އެދިފައިވެއެވެ. އަދި ގަންނަ އަދަދުތައް ވަކިން ހާމަނުކުރާ ސަބަބާއި ގުޅޭ ގޮތުން ސުވާލު ކުރެއްވިއެވެ.
އަމީރު ވިދާޅުވީ ޕްރައިމަރީ މާކެޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޓްރެޝަރީ ބިލް ގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށާއި އެފަރާތްތަކުގެ ނަންތައް ހާމަކޮށްފައި ނުވާ ކަމަށެވެ.
ބޮންޑެގެ ދެވަނަ ސުވާލުގައި މާލީ ސެކިއުރިޓީ އާ ބެހޭ ބިލު މަޖިލީހުން ފާސްކުރިފަހުން ދެ އަހަރުވެފައިވާއިރު، މާލީސެކިއުރިޓީ އާއި ބެހޭ ބިލްގައި އޯޕަން މާކެޓް އޮޕަރޭޝަންތައް ސެކަންޑަރީ މާކެޓަށް ހުޅުވަން އުޅޭކަމަށާއި އެކަމުގައި ހުރި ދަތިތައް މިހާރު ހައްލުވެފައިވާއިރު އެކަން ލަސްވަނީ ކީއްވެގެންތޯ ސާފުކޮށްދޭން މިނިސްޓަރުގެ އަރިހުން އެދިފައިވެއެވެ.
އަމީރު ވިދާޅުވީ ސެކަންޑްރީ މާކެޓް (ސީއެސްޑީ) ގެ ޕްރޮޖެކްޓް ކުރިއަށްގެންދަނީ އެމްއެމްއޭ އާއި ގުޅިގެން އެމްއެމްއޭ އިން ލީޑް ނަގައިގެން ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސެކަންޑަރީ މާކެޓަށް އާއްމު ރައްޔިތުންނަށް ވެސް އަދި އެންމެ ކުޑަ ޑިނޯމިނޭޝަންސް ތަކުންވެސް ޓްރެޝަރީ ބިލަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށެވެ.

