ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުނައްވަރުގެ ސުވާލު: ދެ މައްސަލައެއް ނަމަ ޓްރައިބިއުނަލްގައި، ޗާގޮސްގެ ވާހަކަ ދައްކަން ޖެހުނީ ކީއްވެ؟

ޑރ.މުހައްމަދު މުނައްވަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ބޭއްވި ޕްރެސްގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސުވާލު އުފައްދައިފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ކަޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

ސަރުކާރުގެ ސްޓޭންޑާއި، އަދި ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިއްޔެގެ ޕްރެސް ކޮންފަރެންސްގައި މުނައްވަރު ވާހަކަ ދެއްކެވި އެވެ.

ޕްރެސް ފައްޓަވައިދެއްވަމުން މުނައްވަރު ވިދާޅުވީ، މީޑިއާތަކާއި ބައްދަލު ކުރަން ޖެހުނީ މަޖުބޫރީ ހާލަތެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗާގޯސް މައްސަލައިގައި އެންމެ އެންމެ ފުރަތަމަ އޭނާގެ ފަރާތުން ނެރުނު ޕްރެސް ސްޓޭޓްމަންޓެއްގައި ކާގޯސް ވަށައިގެން އިގްތިސާދީ ސަރަހައްދެއް އޮވެއްޖެ ނަމަ ރައްޖޭގެ އިގްތިސާދީ ސަރަހައްދާއި ފުށުއަރާފާނެކަމަށް ބުނެފައިވާނެ ކަމަށެވެ. އެގޮތުން މޮރީޝަސް ސަރުކާރުން ޗާގޯސް ވަށައިގެން އިގްތިސާދީ ސަރައްހަދެއް އޮންނަކަމަށާއި އެ ސަރަހައްދު ދިވެހިރާއްޖޭގެ އިގްތިސާދީ ސަރައްހައްދާއި ފުށުއަރާކަމަށް ބުނި ކަމަށެވެ.

އެހެންވެ މޮރީޝަސް ސަރުކާރުން ފުށުއަރާ ސަރައްހަދު ބައިކުރުމުގެ މައްސަލައެއް އިންޓަނޭޝަލް ލޯ އޮފް ދަ ސީ ޓްރައިބިއުނަލްއަށް ހުށަހެޅުމުން މިއީ އެހާ ސަމާސާ މައްސަލައަކަށް ނުވެ ހިނގައިދާނެކަން ފާހަގަކޮށް، އާދައިގެ ގޮތަކަށް މައްސަލަ ނުނެންގެވުމަށް ދެންނެވި ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

“މިއީ ތަންކޮޅެއް ސީރިއަސްކޮށް ދިވެހިރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަން… މާނައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޝްވަރާ ކުރައްވައިގެން ކަމާއި ބެހޭ މިނިސްޓްރީތަކާއި މަޝްވަރާ ކުރައްވައިގެން.. މި މައްސަލައިގައި ދައުލަތަށް އެންމެ މަންފާ ހުރިގޮތަކަށް ޕޮޒިޝަން ނަންގަވަން.. އެއީ އަޅުގަނޑުމެންގެ ގޮވާލުމަކީ.. އެދުވަހު ސަރުކާރުން ވިދާޅުވި ޕްރެސް ރިލީޒެއްގައި މިކަން ތިމަންނާމެން މި ކުރަނީ އެންމެ ރަނގަޅަށޭ..” ޑރ. މުނައްވަރު

ސަރުކާރުން މި މައްސަލައިގައި އަމަލު ކުރާނީ އެންމެ ރަނގަޅަށްކަމަށް ބުނި ނަމަވެސް، މަޝްވަރާކޮށް ލަފާ ހޯދަން ޖެހޭ އެއްވެސް ބަޔަކާއި ވާހަކަ ދެއްކިތަން ފެނިފައިނުވާކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ. އެނާ ވިދާޅުވީ ސަރުކާރުން މި މަސައްކަތް ކުރިޔަށް ގެންދިޔައީ މަޖިލީހަށް ވެސް ސިއްރުން ކަމަށެވެ.

2019 ގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީއަށް މައްސަލަ ހުށަހެޅުމުން، އެންމެ ފުރަތަމަ ވެސް ރާއްޖެއިން ސްޓޭންޑެއް ނަގައި މިއީ މޮރީޝަސްއަށް ހުށަހެޅިގެން ވާނެ މައްސަލައެއް ނޫންކަން ބުނިކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި މިއީ އެއްގޮތަކަށް ވެސް ސަރަހައްދު ބައި ކުރުމުގެ ނިޔަތުގައި ހުށަހެޅި މައްސަލައެއް ނޫންކަމަށާއި މައްސަލައަށް ހުށަހެޅުމުގެ ބޭނުމަކީ ޗާގޯސްގެ މައްޗަށް މޮރީޝަސްގެ ސިޔާދަތު ކަށަވަރުކުރުމަށްކަމުގައި ރާއްޖެއިން ބުނިކަމަށެވެ.

“އެއީ ރާއްޖޭގެ ޕޮޒިޝަނަކީ.. ޓްރައިބިއުނަލްއިން އެ ވާހަކަތައް އަޑުއައްސަވަފައި ދެންނެވީ ނޫނެކޭ.. މި މައްސަލަ ކުރިޔަށް ގެންދެވޭނޭ.. ރާއްޖޭގެ ފަރާތުން ބުނީ ކުރިން މި ދެންނެވި ސަބަބާއި ހުރެ މައްސަލަ ޓްރައިބިއުލްއަށް ނުބެލޭނޭ.. އެއީ އަސްލު ސަރަހައްދާއި ބެހޭ މައްސަލައަށް ނުވެފައި ޗާގޯސް އާޗަޕަލޭސް އާއި ބެހޭ ސިޔާދަތާއި ބެހޭ މައްސަލައެއްކަމަށް ނިންމަވާފައި.. އެހެން ނަމަވެސް ޓްރައިބިއުނަލްއިން ނިންމެވީ މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް.. އެ ނިމްމެވި އިރުގައި އޮވޭ އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސްއިން އޮޕީނިއަންއެއް ދެއްވާފައި.. އެ އެޑްވައިޒަރީ އޮޕީނިއަނަކީ ޑީކޮލޮނައިޒޭޝަނާއި ބެހޭ މައްސަލައެއްގެ ތެރެއިން ޖެނެރަލް އެސެމްބްލީގެ އެދިވަޑައިގަތުމަކާއި އައިސީޖޭއިން ނެރެދެއްވި އެޑްވައިޒަރީ އޮޕީނިއަން.. އެ އެޑްވައިޒަރީ އޮޕީނިއަނަކީ ބައިންޑިން އެއްޗެއް ނޫން.. އެއަށް އަމަލު ކުރުން ލާޒިމް ނިންމުމެއް ނޫން އެއީ އައިސީޖޭގައި އެ މައްސަލަ ބެއްލެވި އިރުގައި އެދިވަޑައިގެންނެވި ގޮތް ހަމައެކަނި ޖެނެރަލް އެސެމްބްލީއަށް ފޮނުވީ” ޑރ. މުނައްވަރު

މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގައި މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ދިވެހި ސަރުކާރުގެ ބަންޑާރަ ނައިބު އިއުލާނު ކުރައްވަން ޖެހުނު ސަބަބާއި މެދު މުނައްވަރު ސުވާލު އުފެއްދެވި އެވެ.

“އެއީ ދެ މައްސަލައަކަށް ވަންޏާ ކީއްވެތޯ، ކީއްވެތޯ އެ ވާހަކަ އެތަނުގައި ދައްކަން ޖެހުނީ… މީގެ ކުރިން މި މަޖިލީހުގައި އަޅުގަނޑުމެން ބުނަމުން އައީ މޮރީޝަސްއިން ވަލު ދޮރާށިން ހުށަހަޅައިގެން އުޅޭ މައްސަލައެކޭ.. މި މައްސަލަ ނުބެލޭނޭ.. މައްސަލައިގައި މައުޟޫއީ ގޮތެއްގައި ވާހަކަ ދެއްކި ދުވަހު ރިފްއަތު މި ވިދާޅުވަނީ އަޅުގަނޑުމެން ނިންމައިފީމޭ ސިޔާދަތު ގަބޫލު ކުރަން.. ދެން ކިހިނެއްތޯ އަޅުގަނޑުމެން މީގެ ތެރެއިން ދޮގަކީ ކޮބައިކަން ތެދަކީ ކޮބައިކަން ބުނާނީ..” ޑރ. މުނައްވަރު

މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ހަގީގަތުގައި ވެސް ދެކޭ ނަމަ، ރާއްޖޭގެ ސްޓޭންޑު ބަދަލުވިކަން ހާމަކުރަން ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ މައުޟޫއީ އަޑުއެހުމުގައި ރާއްޖޭގެ ކުރީގެ ވިސްނުން ދޫކޮށްލައި އެހެން ބައެއްގެ ހުށަހެޅުމަކާއި އެކު ކުރިޔަށް ދާން ނިންމުމުން އެކަމުގައި ސުވާލު ނުއުފެދެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

“ގާޒީން ހިތަށް އަރާނެ މި މީހުން ހަމައެއް ނޫނޭ… މި މީހުންނަކަށް މި މީހުންނަށް ދޭކޭ ވާހަކައެއް ވެސް ނޭނގެ އޭ.. އެތާ ތިއްބެވި ގަޒީން ހިތަށް އެރިއެއްޗެއް އަޅުގަނޑަކަށް ނޭނގޭ.. އެ މީހުންނަށް އެ ދުވަހު ފެނުނީ މި މައްސަލަ ނުބެލޭނެކަމަށް ބުނިތަން.. ދެން އަނެއް ދުވަހު ގޮސް މި ބުނަނީ އުނހޫ ސިޔާސަތު ގަބޫލު ކުރުމަށް ނިންމައިފީމޭ.. ހަމަނުޖެހޭ ވާހަކަތަކެއް..” ޑރ. މުނައްވަރު

މި މައްސަލައިގައި ރާއްޖޭގެ ގާނޫނީ ޓީމުގައި ހިމެނީ ދުނިޔޭގެ ތަޖުރިބާކާރުންގެ ޓީމެއްކަމަށް ސަރުކާރުން ބުނާއިރު އެ މީހުންނަށް ދޭ ފީތަކާއި މެދު މުނައްވަރު ސުވާލު އުފެއްދި އެވެ. ހާއްސަކޮށް ރާއްޖޭގައި މި ދާއިރާގެ ތައުލީމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން ތިއްބެވި ނަމަވެސް ރާއްޖޭގެ ތަޖުރިބާކާރުންގެ އެހީ ނުންނެގެވުމުން މުނައްވަރު ވަނީކަމަށް އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒު ކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމި ކަމަށް ހަބަރުތައް ފެތުރިފައިވާ އިރު އެކަމާއި މެދު ސިޔާސީ އިސް ފަރާތްތަކާއި ގާނޫނީ ވަކީލުންނާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެނިންމުން ނިންމައިފި ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެންދާނެތީއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެކަން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: