މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕާކާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އާއި ގަލޮޅުގެ ކައުންސިލަރުން މާލެ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށްޓަކައި މީގެ ކުރިންވެސް ގަލޮޅުގެ ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ގަލޮޅުގެ ރައްޔިތުން އެދިފައިވަނީ ގަލޮޅުގައި ހިތްފަސޭހަ ކޮށްލާނެ މައިޒާނެއް ނެތުމުގެ ސަބަބުން ސިޓީ ޕާކު ބިމުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށެވެ.
އެބައްދަލުވުމުގައި ގަލޮޅުގައި ތަރައްގީކުރާ ޕާކާއި ގުޅޭގޮތުން ތައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ގަލޮޅު ސަލާހުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގ ގެ ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިން އާއި ގުޅޭގޮތުން އަންގާރަދުވަހުގެރޭ ބޭއްވުނު ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ގަލޮޅުގެ ގިނަ ރައްޔިތުން ވަނީ ތަފާތުއެކި ހިޔާލުތައް ހުށައަޅުއްވާފައެވެ.
މި ބައްދަލުވުމުގައި މޭޔަރު ޑރ މުއިއްޒު ވިދާޅުވީ މި ޕާކް ތަރައްގީ ކުރުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަލޮޅު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވިދާޅުވީ މިފަދަ މަޝްވަރާތައް ބައެއް ކުންފުނިތަކާއެކު ނުރަސްމީކޮށް ކުރެވިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާ އެ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްގީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ޕްލޭ އޭރިއާ ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއިު ކުޑަކުދިންނަށް ހާއްސަ ބައެއ އެކުލެވިގެން ވާނެއެވެ. އަދި މިދެބައިގައި ބަހައްޓާ ކުޅޭތަކެތި ހުންނާނީ ޓްރީ ހައުސް ތީމް އަކަށެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަ ޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓަފައިހުންނާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

