ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރެއް ދިނުމަށް ނުފެންނަ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ގެ ބިލާއި ގުޅިގެން ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އިލިޔާސް ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި މަޝްވަރާ ނުކޮށް ކުއްލިއަކަށް ޓެކްސް ބޮޑުކުރަން ނިންމުމުން އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް އެކަމުގެ ނޭދެވޭ އަސަރާއި ރައްޔިތުންނަށާއި އާއްމު ވިޔަފާރި ތަކަށް ފޯރާނެ ކަމަށް އިލިޔާސް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ ތަފާސް ހިސާޞު މަޖިލީހަށް ހުށައަޅަން ޖެހޭނެ ކަމަށް އިލިޔާސް ވިދާޅުވިއެވެ.
އެ ހުރިހާ ކަމަކާ ގުޅިގެން ރައީސް ސާލިހު ދެވަނަ ދައުރަކަށް ގެނައުމަށް ބޭނުން ނުވާ ކަމަށް އިލިޔާސް ވަނީ ވިދާޅުވެފައެވެ.
އިލިޔާސް އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި އަދި އެމަނިކުފާނުގެ އަރިސް މެމްބަރެކެވެ. ޓެކްސްގެ ބިލް މަޖިލީހަށް ހުށައެޅުމަށް މަޝްވަރާ ތައް ކުރެވުނު އިރު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ މެމްބަރުން ވަކާލާތު ކުރަމުން ގެންދިޔައީ އަދި މިހާރުވެސް ގެންދަނީ މިވަގުތަކީ ޓެކްސް ބޮޑުކުރަންވީ ވަގުތު ނޫން ކަމަށް ބުނަމުންނެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ބޮޑުކުރުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މިވަގުތަކީ ސަރުކާރުގެ އެތެރޭގައި ކުރެވޭ ބޭކާރު ހަރަދުތައް ކުޑަކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ ނިކަމެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް ވާހަކަ ދައްކައި ހިޔާލުފާޅުކޮށްފައެވެ.
ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުން ނާއި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވީ މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އާމްދަނީ އިތުރުކޮށް ދައުލަތާއި ގައުމުތަކުގެ އިގްތިސާދު ހަމަހަމަކުރުމަށް ޓެކްސް ބޮޑު ކުރަމުން ކަމަށް ވިދާޅުވެފައެވެ.

