މިއަހަރު ނިމޭއިރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.6 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި 2022 ގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވާ ކަމަށެވެ. މި ބަޖެޓާއެކު، 2022 ގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭއިރު މި އިތުރުވުން ފައިނޭންސްކުރާނީ މަޝްރޫޢުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދައިގެން ކަމަށް މިނިސްތަރ އަމީރު ވިދާޅުވިއެވެ.
ފިނޭސް މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި 2022 ވަނަ އަހަރުގެ ބަޖެޓު އިތުރުވި ނަމަވެސް، އާމްދަނީވެސް ފާސްކުރި ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރުވެފައިވެއެވެ. 2022 ވަނަ އަހަރު ލިބޭނެކަމަށް މިހާރު އަންދާޒާކުރެވެނީ 26.4 ބިލިއަން ރުފިޔާ ކަމަށް ވީނަމަވެސް އާމްދަނީ ރަނގަޅުވެފައިވަނީ އަންދާޒާ ކުރި މިންވަރަށްވުރެ ރާއްޖޭގެ ޓޫރިޒަމް އާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ ކަމަށް މިނިސްތަރ ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ޓީޖީއެސްޓީން ލިބޭ އާމްދަނީ މަތިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއާއެކު 2022 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 13.6 ބިލިއަން ރުފިޔާގައި މިއީ. ޖީ.ޑީ.ޕީގެ ނިސްބަތުން 14.3 އިންސައްތަކަން އަމީރު ފާހަގަ ކުރެއްވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި އިޤްތިސާދަށް ދިމާވާ ގޮންޖެހުންތައް މެނޭޖްކޮށް ވިލުންވެރިކަން އިތުރުކުރުމަކީ މެދުރާސްތާގައި ބަޖެޓާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް މުހިއްމުކަމެކެވެ. މިކަމަށްޓަކައި ފިސްކަލް ސްޓްރެޓެޖީގައި މުހިއްމު 4 ޓާގެޓެއްވާނީ ހުށަހަޅާފައިވެއެވެ. އެއީ: ފުރަތަމަ ކަމަކަށް 2025ގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނި ޖީ.ޑީ.ޕީގެ ނިސްބަތުން 100 އިންސައްތައަށްވުރެ ތިރިކުރުމެވެ. އަދި 2023 ގެ ނިޔަލަށް ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 5 އިންސައްތައަށްވުރެ ތިރިކުރުމަށް މަސައްކަތް ކުރާއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ދަށަށް ދާނެ މިސްރާބެއްގައި ހިފެހެއްޓުންވެސް ހިމެނެއެވެ. މީގެ އިތުރުން 2023 ގެ ނިޔަލަށް ރިކަރަންޓް ޚަރަދު، ދައުލަތުގެ އާމްދަނީއަށްވުރެ އިތުރު ނުވާނެ މިންވަރަށް ތިރިކޮށް އެ މިންގަނޑުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

