ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިސާ ސިޔާސީ ބޭނުމަށް ހަރަދު ކުރާތީ، އިދިކޮޅުގެ ހުށަހެޅުމަކީ ބަޖެޓު ކުޑަކުރުން!

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ، ބަޖެޓު ފޮތް: ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 36 ބިލިއަނަށް ކުޑަކުރަން އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައި ވަނިކޮށް ވެސް، ބޮޑު ބަޖެޓެއް ހުށަހެޅުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން ފާހަގަކުރި އެވެ. އަދި ސަރުކާރުގެ އެތެރޭގެ ހަރަދުތައް ކުޑަކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ބަޖެޓު އެޖެންޑާ ކުރަން ޖެހޭއިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އާއްމު ކުރި ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އޭގެ އެންމެ ބޮޑު ސަބަބަކީ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން ކަމަށްވާތީކަމަށް ބަޔާނުގައި ވެއެވެ.

އެހެންވެ އިދިކޮޅުގެ ހުށަހެޅުމަކީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް، މަސްވެރިންނަށް ސީދާ މަންފާ ކުރާނެ ގޮތަށް 297 މިލިއަން ރުފިޔާ ސަބްސިޑީއަށް އިތުރު ކުރުމެވެ. އިދިކޮޅުން ބުނީ މި އިސްލާހު ހުށަހަޅަނީ ރައްޔިތުންގެ މަޖިލީހުގެ 214 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

މިއީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައަކަށްވުމާއި އެކު އުންމީދަކީ ރައްޔިތުންގެ މަޖިލީހުގެ ހަގީގީ ޒިންމާތައް އިސްކޮށް، ސިޔާސީ ތައައްސުބުން އެއްކިބާވެ، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންގްރެސް ކޯލިޝަނުން ހުށަހެޅި އިސްލާހުތަކަށް މެމްބަރުން ތާއީދުކުރުންކަމަށް ބަޔާނުގައި ވެއެވެ.

ބަޖެޓުގެ އަދަދުތައް ދިމާނުވުމާއި، ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ބަޖެޓު ކޮމިޓީއަށް ސިޓީއެއް ހުށަހެޅުއްވި އެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް އެޑްރެސް ކުރެއްވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅުވާނެކަމަށް ބަޖެޓު ރިޕޯޓުގައި ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

ބަޖެޓުގައި ހިލޭ އެހީ ލިބޭނެކަމަށް ލަފާކޮށް ބޮޑެތި އަދަދުތައް ހިމެނި ނަމަވެސް، އެ އަދަދާއި ގާތް ކުރާ އަދަދަށް ވެސް ރާއްޖެއަށް ހީލޭ އެހީގެ އާމްދަނީއެއް ނުލިބޭކަން އެމަނިކުފާނު ފާހަގަ ކުރައްވަ އެވެ.

އަންނަ އަހަރުގެ ބަޖެޓާއި މެދު ރައީސް ނަޝިދާއި އަރިސް މެމްބަރުން ސުވާލު އުފައްދަ އެވެ. އެބޭފުޅުން މައުލޫމާތު ދިންގޮތުގައި، ސަރުކާރުން ވަނީ ބަޖެޓުގެ ދިފާއުގައި ވާހަކަ ދެއްކުމަށް މެމްބަރުންނަށް އަންގައި، ވާހަކަ ދައްކަންވީ ދާއިރާތައް މެމްބަރުންނަށް ފޮނުވާފަ އެވެ.

ފަހަކަށް އައިސް އިދިކޮޅުން މަޖިލީހަށް ހުށަހަޅާ ބިލުތަކާއި، ގަރާރުތަކުގެ ފަހަތުގައި ވަނީ ރައީސް ނަޝީދުކަމަށް އެމްޑީޕީގެ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ތުހުމަތު ކުރެ އެވެ. އެބޭފުޅުން ވިދާޅުވީ، މަޖިލީހުގައި އިދިކޮޅާއި ގުޅިގެން އެމްޑީޕީގެ ފެކްޝަނެއް މަސައްކަތް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: