ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރުހިފޭ މަގުޗާޓާއި، ހައްލުހޯދޭނެ ދެލިކޮޕީއާއިއެކު 23 ދާނީ ކިހާވަރަކުންބާ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެއްކަމަށާއި، އެކަށީގެންވާ ހައްލުހޯދޭނެ ދެލިކޮޕީއެއްކަމަށް ވިދާޅުވެއެވެ. ބަޖެޓުގެ އަމާޒުކަމުގައި ފާހަގަކުރީ ޑެފިސިޓްކުޑަކޮށް މާލީ ދެމެހެެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމާއި، ރާއްޖެ ހޯދަމުންދާ އިޤްތިސާދީ ކުރިއެރުން ނުހުއްޓި ކުރިއެރުމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނުވަތަ ”ޖަޒީރާ ރާއްޖެ“ މެނިފެސްޓޯ ތަންފީޒްކޮށް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުތައް ފުއްދުމެވެ.

ބަޖެޓު ހުށައަޅުއްވާދެއްވަމުން މާލީ ވަޒީރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަތަކުން ދޭހަވާ ގޮތުގައި ބަޖެޓުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމެވެ.

ސިއްހީ ދާއިރާ އާއި އިޖުތިމާއި ރައްކާތެރިކަމާއި، ތައުލީމީ ދާއިރާ އަދި ގެދޮރު އިމާރާތްކުރުމައި ޖަމާއަތުގެ ފައިސާއަށް ދެވޭ ހިދުމަތަށާއި، ތިމާވެށި ރައްކާތެރިކޮށް، އިގްތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް އެކި މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ރާވައިފައިވެއެވެ. މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި، ވަޒީފާގެ ފުރުސަތާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް، އިގުތިސާދުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެކި މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދިއުމަށްވެސް ބަޖެޓުގައިވެއެވެ.

ފިސްކަލް ސްޓްރެޓެޖީގައި ކަނޑައަޅައިފައިވާ އަމާޒުތައް ހާސިލުކުރުމަށްޓަކައި އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ބަޖެޓުގައި ހިމަނައިފައެވެ. މި ސިޔާސަތުތަކުގެ ތެރޭގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނޭއިރު، އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން ޖީޑީޕީގެ ނިސްބަތުން 3 އިންސައްތައިން ޑެފިސިޓް ދަށްކުރުމާއެކު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުންވެސް ޖީޑީޕީގެ ނިސްބަތުން 3 އިންސައްތައިން ޑެފިސިޓް ދަށްކުރަން ރާވާފައިވެއެވެ. އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޖީޖީއެސްޓީ ރޭޓު 6 އިންސައްތައިން 8 އިންސައްތައަށް އިތުރުކުރުމާއި ޓީޖީއެސްޓީ ރޭޓު 12 އިންސައްތައިން 16 އިންސައްތައަށް އިތުރުކުރުމަށް ވަނީ ރާވާފައެވެ. އަދި ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާ މިންވަރު ކޮންޓްރޯލުކުރުމުގެ ގޮތުން، ދައުލަތުން ދޭ ސަބްސިޑީތައް މިހާރަށްވުރެ އެފިޝަންޓްކޮށް، ސަބްސިޑީގެ ހަރަދު ދެމެހެއްޓެނެވި މިންވަރަކަށް ގެނެއުމަށް ސަބްސިޑީގެ ސިޔާސަތު މުރާޖައާކޮށް، އޭގެ އެންމެ ހައްގުވެރިންނަށް ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމުގެ ތެރެއިން ހިނގާ އިސްރާފު ކުޑަކޮށް، ރާއްޖެއަށް އެތެރެކުރާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އަގުތައް ކުޑަކުރުން ހިމެނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ކުރިން ރާއްޖޭގެ ބޯޑަރު ހުޅުވައިލުމާއެކު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރާއި ބެޑްނައިޓްސްގެ އަދަދު އިތުރުވެފައިވާކަމަށް ފާހަގަކޮށް، ބަޖެޓުގައިވާގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ކޮވިޑް-19 ގެ ކުރީގެ މިންވަރަށް މި ސިނާއަތް ވާސިލުވާނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. ކޮވިޑާ އެކު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 34 ޕަސެންޓު ދަށްވުމަށް ފަހު ފަތުރުވެރިކަން އަލުން ފަށައި 2021 އަދި 2022 ގައި ވެސް އިގްތިސާދު އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރި އަރަމުންކަމަށެވެ. އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައިއެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހިމަނައިފައިވާއިރު، ޕީއެސް އައިޕީގެ މަޝްރޫއު ތަކަށް ހަރަދުކުރުމަށް ނިންމާފައިވަނީ 19.7 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ 204 މަޝްރޫއެއް ހިމެނޭއިރު އެ މަޝްރޫއުތަކަށް 483.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ޓެންޑަރިންގ ގެ މަރުހަލާގައި އޮތް 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހިމަނާފައިވާއިރު، އަދި ޕްރީ ޓެންޑަރިންގ މަރުހަލާގައި ހިމެނޭ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށްދާ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ކަނޑައަޅާ، މަސައްކަތް ނިމިފައިވާ މަޝްރޫއުތަކުގެ ރިޓެންޝަން ފައިސާގެ ގޮތުގައި 77.3 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވެއެވެ.

ޒަމާނުއްސުރެ، މާލޭގެ ރައްވެހިންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ވަނީ ހުޅުވާލެވިފައިވާއިރު، އަދި މިކަމަށްޓަކައި ގްރޭޓަރ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 6,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވަނީ ފަށާފައިވާ ކަމަށް ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެހްނެމެ އަތޮޅު ތެރޭގައި 2,500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މީގެ އިތުރުން، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ގުޅީފަޅުހިއްކުމުގެ މަޝްރޫޢު ބަޖެޓުގައި ހިމަނާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މިއަހަރު ނިމޭއިރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.6 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެފައިވާއިރު، މާލީ ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި 2022 ވަނަ އަހަރުގެ ބަޖެޓު އިތުރުވި ނަމަވެސް، އާމްދަނީވެސް ފާސްކުރި ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރެވެ. 2022 ވަނަ އަހަރު ލިބޭނެކަމަށް މިހާރު އަންދާޒާކުރެވެނީ 26.4 ބިލިއަން ރުފިޔާ ކަމަށްވީނަމަވެސް އާމްދަނީ ރަނގަޅުވެފައިވަނީ އަންދާޒާ ކުރި މިންވަރަށްވުރެ ރާއްޖޭގެ ޓޫރިޒަމް އާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ޓީޖީއެސްޓީން ލިބޭ އާމްދަނީ މަތިކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެއާއެކު 2022 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 13.6 ބިލިއަން ރުފިޔާގައި މިއީ ޖީޑީޕީގެ ނިސްބަތުން 14.3 އިންސައްތަކަން މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.

އިޤްތިސާދަށް ދިމާވާ ގޮންޖެހުންތައް މެނޭޖްކޮށް ވިލުންވެރިކަން އިތުރުކުރުމަކީ މެދުރާސްތާގައި ބަޖެޓާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް މުހިއްމުކަމަށާއި، މިކަމަށްޓަކައި ފިސްކަލް ސްޓްރެޓެޖީގައި މުހިއްމު 4 ޓާގެޓެއް ހުށައަޅާފައިވާއިރު، އުފެދޭ ސުވާލަކީ އިތުބާރު ހިފޭ މަގު ޗާޓެއްކަމަށާއި، އެކަށީގެންވާ ހައްލުހޯދޭނެ ދެލިކޮޕީއެއްކަމަށް ވިދާޅުވެ ހުށައެޅުއްވި 2023 ވަނަ އަހަރުގެ ތާރީހީ ބޮޑު ބަޖެޓުން މި ސަރުކާރަށް ކިތައް ކަންތައްތައް ހާސިލްކުރެވޭނެތޯއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުގެ ދިރާސާތަކަށްވުރެ، މާ މޮޅު ދިރާސާތަކެއް ހައްދަވައިގެން އެ ކަނޑައެޅި ބަޖެޓު ތަންފީޒްކުރެވިދާނެތޯއެވެ.

މި އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަންޖެހޭކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. މިވަރުގެ ބޮޑު ހަރަރުތަކެއް ކުރެވިގެންދިޔައިރު، ގައުމުގެ އިގްތިސާދުން ނުވަތަ އުމްރާނީ ތަރައްގީ މިއާއި އެއްވަރުގެ އިގްތިސާދީ އައުޓްޕުޓެއް ނެތްކަން މިއީ ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: