ރާއްޖެއަށް ކަނޑުގެ ސަރަހައްދުން 200 ނޯޓިލް މޭލު ލިބެންޖެހޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ”ތިއަރެޓިކަލް“ ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮރިޝަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިކުއިޑިސްޓަންސްގެ އުސޫލުން ބެހުމަށް ސަރުކާރުން އެއްބަސްވެފައިވޭތޯ ”ސަންގުޓީވީ“ އިން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ، ކޮންމެ ގައުމަކަށްވެސް 200 ނޯޓިކަލް މޭލު ލިބެން އޮންނަނީ ”ތިއަރެޓިކަލީ“ ކަމަށެވެ.
މިއުވާން ވިދާޅުވީ، ރާއްޖޭ އޮންނަ ސަރަހައްދުގެ ގޮތުން، އެ ޖާގަ ސުވާލެއް ނެތި ލިބެން އޮންނަނީ ރާއްޖޭގެ އިރުމަތިންނާއި ހުޅަނގުންކަމަށެވެ. އެހެން ނަމަވެސް އުތުރުން ސްރީލަންކާ އަދި އިންޑިއާ އޮތުމުން ރާއްޖެއަށް އެ ސަރަހައްދުން އެ ޖާގަ ނުލިބޭކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އެ ދެގައުމާއި ދެމެދު ވަނީ އިކުއިޑިސްޓަންސްގެ އުސޫލުން އެއްބަސްވުންތަކެއް ވެވިފައިކަމަށެވެ.
ވަކި އުސޫލަކަށް ނުނިމި އޮތީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުކަމަށް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އެންމެ ކުރީއްސުރެވެސް މަޝްވަރާ ކުރެވިފައިވަނީ އިކުއިޑިސްޓަަންސްގެ އުސޫލުން ބެހުމަށްކަމަށެވެ. އަދި 1992 ގައި އިންގިރޭސި ވިލާތާއި އެކުވެސް މަޝްވަރާ ކުރެވިފައިވަނީ އެ އުސޫލުން ކަންކަން ކުރުމަށް ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.
މިއުވާން ވިދާޅުވީ، ބައެއް ބޭފުޅުން 200(ދުއިސައްތަ) ނޯޓިކަލް މޭލުގެ ވާހަކަތައް ދައްކަވަމުންދަނީ ތިއަރެޓިކަލީ އެކަން އެގޮތަށް އޮތުމުންކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިންވެސް އެ ސަރަހައްދު ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިނުވަނީ، އެކަމަކީ ”ޕްރެކްޓިކަލީ“ އަށްވުރެ ބޮޑަށް ”ތިއަރެޓިކަލީ“ ކުރެވޭ ކަމަކަށްވުމުންކަމަށެވެ.
މިއުވާން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، އިކުއިޑިސްޓެންސްގެ އުސޫލުން ވިހާވެސް ބޮޑު ސަރަހައްދެއް ހޯދުމަށް ކަމަށެވެ.

