ނޮވެމްބަރު މަހުން ފެށިގެން އެސްޓީއޯއިން ވިއްކަމުންދާ ދަގަނޑުގެ އަގުތައް ހެޔޮ ކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާގޮތުން، އެ ކުންފުނިން ވިއްކަމުންކަމުންދާ ދަގަނޑުގެ އަގުތައް ހެޔޮ ކޮށްފައިވަނީ 14 އިންސައްތަ އާއި ހަމައަށެވެ. އެސްޓީއޯ އިން ބުނެފައިވާގޮތުން، ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އައިސް، ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އިތުރުން ދަގަނޑުގެ އަގުތަކަށްވެސް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ.
އެސްޓީއޯ އިން ބުނެފައިވާގޮތުން، އެ ކުންފުނިންވަނީ ރާއްޖޭގެ މާކެޓުގެ އަގުތައް ކޮންޓްރޯލްކުރުމަށާއި ކުޑަ އަގެއްގައި މުދާ ފޯރުކޮށްދިނުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކޮށްފައެވެ. އަދި ސަޕްލައި ޗެއިންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެވެމުންދާކަމަށާއި، އިމާރާތްކުރުމަށް ބޭނުން ކުރާ އެހެނިހެން ސާމާނުގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

