އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ފޭކު ބަޖެޓެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ބެޖެޓަކީ ހިޔާލީ ފޮލާއެއް ކަމަށެވެ.
“ ހަމަ ނަމްބަރު ތަކެއް ޖަހާފަ މީގަ މިހިރީ. ހަމަ އެކައްޗެއް. ދެން އަޅުގަނޑު މިތާ ހުރެގެން ދޮގު ހަދަންވީތޯ އިއްޒަތްތެރި ރައީސް. މީ ހަގީގަތަކީ. މެމްބަރުން ތިބީ ކުރީޒަމާނުގައި ކަތީބުން ތިބޭ ދަރަޖައަށް ނިކަމެތިކޮށްފައި. މެމްބަރުން ދާންޖެހެނީ ވަޒީރުން ކައިރިއަށް ވަޒީރުން ގޭގޭ ދޮށަށް ސަލާންޖަހަން ރަށުން ރައްޔިތުން ކަންކަމުގައި އައިމަ. ގޮސް ވަޒީރަށް ސަލާންޖަހައިގެން ނޫނީ ކަމެއް ނުވޭ. އެހާލަތަށް މެމްބަރުން ނިކަމެތި ކޮށްލައިފި. އަޅުގަނޑުހެން ގޮތްދޫނުކޮށް އުޅެވިދާނެ މީހަކަށް. އެހެން މަދު މީހަކަށް އުޅެވޭނީ. އެހާލުގަތިބީ. އެ މެމްބަރު އެބަ ދައްކައޭ އެވާހަކަ ދެރަވެފަވެސް.
ނިމިދިޔަ އަހަރުގެ ބަޖެޓުގައި ޓެލެކޮމް އޮޕަރޭޓިންގ ލައިސަންސް ދޫކުރުމަށާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖް ނެގުމުން 2021 ވަނަ އަހަރުގެ ތެރޭގައި 300 މިލިއަނެއްހާ ރުފިޔާ ލިބޭނެ ކަމަށް އޮތް ކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ. އެހެން ކަމުން އެ ފައިސާ ލިބޭނެ ކަމަށް ކުރީ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާތީ އެފައިސާ ނުލިބިވާ ސަބަބު އޮޅުން ފިލުވުމަށް ސުވާލުކުރުމުން އެކަމާއި ބެހޭ ދިރާސާ ކުރަމުންދާ ކަމަށް ޖަވާބު ލިބުނުކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.
“ އެކަމު ބަޖެޓް ފޮނުވިއިރު އޮތޭ އެ ޖަހާފަ. ކުރީ އަހަރު ބަޖެޓުގައި އޮތް މި އާމްދަނީގެ ގޮތުގައި ލިބޭނެއޭ. ބުނެގެން އަޅުގަނޑު މެން ވޯޓްދިނީ އެއަށް. ނުލިބުނީ ކީއްވެގެންތޯ؟ އެކަން ނުކުރެވުނީމަ. އަނެއްކާވެސް މިއޮތީ ޖަހާފަ. ކުރީ އަހަރު ބަޖެޓުގައި އޮތޭ ޖަހާފަ އިއްތަޒްތެރި ރައީސް. ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ތިމަންނަމެންނަށް 700 މިލިއަން ރުފިޔާ ލިބޭނެއޭ. އަޅުގަނޑުމެން ވޯޓް ދިނީ. ދެވަނަ ފަހަރަށް ބަޖެޓް އައިއިރުގައި އެއެއް ނެތް. އެފައިސާ އެއްވެސް ނުލިބޭ. ކިހިނެތްހޭވީ އަހާލީމަ ބުނީ. އެކަން ނުކުރެވުނިއްޔޭ. މިއަހަރު ކިހިނެތްތޯ އޮތީ. މިހާ ހާލަތަށް އައިއިރުގައި އިއްޒަތްތެރި ރައީސް ކުންފުނިތަކުން ދެހާސް މިލިއަނަށް ވުރެން ގިނަ ދެބިލިއަނަށް ވުރެ ގިނަފައިސާ ހުރީ ނުދައްކާ. ދިވެހިރާއްޖެއިން.
އިބްރާޙިމް ރަޝީދު ވިދާޅުވީ ސޮވަރެން ޑިވޮލަޕްމަންޓް ފަންޑްގެ ވާހަކަ ބަޖެޓްގައި ހިމެނިފައިވާ ކަމަށެވެ.
“ މީގައި މިއޮތީ 2023 ވަނަ އަހަރު ފައިނޭންސިންގ ގޮތުގައި ޖުމްލަ އެގާރަ ހާސް ހަތަރުސަތޭކަ ފަންސާސް ތިން މިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށް. އަދި އޭގެ އިތުރުން ޑެފިސިޓް ހަމަޖައްސަން ބޭނުންވާ އަށްހާސް ހަތަރުސަތޭކަ ފަންސާސް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ ކަމަަށް. އަދި ދެހާސް އެއްސަތޭކަ އެއް މިލިއަން ރުފިޔާ ސޮވަރިން ޑިވޮލަޕްމަންޓް ފަންޑަށް ޖަމާކުރުމަށް 871 މިލިއަން ރުފިޔާ ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލު ދެއްކުން އެބަ އޮތް ކަމަށް. އިއްޒަތްތެރި ރައީސް ސޮވަރިން ވެލްތު ފަންޑު. ސޮވަރިން ޑިވޮލަޕްމަންޓް. އެއީ ގައުމުގެ ވަރަށް މުހިއްމު އެއްޗެއް. ދިވެހިރާއްޖެ ބޭރު ގައުމްތަކަށް މިއޮތީ ދަރަނި ވިއްކާފަ. ބޮންޑު ވިއްކާފަ. އެ އިންވެސްޓް ކޮށްފައި ތިބި ފަރާތުން އެބަ ބަލާ ދިވެހިރާއްޖޭގެ ސޮވަރިން ވެލްތު ފަންޑު ނުވަތަ ސޮވަރިން ޑިވޮލަޕްމަންޓް ފަންޑުގައި ހުރީ ކިހާ ފައިސާ އެއްތޯ. ދިވެހި ރުފިޔާ އިންނޭ ހުރީވެސް. އިއްޒަތްތެރި ރައީސް. މޫޑީ އާއި ފިޗާ، ދުނިޔޭގަ މާލީ އިދާރާތައް ބަލާ މޮނިޓަރ ކޮށް ރޭޓިންގ ހަދާ ފަރާތްތައް. މޫޑީން ބޯޑަރ ގައި އިންނަނީ. ދިވެހި ރާއްޖެ އިނީ ބްލެކްލިސްޓް ވެފައި.
އިބްރާޙިމް ރަޝީދު ވިދާޅުވީ މީރާގައި ޓެކްސް ނުދައްކާ ފަރާތްތަކުން ދާދި ފަހުން ވަނީ ލިސްޓެއް ހާމަކޮށްފަ ކަމަށެވެ. އެލިސްޓު ހާމަކުރިއިރު އާއްމު ރައްޔިތުން ހާމަކޮށްފައި، ސަރުކާރު ހާމަކުރަން ނުޖެހޭނެ ކަމަށް ބުނީ ކީއްވެގެން ތޯ އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރީ މޫޑީ އާއި ފިޗް ފަދަ ދުނިޔޭގެ މާލީ ވުޒާރާ ތަކަށް ވަގު ހެދުމަށް ކަމަށް އިބްރާޙިމް ރަޝީދު ވިދާޅުވިއެވެ.

