މާލޭގެ ގަރާޖެއްގައި ވަރަށް ބޮޑަށް ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި އިތުރު ބައެއް ތިބިތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފެށީ، ރޭގަނޑުގެ 12:30 ހާއިރު އެވެ. މިވަގުތާއި ހަމައަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، ރޯވި އިމާރާތުގައި އަދިވެސް ވަރަށް ބޮޑަށް ދުމުގެ އަސަރު އެބަހުއްޓެވެ.
މުޅި ސަރަހައްދު އެއްކޮށް ބަންދުކޮށް، ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވަމުންދާއިރު އަލިފާނުގެ އަސަރު ކުރި ދެ މީހަކު އެމްބިއުލާންސްގައި ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އަދި އޭގެ ތެރެއިން ގެންދިޔަ އެއް ބިދޭސީ އަންހެނަކު ވަނީ ނިޔާވެފަ އެވެ.
މ. ނިރުފަހި ކިޔާ ގެއެއްގައި ހުންނަ އެ ގަރާޖުގައި ރޯވެ، ކުރި ދުމުގެ އަސަރު ހެންވޭރުން ވެސް ފާހަގަކުރެވުނެވެ. ގަރާޖްގައި ރޯވެ ވަރަށް ބޮޑަށް އަލިފާން ފެތުރުއިރު، އެނގިފައިވާ ގޮތުގައި ރޯވި ތަނުގެ ތެރެއިން ބައެއްގެ ހަށިގަނޑުތައް ވަނީ ފެނިފަ އެވެ.
އިމާރާތުން ބައެއް މީހުން ނެރެ، މިވަގުތު އެ މީހުން ތިބީ މާފަންނު ދަނޑުގައި ނަމަވެސް އެ ތަނުގައި އުޅޭ މީހުންގެ ތެރެއިން ބަޔަކު މަދުކަމަށް މައުލޫމާތު ލިބެ އެވެ.

