މާފަންނުގައި ހުރި ވެހިކަލް މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 09 ބިދޭސީއަކު ނިޔާވެއްޖެ އެވެ.
ރޭ ދަންވަރު 12:30 ހާއިރު އަލިފާން ރޯވެފައި ވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ކާރު މަރާމާތު ކުރާ ގަރާޖެެއްގެ އެވެ.
ދެ ބުރިއަށް ހަދާފައި ހުރި އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވި އެވެ. އަދި އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވަނީ ބާރުގަދަ އެއްޗެއްގެ ގޮވުމުގެ އަޑުވެސް އިވިފަ އެވެ.
ރޭގެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ފަތިހުގެ 4:38 ގަ އެވެ. ނަމަވެސް އަދިވެސް ގުދަނުން، ދުން އަރަމުން އެބަދެ އެވެ.
ސިފައިން އަދިވެސް ދަނީ ތަނުގައި ބަޔަކު ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ރޭ އެންމެ ފުރަތަމަ މީހާ އެމްބިއުލާންސްގައި ގެންދިޔައީ 2:30 ހާއިރު އެވެ. އެއަށް ފަހު، އަންހެނެއް ވެސް ގެންދިޔަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާއިރު ފުރަތަމަ ގެންދިޔަ މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެ އެވެ.
ނިޔާވި މީހުންގެ އަދަދު 09 އަކަށް އެރިއިރު އެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
ނިޔާވި އެންމެންގެ ހަށިގަނޑުތައް އަދި ނެރެވިފައެއް ނުވެއެވެ. ސިފައިންނާއި، ރެޑް ކްރެސެންޓު ގުޅިގެން ބޮޑީތައް ނެެރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
އެމްއެންޑީއެފްއިން މިއަދުގެ ހެނދުނު މީޑިއާތަކަށް ބުނީ، އަލިފާނުގެ ހާދިސާގައި، ތަނުގައި ދިރިއުޅުނު މީހުންގެ ދިން މައުލޫމާތަށް ބަލައި، ނުވަ މީހަކު ހޯދުމުގެ މަސައްކަތް ކުރި ކަމަށެވެ.
މިހާތަނަށް ފެނުނު 10 މީހުންގެ ތެރެއިން 09 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ފަރުވާ ދެމުންދާ އެކެއްގެ ހާލު ސީރިއަސް އެވެ.
އެމްއެންޑީއެފުން ބުނީ ގުދަނުގަައި، ނުވަތަ ބިދޭސީންގެ ލޭބާރ ކުއާޓަރުގައި އިތުރު މީހަކު ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

