ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި 30 އަށްވުރެ ގިނަ ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅިއެއް!

ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރުމުގައި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓް އިންހަރަކާތްތެރިވަނީ. ފޮޓޯ:ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ކާރު މަރާމާތު ކުރާ ގަރާޖެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ކަމަށް ދެންނެވުން ގޯހަކަށް ނުވާނެއެވެ.

ރޭ 12:30 ހާއިރު އެތަނުގައި ރޯވެގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނުތާ 3 މިނިޓުގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ފަޔާ އެންޑް ރެސްކިއު ވަނީ އެޓެންޑް ވެފައެވެ. އޭރު އެޓެންޑްވެފައިވާއިރުވެސް އަލިފާންގަނޑު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައިކަމަށް ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާން ކާނަލް އިބްރާހީމް ރަޝީދު ވަނީ މައުލޫމާތުދެއްވާފައެވެ. އެއާއިއެކު އެމްއެންޑީއެފް މަސައްކަތް ފެށީ އަލިފާންގަނޑު އިތުރަށް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ހާދިސާ ހިނގި ތަނަކީ ޑިއުޓީ ބަހައިގެން ނިދާ ތަނެއްކަމުގެ މައުލޫމާތު ލިބިފައިވާއިރު، އެތަނަކީ ލަކުޑިން ޑެކު އަޅައިގެން ތިން ބުރިއަށް ހަދާފައި ހުރި ތަނެކެވެ. އެންމެ ތިރީ ބުރީގައި ހުންނަނީ އޭއެސްއެމް ކޫލް ސޮލިއުޝަން ނަމަކަށް ކިޔާ ގަރާޖެކެވެ. މި ގަރާޖުގައި މީގެ ކުރިންވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ އެ ގަރާޖުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަން ފާހަގަކުރައްވައި ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވީ, އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުންކަމަށެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މީހުން އެއްވެފައި. ފޮޓޯ:ވަގުތު

މިތަަނަކީ ވަރަށް ބައިވަރު ސިލިންޑަރުކެއް ހުންނަ ތަނެއްކަމަށާއި، އާންމު އިންސާނެއްގެ އިސްކޮޅާ އެއްވަރުގެ ސިލިންޑަރުތައް ވެސް އެބަހުރި އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި މި ސަރަހައްދުގައި ތަފާތު ގިނަ ވައްތަރުތަކުގެ ގޭސްތައް ހުރިކަމަށް ވިދާޅުވިއެެވެ.

އަލިފާންގަނޑު އިތުރަށް ބޮޑުވިޔަ ނުދީ ހިފެހެއްޓުފަހު ސާރޗް އެންޑް ރެސްކިއުގެ މަސައްކަތްފަށާ، ތަނުގެ ތެރެއިން 14 މީހަކު ސަލާމަތްކޮށްފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އިން ދެއްވާފައިވާއިރު، މި ހިތާމަވެރި ހާދިސާގައި ޖުމްލަ 10 މީހަކު ވަނީ ވަކިވެގެން ގޮސްފައެވެ. އަދި ބަނގަލަދޭޝްގެ ރައްޔިތަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. ހާދިސާގައި 30 ދިވެއްސަކަށް ރައްކާތެރިކަންދީފައިވާއިރު، 28 ބިދޭސީއަކު ވަނީ މި ސަރަހައްދުން ނެރެފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ, އެ ތަނުން ސަލާމަތްކުރި 28 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބީ އެތަނުން ސަލާމަތްކުރި ހަ އަންހެނުންނާއި ތިން ފިރިހެނުންކަމަށް ހިސާން ހަސަން ވިދާޅުވިއެވެ.

ހާދިސާގައި ގެއްލުންވީ ބިދޭސީންގެ ތެރޭގައި ތިން ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭކަމުގެ މައުލޫމާތު ލިބިފައިވާއިރު، ނިޔާވި މީހުންގެ ތެރޭގައި އިންޑިއާ އާއި ބަނގަލަދޭޝްގެ އިތުރުން ސްރީ ލަންކާގެ މީހުން ހިމެނޭކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުން މީގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ އެއްވެސް މީހަކު ނުހިމެނެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާއިން މީހަކު ސަލާމަތްކުރާ މަންޒަރު. ފޮޓޯ:ވަގުތު

މި ނުރައްކާތެރި ހާދިސާ ހިނގި 2 ބުރީގެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ފުލުހުންނާއި ސިފައިންނަށް އަދި ހޯދިފައި ނުވީ ނަމަވެސް، ކައިރި ގެ ތަކުގައި ދިރިއުޅޭ މީހުން ދީފައިވާ މައުލޫމާތުން ބެލެވެނީ މިއީ ގަރާޖުގައި ގެންގުޅޭ ގޭސް ފުޅި އާއި ތެލާއި ބާ ދަގަނޑުފަދަ ތަކެތީގެ ސަބަބުން ނުވަތަ، ވެލްޑިން ކުރުމުގެ މަސައްކަތެއްގެ ތެރެއިން ހިގައިދިޔަ ހާދިސާއެއްކަމަށެވެ. ބައެއް މީހުން މައުލޫމާތުދީފައިވާގޮތުން މިތަކެތި ހުންނަ ސަރަހައްދުގައި ސިނގިރޭޓު ބުއިމާއި، ނުރައްކާތެރި ހާދިސާއަކަށް މަގުފަހިކުރުވާނެފަދަ ކަންތައްތައް ކުރެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މިހާރުކުރަމުންދަނީ ހާދިސާގައި ނިޔާވެފައިވާ މީހުންނާއި، ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: