ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމުގައި ގޯހެއް ނެތްކަމަށާއި، ނަމަވެސް މިވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު ޓެކްސް ބޮޑު ކުރުމަށް ތަން ނުދޭކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ދަރަނީގެ ހާލަތު ގޯސްވެ، ފައިސާ އަނބުރާ ނުދެއްކިދާނެ ހާލަތަކަށް ގޮސްދާނެކަމުގެ އިންޒާރު މާލީ އިދާރާތްތަކުން ދީފައި ވަނިކޮށް ޓެކްސް ބޮޑު ކުރުމަށް ނިންމައި ސަރުކާރުން އެކަން އިއުލާނު ކުރީ ކުއްލި ގޮތަކަށެވެ. އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބައިނަލްއަޣުވާމީ އިދާރާތަކުން އާއްމުކޮށްފައިވާ ދިރާސާތައް ބަލައިގަތުމަށް ދެކޮޅު ހަދައި، ސަރުކާރުން އޭރު ބުނީ، އިގްތިސާދީ ހާލަތު ރަނގަޅުކަމަށާއި ލޯނުތައް އަނބުރާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ.
އެހެންވެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ރާއްޖޭގެ ރިޒާވާއި މެދު ސުވާލު އުފައްދައި، ފިނޭންސް މިނިސްޓްރީގެ ވާހަކަތައް ގަބޫލު ކުރަން ދެކޮޅު ހެދި އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ޓެކެސް ބޮޑު ކުރުން އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރާގޮތަށް މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފަ އެވެ. މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުންނާއި އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ އިގްތިސާދީ ހާލަތު ގޯސްކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކުރުމަށް ފަހު ޓެކްސް ބޮޑު ކުރާ ސަބަބާއިި މެދު ސުވާލު އުފައްދާފަ އެވެ. އެހެންވެ މެމްބަރުން ސިފަ ކުރީ، މިއީ ބިރުވެރި އަދި ސަރުކާރުގެ ހުދުމުތާރު އަމަލެއްގެ ގޮތުގަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން މި ހަފްތާގައި އެމްއެމްއޭއިން ރިޕޯޓެއް އާއްމު ކުރި އެވެ. އެއަށް ފަހު މިއަދު މަޖިލީހުގެ ބަޖެޓު ކޮމިޓީގައި، އެކަމަށް ވާހަކަ ދައްކަވަމުން ގަވަނަރު ވިދާޅުވީ ޓެކްސް ބޮޑު ކުރުމަކީ ގޯހެއްގެ ގޮތުގައި ނުދެކޭކަމަށެވެ. އެހެން ނަމަވެސް އެފަދަ ނިންމުމެއް ނިންމާއިރު ވަގުތާއި ހާލަތަށް ބެލުން މުހިންމުކަން ފާހަގަކޮށް ހާޝިމް ވިދާޅުވީ ޓެކްސް ބޮޑު ކުރުމަށް ރާއްޖޭގެ ހާލަތު މިވަގުތު ތަން ނުދޭ ކަމަށެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދަށް ކުރި ލޮޅުންތަކާއި އޭގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރިއިރު އަދިވެސް ހާލަތު އެއްކޮށް ރަނގަޅު ނުވާކަން އޭނާ ފާހަގަކުރި އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، މިވަގުތު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލު އަންނަމުން ދަނީ ރަޝީޔާ ޔުކްރެެއިން ހަނގުރާމައިގެ މައްޗަށް ވުމުންނާއި، ކުރިޔަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދު ކަންތައް ހިނގާފާނެ ގޮތެއް އަދި ނޭނގޭތީ އެވެ.
ހާޝިމް ވިދާޅުވީ، އެ ހާލަތު ބަދަލުވާ މިންވަރަކުން ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ހާލަތު ގޯސްވާ ނަމަ ރާއްޖެއިން ތެޔޮ ގަތުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވާނެކަން ފާހަގަކުރި އެވެ.
ޓެކްސް ބޮޑު ކުރަން އެމްއެމްއޭގެ ތާއީދު ނެތް ސަބަބާއި މެދު މެމްބަރުން ސުވާލު އުފައްދާތީ ހާޝިމް ވިދާޅުވީ، އެ ނިންމުން ތަންފީޒު ކުރުމާއި ހަމައަށް ދާން ވާނީ މުޅި އިގްތިސާދަށް ކުރާނެ އަސަރުތައް ބަލާފައި ކަމަށެވެ. އެންމެ ބޮޑު ވިސްނުމެއް ގެންގުޅެން ޖެހޭނީ ޕްރައިވެޓް ސެކްޓާއަށްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އާމްދަނީ ރަނގަޅު ކުރަންޖެހޭކަން ގަބޫލު ކުރާކަމަށެވެ.
ގޯހީ ވަގުތާއި، ހާލަތުކަމަށް ހާޝިމް ވިދާޅުވުމުން، މެމްބަރުން އަނެއްކާވެސް އެކަމާއި މެދު ސުވާލު އުފެއްދި އެވެ. ޖަވާބުގައި މިސާލެއް ނަންގަވައި ހާޝިމް ދެއްކެވީ ފަތުރުވެރިކަމުގެ ހާލަތެވެ. ކޮވިޑުން އަރައިގަނެވި، ފަތުރުވެރިކަން ރަނގަޅަށް ފަންކްޝަން ކުރަމުން ދިޔަ ނަމަވެސް ޗައިނާ މާކެޓު އަދިވެސް އޮތް ހާލަތަށް ބެއްލެވުމަށް ހާޝިމް އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ޗައިނާއިން ގެންގުޅެނީ ޒީރޯ ކޮވިޑު ޕޮލިސީއަށް ވާއިރު އެ މާކެޓުން ފަތުރުވެރިން ކުރިން އައި މިންވަރަށް އައިސްދާނެކަމަށް ނުބެލެވޭކަމަށެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން މަޖިލީހަށް އަރުވާފައިވާ ލަފާގައިވާގޮތުން، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2023 ވަނަ އަހަރު ޓެކްސް ބޮޑު ކުރަން ނިންމި ނިންމުމަކީ ދުނިޔޭގެ މާލީ ވުޒާރާތަކުންވެސް ކުރުމަށް އިރުޝާދު ދީފައިވާކަމެއް ނަމަވެސް، އެ ކަން ކުރުމުގެ މައިގަނޑު ބޭނުން ކަމަށް ވާ ދައުލަތުގެ ޑެފެސިޓު ކުޑަ ކުރުމުގެ މަގުސަދު، މިހާރު ހުށައަޅާފައިވާ ބަޖެޓާއި އެކު ހާސިލު ނުވެއެވެ. އެހެންވެ އެ މަރުކަޒުގެ ލަފާފައި ވަނީ، ދައުލަތުގެ އެތެރޭގެ ހަރަދުތައް ކުޑަކުރުމަށެވެ.
މިއީ އިގްތިސާދަށް ހީނަރުކަމެއް އައިސްފައިވާ ވަގުތަކަށްވާއިރު، ދުނިޔޭގެ މާކެޓުގައި ތަކެތީގެ އަގުތައް އުފުލި އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާކަމަށް އެމްއެއޭއިން ވަނީ ފާހަގަކޮށްފަ އެވެ.
މަރުކަޒީ ބޭންކުން އިތުރަށް ބުނެފައި ވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓެކްސް އިތުރު ކުރުމުގެ ބަދަލުގައި ހަރަދު ކުޑަ ކުރުމަށް އިސްކަން ދިނުން މުހިންމުކަމަށް ދެކޭކަމަށެވެ. އެމްއެމްއޭއިން ވަނީ ހަރަދުތައް ހަމަޖެއްސުމަށް ގެންގުޅެމުންދާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ.
ޓެކްސް ބޮޑު ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، އެގޮތަށް ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

