އައިސީޓީ މެދުވެރިކޮށް އޮފީސްތަކުގެ މުވައްޒަފުންނަށް ފަސޭހަ ގޮތް ހޯދައިދެވޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހޭތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅާފައިވާ ގަރާރަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޮފީސްތައް ހިންގީ އެއްކޮށްލައިގެން ވީހާވެސް ގިނަ ތަންތަން އެއް ބިމެއްގައި އެޅޭނެ ގޮތަށްކަމަށެވެ. މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަން ހުއްޓާލީކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ދެން ފެނިގެންދިޔައީ ކުދި ކުދި އޮފީސްތަކާއި، ކުންފުނިތައް އަދި ސަރުކާރުގެ ވަރަށް މުހިންމު މުއައްސަސާތައްވެސް ތަންތަން ކުއްޔަށް ހިފާ އާންމު ފަރާތްތަކުގެ ގެދޮރަށް ބަދަލުކުރި ތަންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ދުނިޔެ ތަރައްގީވެ ކުރިއަރަމުންދާއިރު އަބަދު އެއްގޮތަކަށް ކަންތައް ކުރާނީތޯ ނުވަތަ ތަފާތު ވިސްނުމެއްގައި ކަންކަން ކުރާނީތޯ ވިސްނަންޖެހޭކަމަށެވެ.
އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ފެނިގެންދިޔަ އޮފީސްތައް ކޮންމެސް ވަރަކަށް، ކޮންމެސް ވަރަަކަށް ބައެއް ކަންކަން ވަރަށް ފަސޭހަކަމާއިއެކީގައި އައިޓީ މެދުވެރިކޮށް ކުރެވެމުންދިޔަ މަންޒަރު
އާދަމް ޝަރީފް ވިދާޅުވީ ކޮވިޑްގެ ވަބާއާއިއެކު ރާއްޖޭގައި އައިސީޓީ މެދުވެރިވެގެން، އޭގެ ޒަރިއްޔާއިން މަސައްކަތްކުރެވިދާނެކަން އެގިގެން ދިޔަކަމަށެވެ. އެގޮތުން އޮފީސްތަކުގެ ބައެއް ކަންކަން ވަރަށް ފަސޭހަކަމާއިއެކު، ކުރިއަށްދިޔަތަން ފެނުނުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އައިސީޓީ މެދުވެރިކޮށް ވީހާވެސް ފަސޭހަ ގޮތަކަށް އޮފީސްތަކުގެ ހިންގުން ބަދަލުކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެބަޔަކު ތިބި ތަނެއްގައި ތިބެގެން ބޭނުންވާ ކަންކަން ކުރެވޭނެ ފަސޭހަ ގޮތް އައިސީޓީ މެދުވެރިކޮށް ހޯދޭނެކަމަށާއި، އެހެންކަމުން މި ގޮތަށް ރާއްޖޭގެ ވެރިކަމާއި އޮފިސްތަކާއި އަދި ސިވިލް ސާވީސްގެ ހިދުމަތްތަކުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
މިކަންކަމަށް ރެޖިޓް ސިސްޓަމަކުން ވިސްނުމަށްވުރެ ބޮޑަށް، ތޮށިން ބޭރަށް ދުރަށް ވިސްނާލާފަ އަޅުގަނޑުމެންގެ އުސޫލުތައްގެ ތެރެއިން އޮފީސްތަކަށް އެމިނިވަންކަން ލިބިދޭޖެހޭ
ހަމައެއާއިއެކު އާދަމް ޝަރީފް ފާހަގަކުރެއްވީ މިއަދު އޮފީސްތަކުގެ މަސައްކަތައް ހުންނަ ގޮތުން ކޮންމެ ދުވަހަކު އޮފީހަށް ގޮސް ކަރަންޓު ހަރަދު ބޮޑުވާގޮތަށް ވަސީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި، ބައެއް އޮފީސްތަކުގެ ބައެއް މަސައްކަތްތައް ގޭގައި ތިބެގެން ކުރެވެންޖެހޭކަމަށެވެ. މިއީވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ކުރެވިދާނެކަމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
މުވައްޒަފުންނަށް ދެވޭނެ ލުއިފަސޭހަތައްވެސް ދެނެގަންނަންޖެހޭކަމަށާއި، އަދި އެލުއި ފަސޭހަތަކުގެ ސަބަބުން މަސައްކަތުގެ ނަތީޖާ ބޮޑުވެދާނެ ގޮތެއް ހުރިތޯ ބަލަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

