ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތްތައް ގަވައިދުގައިވާގޮތުގެ މަތިން ނުކުރާކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
މަޖިލީހުގެ އެންމެ ފަހުގެ އޮޑިޓު ރިޕޯޓުން ދައްކާގޮތުން އެ އިދާރާއިންވަނީ ލިބެންޖޭހޭ ފައިސާ ހޯދުމުގެ ގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ފަރާތްތަކަށް ތަކުރާރުކޮށް ލިޔުމުން އަންގާފައެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން އެންގުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާކަމަށްވީނަމަވެސް ގަވައިދުގައި ކަނޑައެޅިފައިވާގޮތަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކޮށްފަވެއެވެ.
ގަވައިދުގައިވާގޮތުން އޮންނަނީ ފައިސާ ނުލިބިއްޖެ ނަމަ ލިޔުމުން އަންގައި 7 ދުވަސް ދިނުމަށެވެ. އަދި އެއަށްފަހު ނުލިބިއްޖެނަމަވެސް އަނެއްކާވެސް ލިޔުމުން އަންގައި 7 ދުވަސް ދިނުމަށްފަހު، ނުދައްކައިފި ހާލަތެއްގައި އެ މައްސަލަ ޝަރީއަތައް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށެވެ.
ޝަރީއަތުން ފައިސާ ދެއްކުމަށް އެންގުމުން ނުދައްކައިފިނަމަ، ދެން ހުށައަޅަންވާނީ އިކޮނޮމިކް މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ވަކި ގޮތެއް ނިންމުމަށް ގަވައިދުގައިވެއެވެ.
ރިޕޯޓުގައިވާގޮތުން މަޖިލީހުގެ އިދާރާއަށް 2021 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ގޮތުގައި ހުރީ ޖުމުލަކޮށް 471،545 ރުފިޔާއެވެ. އަދި މި އަދަދުން 266،548 2022 ވަނަ އަހަރުގެ ތެރޭގައި ދައްކާފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ރިޕޯޓު އެކުލަވާލި އިރު ނުލިބި ހުރީ 204،997 ރުފިޔާކަމަށް ބުނެފައިވެއެވެ.

