ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ދިވެހި މަސްވެރިންތަކަކަށް ހަތިޔާރުން ބިރުދައްކައި އަނިޔާކޮށްފި: ޓޮމް

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްވެރިންތަކަށް އިންޑިއާ ސިފައިން އަނިޔާ ކުރިކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ކުރިއަށްގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ، މަޖިލީސް މެމްބަރެއްވަނީ މީގެ ފަސް ދުވަސް ކުރިން  ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާކަމުގެ މައުލޫމާތު އެނާއަށް ދީފައިކަމަށެވެ. ތާރިގު ވިދާޅުވީ، އެނާއަށް އިންގިގެންދިޔައީ، މަހިބަދޫއަށް ނިސްބަތްވާ މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރާ މަސްވެރިންނަށް އަނިޔާކޮށްފައިވާކަމުގެ މައުލޫމާތުކަމަށެވެ.

ތާރިގު ވިދާޅުވީ، އެ މައުލޫމާތު ލިބުމާއި އެކު އެނާ މަސައްކަތް ކުރެއްވީ ދޯނީގެ ކެޔޮޅަށް ގުޅުމަށްކަމަށެވެ. އެހެން ނަމަވެސް އެ ވަގުތު ރޭންޖު ލިބޭ ގޮތް ނުވިކަމަށާއި ކެޔޮޅަށް ގުޅޭ ވަރު ވީ ޖެހިގެން އައި ދުވަހުގައިކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

ތާރިގު ވިދާޅުވީ، އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރާފައިވަނީ ހއ އުން ބޭރުން އިންޑިއާ އަދި ދިވެހިރާއްޖޭގެ ބޯޑަރު ހިމެނޭ ސަރަހައްދުން 8 މޭލު އިންޑިއާގެ ސަރަހައްދަށް ދޯނިތައް ވަދެފައިވާކަމަށް ބުނެކަމަށެވެ.

އެނާ ވިދާޅުވީ، ތިން މަސް ދޯނިން ކުރެ އެއް ދޯންޏަށް އިންޑިއާ ސިފައިން އެރީ ރޭގަނޑުގެ ވަގުތެއްގައި ދޯނީގެ މަސްވެރިން ނިދާފައިތިއްބައިކަމަށެވެ. އަދި ސިފައިން އެ ދޯންޏަށް އެރީ ފޭރޭ ބަޔަކު އެރި ގޮތަށްކަމަށާއި މަސްވެރިންނަށް ބިރު ދައްކައި ޑެކު މައްޗަށް ނެރުމަށްފަހު ހަތިޔާރުން ބިރުދައްކާހަދައި އެ މީހުން ފޭބީ ދޯނީގައި ތިބި ބައެއް މުދާވެސް ހިފައިގެންކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

ތާރިގު ވިދާޅުވީ، އެރޭގައި ސިފައިން އެރީ ދެ ދޯންޏަކަށް ކަމަށެވެ. އަދި މަހިބަދޫގެ ދޯންޏަށް އެރީ އަނެއް ދުވަހުގެ ހެނދުނު 10:00 ހާއިރު ކަމަށާއި އެ ދޯނީގެ މަސްވެރިންނަށް ހަތިޔާރުން ބިރުދައްކައި ޑެކު މައްޗަށް ނެރުމަށްފަހު ކުޑަ ކަކުލަށް ތިރިކޮށް ދޯނި ފާސްކުރުމަށްފަހު ފައިބަމުން މަސްވެރިއެއްގެ ގައިގައި ބޫޓުން ޖަހައި މޫދަށް ވައްޓާލިކަމަށްވެސް ތާރިގު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އިންޑިއާގެ ނުފޫޒަށް ރާއްޖެ ހުށައެޅިފައިވާ ކަމަށް ބުނެ ރައީސް ޔާމީން ވާހަކަދައްކަވަމުން އަންނަތާ ދުވަސްތަކެއް ވުމަށްފަހު، މިހާރު މި ފެނިގެންދަނީ “ގަޔަށް ބޮލަށް” އަރާ މަންޒަރުކަމަށެވެ. އަދި ދިވެހި ސިފައިންނާއި ކޯސްޓުގާޑުން ދިވެހިންގެ ހިމާޔަތުގައި ކުރާ މަސައްކަތްތަކާއިމެދު ތާރިގުވަނީ ސުވާލު އުފައްދަވާފައެވެ.

ތާރިގު ވިދާޅުވީ، އެމްޑީޕީއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އިންޑިއާގެ ބާރުގައިކަމަށެވެ. އަދި ވެރިކަން ލިބުމަށްފަހު، އެ ގައުމުން ބޭނުންވާ ގޮތަށް ސިރު އެއްބަސްވުންތައް ހަދާފައިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މަޖިލީހުން އެ އެއްބަސްވުންތައް ބެލުމަށް މަސައްކަތް ކުރުމުން ސިފައިން ގެނެސްފައިވަނީ އެއްބަސްވުންތަކުގެ ޕަވަރޕޮއިންޓު ޕްރެޒެންޓޭޝަނެއްކަމަށެވެ.

މީގެ އިތުރުން ތާރިގު ވިދާޅުވީ، މިހާރު ދިވެހި ގައުމަށް ވަމުންދާ ހުރިހާ ކަމަކީވެސް ބޭރު ގައުމުގެ ބާރުގެ ދަށުން ގައުމެއްގެ ވެރިކަން ހޯދައި ހަވާލުވުމުގެ ނަތީޖާކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވާ ވާހަކަަތައް އެ ކޯލިޝަނުން ދައްކަމުންދަނީ ސަބަބުތަކެއް ނެތި ނޫންކަމަށްވެސް ތާރިގު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: