ޒިންމާދާރު މަޤާމުތަކުގައި ތިބެގެން އިޤްތިސާދާއި މެދު ބިރުވެރިކަން އުފެއްދުމަކީ ހިތާމަހުރި ކަމެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައްދު ދެއްވައިފިއެވެ.
ޓުވީޓެއް ކުރައްވާ މިނިސްޓަރު އަމިރު ވަނީ ބަނގުރޫޓުވާ ވާހަކަދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގެ ސަބަބުން ކޮވިޑްގެ ދަތި އުނދަގޫ ހާލަތުންވެސް އަރައިގަނެވުނުކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫންކަމަށާއި، އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައިކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަމީރަށް ރައްދުދެއްވާ ކުރެއްވި ޓުވީޓުގައި އީވާ ވިދާޅުވެފައިވަނީ މިނިސްޓަރު އަމިރުގެ ސިޔާސީ ވާހަކަތަކުން ރައްޔިތުންގެ ކަންބޮޑުވުން ނުފިލާނެކަމަށެވެ. އަދި އީވާ އެދިފައިވަނީ އަސާސީ ކަންކަމަށް ބޭނުންވާ ޑޮލަރު ހުރި މިންވަރު ހިސާބު އަކުރުން ތެދަށް ސާފުކޮށް ދެއްވުމަށް އެދިފައެވެ. އެކަމަނާ ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން އިގްތިސާދާއިމެދު އޮތް ކަންބޮޑުވުން ފިލާނީ މިގޮތަށް އަމަލުކުރައްވައިގެންނެވެ.
ވަޒީރުވެސް އަދިވެސް ހަމަ ވާހަކަ. އަސާސީ ކަންކަމަށް ބޭނުންވާ $$$ ހުރި މިންވަރު ސާފުކޮށް ދެއްވާ.
ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުން ތެދަށް ސާފުކޮށް ދެއްވީމަ. މަނިކުފާނުގެ ސިޔާސީ ވާހަކަތަކަކުން ނޫން. https://t.co/sSOTFpmBKM
— Eva Abdulla 🎈❓ (@evattey) November 21, 2022
މީގެ ކުރީގައިވެސް އީވާ ވަނީ ސަރުކާރަށް ބޭނުންކުރެވޭނެ ފަދައިން ދައުލަތުގެ ރިޒާވްގައި ކާޑާއި ތެލާއި އަދި ބޭހަށް ބޭނުންވާނެ ފައިސާ ހުރިތޯ ބެލުމަށް މަސައްކަތްކުރައްވާފައެވެ.

