މޯލްޑިވްސް މާކެޓިން އެންޑް ޕްބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި، އެމަނިކުފާނުގެ ފަރާތުން ހެއްކެ ގޮތުގައި ހުށަހެޅި އަހުމަދު ނަރީޝްގެ ހެކި ބަހަކީ ދޮގު ހެކިބަސްކަމަށް ބުނެ ދައުލަތުން ހުށަހެޅީ އޭނާގެ އޭރުގެ ވަޒީފާގެ ހާޒިރީ ރިޕޯޓުން ހެކި ބަސް ނަފީވާވަރުގެ ހެއްކެއް ނުދެއްކޭކަމަށް ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި، ނުފޫޒު ބޭނުން ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދުގެ އަޑުއެހުމުގައި ކުރިޔަށް ގެންދިޔައީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ އެވެ.
މައްސަލައިގައި ދައުލަތުން މީގެ ކުރިން ވެސް މި ނުކުތާ ނަންގަވައި، ރައީސް ޔާމީންގެ ފަރާތުން ހެކިން އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތުތައް ކުރި އެވެ. އަދި ފައިސާ އާއި ގުޅޭގޮތުން ގޭތެރޭގައި ހިނގިކަމަށް ބުނާ، ހާދިސާއަކީ ހިޔާލީ ގޮތުން އުފައްދައިގެން އުޅޭ ވާހަކައެއްކަމަށް ޝަރީއަތުގައި ވިދާޅުވި އެވެ. އެހެންވެ އެކަން ސާބިތު ކުރުމަށްކަމަށް ބުނެ ދައުލަތުގެ ފަރާތުން އިތުރު އާ ހެކިތައް ހުށަހެޅުމުގެ ފުރުސަތަކަށް އެދުމުން، ރިޔާސަތުން އެ ފުރުސަތު ދެއްވި އެވެ.
ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ގޮތުން މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ އައު ހެކިތަކަށް ދެކޮޅު ހަދައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތަށް މީގެ ކުރިން ވެސް އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އައު ހެއްކެއް ހުށަހެޅޭނީ ހަމައެކަނި ކުރިން ލިބިފައި ނުވާ އިތުރު ހެއްކެއް ލިބިއްޖެ ހާލަތެއްގައިކަމަށާއި، މީއީ ޝަރީއަތުގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އޮތް ލިޔެކިއުންތަކެއްގެ ގޮތުގައި ފާހަގަކޮށް ވިދާޅުވީ، އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ދައުލަތުން އައު ހެކިތައް ހުށަހެޅީ ހެދުނު ގޯސްތައް ފޫބެއްދުމަށް ކަމަށެވެ. އަދި ތުހުމަތު ކުރީ ދައުލަތުން ވެސް ހެކިތައް އުފެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.
މުއާމަލާތް ހިންގުމުގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ވެސް ދިފާއަށް ގިނަ ހެކިތައް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ، ޔޫސުފް ނައީމާއި ހަވާލު ކުރަން ދިޔަ ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ފައިސާ ދަބަސް ގެންދިޔަ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކާއި، އެ މުއާމަލާތް ހަމަޖެއްސި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ. އަދި ރައީސް ޔާމީން ފޯނުން ގުޅުއްވި އިރު މުހައްމަދު އިސްމާއިލާއި އެކު އެވަގުތު ހުރިކަމަށް ބުނާ އައްޑޫ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހިމެނެ އެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހެކި ބަސް ވަނީ ނަގާފަ އެވެ.
މައްސަލައިގައި ހެކި ބަސް ދެމުން ނަރީޝް ވިދާޅުވީ، ރައީސް ޔާމީން އެދިގެން އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމާއި ހަވާލު ކުރިކަމަށެވެ. އަދި ޔޫސުފް ނައީމްގެ ގޭގައި އެ ފައިސާ ގުނިކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން އޭނާއަށް ގުޅުއްވައި ޔޫސުފް ނައީމާއި ފައިސާ ހަވާލުކޮށް ދޭން އެދުމުން އެގެއަށް ދެ ދަބަހެއްގައި ހުރި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ހަވާލު ކުރި ކަމަށެވެ. ނަރީޝް ވިދާޅުވީ އެއީ 500 ރުފިޔާގެ ބަންޑަލްތަކެއް ކަމަށެވެ. އަދި ފައިސާ އެ ގެއަށް ގެންދިއުމުގެ ކުރިން އެ ފައިސާ ގުނާފައިވާނެކަމަށާއި އެ އަށް ފަހު އެ ފައިސާ އެއީ ދެ ދަބަހަކަށް ކަމަށް ވިދާޅުވި އެވެ.
Sangu News | Your News. Zero lies straight to your eyes. ނަމަވެސް ނަރީޝްގެ ހެކި ބަހަކީ އުފައްދާފައިވާ ހެއްކެއްކަމަށް ބުނެ ދައުލަތުން ނަރީޝްގެ ވަޒީފާގެ ހާޒިރީ ރިޕޯޓު ހުށަހެޅި އެވެ. އެކަން ހިނގިކަމަށް ބުނާ ތާރީހުގައި ނަރީޝްއަކީ ސިފައިންގޭގެ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ދައުލަތުގެ ވާހަކަތައް އިއުތިރާޒުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހާޒިރީގެ ރިޕޯޓަކުން އެއީ ދޮގު ހެކިބަހެއްކަމަށް ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. ވަކީލުން ވިދާޅުވީ، ނަރީޝް ސިފައިންގޭގައި ވަޒީފާ އަދާކުރަމުން ރައީސް ޔާމީންގެ ގެއަށް ނުދާކަން ރިޕޯޓުން ނޭނގޭނެކަމަށެވެ.
ނަރީޝްގެ ހެކި ބަހުގައި ފައިސާގެ މުއާމަލާތް ހިނގި ތާރީހެއް ވިދާޅެއް ނުވެ އެވެ. ފައިސާ ހަވާލު ކުރުމަށް ދިޔައީ މީގެ އަހަރުތަކެއް ކުރިންކަމަށްވުމާއި އެކު ސީދާ ތާރީހެއް ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވި އެވެ.
ސިފައިންގޭގައި އަދާ ކުރަނީ ޝިފްޓު ޑިއުޓީކަމަށްވުމާއި އެކު، ހާޒިރީއިން އެހެން އިތުރުކަމެއް ސާބިތު ނުކުރެވޭނެކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ. އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ވަކީލުން ފާހަގަކުރީ، ނަރީޝް ވަޒީފާއިން އޭރު ވަކި ކުރި ސަބަބެވެ. ސިޔާސީ މީހުންނާއި ގުޅުން ޞާއްވާކަމުގެ ތުހުމަތަށް ނަރީޝް ވަޒީފާއިން ވަކި ކުރުމުން، އޭގެއިން ވެސް ނަރީޝް ދެެއްކެވި ވާހަކައަށް އިތުރު ބާރެއް ލިބޭކަމަށް ވަކީލުން ވިދާޅުވި އެވެ.
ހެއްކާއި ބެހޭ ގޮތުން ރައީސް ޔާމީންގެ ވަކީލުން ވަރަށް ދިގުކޮށް، ތަފްސީލީ ގޮތެއްގައި ވާހަަކަ ދެއްކެވި އެވެ. މިވަގުތު މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދަނީ ދަންފަޅިތަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު އަޑުއެހުންތައް ފެށުމަށް ފަހު، މެދުކަނޑާލަނީ ނަމާދު ވަގުތުތަކަށާއި އެކު އެވެ.
މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށޫން ހެކި ހުށެހެޅޭނީ ދައުވާ ހުށަހަޅާ މަރުހަލާގައިކަމަށެވެ. އަދި ދައުވާ ފޯމުގައި ދައުލަތުން ހުށަހަޅާ ހެކިތައް އޭގައި ބަޔާން ކުރަން ޖެހޭނެކަމަށް ފާހަގަ ކުރި އެވެ. އެހެންކަމުން ހެކި ހުށަހެޅުމަށް އޮތް މަރުހަލާ ނިމި، ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ ފެށުމުން އައު ހެކިތަކެއް ހުށަހަޅައި އެއާއި މެދު ވާހަކަ ދެއްކުމަކީ ކުރެވޭނެކަމެއް ނޫންމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި ޔޫސުފް ނައީމުގެ ވަކީލު ވެސް ވިދާޅުވީ، ތަހުގީގު މަރުހަލާފައި ހޯދިފައި ނުވާ ހެކިތައް އެއީ އައު ހެކިތަކެއްގެ ގޮތުގައި ނުބެލެވޭނެކަމަށާއި، އެ ހެކިތައް ކުރިން ހުށަހެޅިފައި ނެތުމަކީ ދައުލަތުގެ ފަރުވާކުޑަކަމުގެ އަމަލެއް ކަމަށެވެ.

