ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އުޅުމުގެ ބިލު މަޖިލީހުގައި އޮތުމުން، ކޯޓުން މާއްދާ ބާތިލު ކުރަން ދައުލަތުން ބޭނުމެއް ނޫން

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ އާއި ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ގާނޫނުގެ އެބައި ބާތިލު ކުރުމުގެ ބައި ކޯޓުގައި ކުރިޔަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި އެވެ.

އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ސަރުކާރަށް ހަތަރު އަހަރުވީއިރު ވެސް އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތްކޮށްފައި ނުވެ އެވެ. އަދި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދޭކަމުގެ ޝަކުވާތައް ކުރުމުން، ރައްދުގައި ސަރުކާރުން ބުނަމުން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅަށް އިހުތިޖާޖުތަކާއި މުޒާހަރާތައް ކުރުމަށް ފުރުސަތު ނުދިން ނަމަވެސް މި ސަރުކާރުން ދޭ ކަމަށެވެ. އަދި އެއްވުންތަކުގައި ފުލުހުން ކުރާ އަނިޔާތަކަށް ނިމުމެއް އައިސްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގާނޫނު އަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނުދޭކަމަށް ބުނެ އިދިކޮޅުން އެކި ފަހަރު މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން އުވާލަން ރައްޔިތުންގެ މަޖިލީހަށް އޭގެ ފަހުން ހުށަހަޅާފައި އޮތް ބިލު ކުރިޔަށް ނުގޮސް ތާށިވެފައިވާއިރު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ސުވާލު ކުރުމުން ރައީސް ސޯލިހަށް ވެސް އެއްވެސް މައުލޫމާތެއް ނޭނގޭކަމަށް ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު ބުނާގޮތުން މާލޭގައި ހުއްދަ ނުހޯދައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ. އެގޮތަށް އެއްވެވޭނެ ފުރުސަތު އޮތީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ. ގާނޫނުގެ މާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނީ އަހުމަދު އަޒާނާއި، ޝިފްޒާން އަހުމަދުގެ ފަރާތުންނެވެ.

މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެއްވެ އުޅުމުގެ ބިލު އޮތީ މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމުގެ މަރުހަލާފައި ކަމަށެވެ. އަދި އެ މަސައްކަތް މިވަގުތު ކުރިޔަށް ދާތީ ގާނޫނުގެ އެ މާއްދާ ބާތިލު ކުރުމުގެ ބައި ކޯޓުން ބެލުމުގެ ބޭނުމެއް ނެތްކަމަށް ބުންޏެވެ. ރައްދުގައި މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ވިދާޅުވީ، މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮތުމުގެ ސަބަބުން ކޯޓަށް މައްސަލައެއް ކުރިޔަށް ނުގެންދެވޭނެކަމަށް ނުވަތަ ވަކި ގޮތެއް ކަނޑަނޭޅޭނެކަމަށް ނިންމާނަމަ އަސާސީ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ވަކީލު ވިދާޅުވީ ކޮންމެ ހައްގެއް ވެސް އުނި ކުރުމަށް ފަހު، އޭގެ ފަހަތުން މަޖިލީހަށް އެކަމާއި ބެހޭ ބިލެއް ހުށަހެޅުމަށް ފަހު ކޯޓަށް މައްސަލަ ނުބެލޭނެކަމަށް ބުނެ ނުކުތާތައް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވަކީލު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ހިޔާލު ހުރީ ބިލު ފާސް ނުކުރުމަށްކަން އެނގެން އެބައޮތް ކަމަށެވެ. އަދި މަޖިލީހުގައި ބިލު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެއްވެ އުޅުމުގެ ހައްގު އުނިވާކަން ފާހަގަކުރި އެވެ. އެގޮތުން އެއްވުންތަކުގައި ބައިވެރިވާ މީހުންނަށް އަނިޔާކޮށް ހައްޔަރު ކުރަމުން ދާކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ހައްގު ހަނިކޮށްފައި އޮތީ ރަނގަޅަށްކަމަށް ދައުލަތަށް ބުނެ ނުދެވޭކަމަށާއި، އެކަން ސާބިތު ވެސް ނުކުރެވޭކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އަދި އިތުރު އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި ބައްދަލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: