އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ސިފަކުރާނަމަ ބުނެވޭނީ އަބަދާއި އަބަދު ކައްކަން އުދާފައިވާ ތެއްޔެއްގެ ގޮތުގައެވެ. އިރު އިރުކޮޅާ ކެކި އަރައި ވަށައިގެންވާ ސަރަހައްދަށްވެސް ކެކިގެން އަރާ ފޮނުގަނޑުގެ އަސަރު ކުރެއެވެ. ކަންކަން ހިގަމުން ދަނީ އަބަދުވެސް އަލިފާން ނިއްވާ ފުޅިއެއް ހިފައިގެން މީހަކު ހުންނަން ޖެހިފައިވާ ހާލަތުގައެވެ.
ފަހަކާއި ޖެހެންދެންވެސް އެތެރޭގެ ކޯޅުންގަނޑުގެ ސަބަބުން ރޫޅި، ހުއްޓުމުގެ ބިރު ހީވެފައި އޮންނަނީ ޕާޓީ އަދި ޕާޓީގެ ހިންގުންތެރިކަމެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިސް މެމްބަރުން އަބަދުވެސް ބުނާ ވާހަކައަކީ ވާދަވެރިކަން އިތުރުވެގެންގޮސް ކޮންމެ ހިސާބަކަށް ދިޔަ ނަމަވެސް ނިމިގެންދާއިރު ޕާޓީ އެކަތި ގަނޑެއްގެ ގޮތުގައި އޮންނާނެ ވާހަކައެވެ. ތެދެކެވެ. ތަހުތާއި ދުރަށްދާ މަންޒަރެއް ނުފެނެއެވެ.
ޗެއަރޕާސަންއެއް ހޮވުމަށް ބޭއްވި އިންތިހާބުގެ ތެރެއިން އިވިގެންދިޔަ ވާހަކަތައް އެއްވެސް ދިވެއްސަކު ހަނދާ ނުނެތޭނެކަން ޔަގީނެވެ. އެންމެ އިތުބާރު ކުރާ ޕާޓީގެ، އެންމެ އިތުބާރު ހުރި މެމްބަރުންްގެ މައްޗަށް ކުރެވިގެންދިޔަ ތުހުމަތުތަކުން އަޑު އަހާ ކޮންމެ މީހެއްގެވެސް ހިތައް އުނދަގޫވާނެއެވެ. ގާނޫނު ހަދައި އެކަންކަން ތަންފީޒު ކުރެވިގެންދާ މިންވަރު ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުވެގެން ތިބި އިސް މެމްބަރުންތަކެއްގެ މައްޗަށް ކުރެވިގެންދިޔައީ ވައްކަމާއި، ޒިނޭކުރުން އަދި ރާބުއިމުގެ ތުހުމަތެވެ.
އެއްބަޔަކުގެ މައްޗަށް ޕާޓީ ރޫޅާލައި، ފުނޑު ފުނޑުކޮށްލަން އުޅުމުގެ ތުހުމަތުތައް ކުރެވިގެންދިޔައިރު، އަނެއް ބަޔަކުގެ މައްޗަށް ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާން ދޫކުށްލި ކަމުގެ ތުހުމަތައް އެޅިގެންދިޔައެވެ. އިންތިހާބު ނިމިގެން ދިއުމާއިއެކު ބުނި ގޮތުން ނަމަ ޕާޓީ އެކަތިގަނޑަކަށް ވީއެވެ.
އެހެން ނަމަވެސް އަނެއްކާވެސް އެއްކަލަ އުދާފައި ހުރި ތެލިން ފޮނު އަރަން ފެށުމުން މިއީ ހަމަ ދެކެވޭ ވާހަކައެއް ކަމަށް ސިފަވެއެވެ. ޕާޓީ މައި ޖަލްސާ ނުވަތަ ކޮންގްރެސް އާއި ހިސާބަށް ދިޔަ އިރުވެސް މުޅި ޕާޓީ ރޫޅިގެން ފައިބަފާނެކަމަށް ސިފަވިއެވެ.
ބަރުލަމާނީ ނިޒާމުގެ ވާހަކަތައް ދެކެވެން ފެށުމާއި އެކު ޕާޓީ ދެފަޅިވެ، ޕާޓީގެ އެންމެ އިސް އެއް މެމްބަރުކަމަށްވާ ރައީސް ނަޝީދު ހީވެގެންދިޔައީ ދެންމެ ދެންމެ ޕާޓީ އާއި ވަކި ވެދާނެހެންނެވެ. އިވެމުން ދިޔަ އަޑު ތަކުގެ ތެރޭގައި ބަޔަކު މީހުންވަނީ އެމަނިކުފާނު ޕާޓީއިން ބޭރު ކުރުމަށް ރާވާފައެވެ.
ޕާޓީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުންތަކުގައި ރައީސް ނަޝީދުވަނީ މިހާރު ވެރިކަން ކުރެވެމުންދާ ނިޒާމުގެ ތެރޭގައި އެ ޕާޓީއިން ކުރަމުންދާ ވެރިކަމުގައިވެސް ވަޒީރުން ޒިންމާދާރު ކުރުވުމުކީ ނެތްކަމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ބަރުލަމާނީއަށް ބަދަލުނުކޮށްފިނަމަ، އެމްޑީޕީއަށް ވެރިކަން ނުލިބިދާނެކަމަށްވެސް ފާހަގަކުރައްވާ ވާހަކަދެއްކެވިއެވެ.
އެހެން ނަމަވެސް ކޮންގްރެސް ބަައްދަލުވުން ނިމިގެންދިޔައީ ރޯވި ހުޅުގަނޑު ޖާދުވީ އަލިފާން ނިއްވާ ފުޅިއަކުން ނިއްވާލުމަށްފަހުއެވެ. ރައީސް ސާލިހާއި ރައީސް ނަޝީދު ކުޑަ މަޝްވަރާއެއް ކުރެއްވުމަށްފަހު ރައީސް ނަޝީދުވަނީ އެމަނިކުފާނު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދަވާފައެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކަތައް ސާފެއް ނޫނެވެ.
އެ މައްސަލަގަނޑުވެސް މެމްބަރުން ސިފަކުރީ އެތެރޭގެ ވާދަވެރިކަން ގޮތުގައެވެ. އެހެން ނަމަވެސް އެ ބުނާ ވާދަވެރިން ދެން ފެނިގެންދިޔައީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުންނެވެ. ބުނާ ބުނުމަށް އަދި ފެންނަ ފެނުމަށްވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން އޮންނަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. ރައީސް ސާލިހަށް ތާއީދު ކުރައްވާ ބޭފުޅުން ތަޅުމަށް ހުށައެޅޭ ބިލަކާއި އެއްކޮޅަށް ވާހަކަދައްކަވާ ނަމަ، ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ގިނަ ފަހަރު ވާހަކަދައްކަވަނީ އެ ބިލަކާއި ދެކޮޅަށެވެ.
މިއީވެސް ވާދަވެރިކަން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ސިފަވަނީ ގައުމުގެ ހިންގުންތެރިކަމުގެ އިންޖީނުގެ ތެރެއަށް ބާ ދަގަނޑު ބުރިއެއް ހޫރާލުމުން ތާށިވާ މަންޒަރާއި އެއްފަދަ މަންޒަރެކެވެ. ވާދަވެރިކަން ކަމަށް ގަބޫލު ކުރަން ބޭނުން ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުންވަނީ މިހާރު ފެނިގެންދަނީ ވާދަވެރިކަން ނޫންކަން ޔަގީންކޮށްދެއްވާފައެވެ.
ފާޅުގައި ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ސިފަކުރައްވާގޮތުން، ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ދެ ފެކްޝަންގެ މެމްބަރުންގެ ތެރޭގައި ތަފާތުކުރައްވައެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން ބައެއް މެމްބަރުންވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތައްވެސް އަމާޒު ކުރައްވާފައެވެ.
މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވާގޮތުން ރައީސް ނަޝީދު މަޖިލީހުގެ ތަޅުމުގައި އަމަލު ކުރައްވަނީ އެމަނިކުފާނުގެ ގޭގެ ބަދިގޭގައި އަމަލުކުރައްވާގޮތަށެވެ. މި ފަދަ ކޯޅުންތައް މަޖިލީހުގެ ތަޅުމައި އާންމުވަމުންގޮސް ރައީސް ސާލިހަށް ތާއީދުކުރައްވާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާއި ރައީސް ނަޝީދާއި ދެމެދުވެސް މިފަދަ ކޯޅުންތައް ހިނގައިދިޔަ މަންޒަރު ފެނިގެންދިޔައެވެ.
މި ކޯޅުންތައް ބޮޑުވެ، ޓެކްސް ބިލު ފާސްކުރުމަށް ރައީސް ނަޝީދު ހުރަސް އަޅުއްވާކަމަށް ބުނެ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެކަމުގެ އިޝާރާތްތަކެއްވެސް ސަރުކާރު ފެކްޝަނުން ކުރިއެވެ. އެންމެފަހުން ކޯޅުންގަނޑު ބޮޑުވެގެން އެ ޕާޓީގެ ގައުމީ މަޖިލީސް ވަޓްސްއެޕް ގޫރޫޕުގައި އެކަން ނުކުރެވޭ ގޮތް ހެދުމުން ދެން ފެށީ އާންމުންނަށް އެންމެ ރަނގަޅަށް ފެނިގެންދާ ގޮތަށް ސޯޝަލް މީޑިއާގައެވެ.
ރޮޒައިނާ އަދި ޝަރީފްވެސް ތުހުމަތު ކުރައްވާގޮތުން ”ހަސަން ކުރުސީ“ ގެ ނަން ދެވިފައިވާ މަޝްހޫރު ޓްވިޓާރ އައިޑީއަކީ ރައީސް ނަޝީދު ބޭނުން ކުރައްވާ ވަގު އައިޑީއެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދުވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެހެން ކަމުން ރޮޒައިނާ އަދި ޝަރީފްއަށް ޓްވީޓާރގައި ރައްދު ދެމުންދަނީ ރައީސް ނަޝީދުކަމަށް ބުނެވޭކަށް ނެތެވެ.
ރޮޒައިނާގެ ފަރާތުން ރައީސް ނަޝީދަށް އަމާޒުކޮށް ގިނަ ވާހަކަތަކެއް ޓްވިޓާރގައި ފެނުމަށްފަހު، މިހާރު އެ ކޯޅުގަނޑު ހިނދިއްޖެއެވެ. މިހާރު އެއްކަލަ ތެލި ކެކި އަރައިގެން އުޅެނީ ޝަރީފް އަށް ”ހަސަން ކުރުސީ“ އައިޑީ އިން ފާޑުކިޔުންތަކެއް އަމާޒުކުރުމާއިއެކުވެ.
އެ އައިޑީއިން ޝަރީފްއަށް ބަހުގެ ހަމަލާއެއް އަމާޒު ކުރީ ޝަރީފް ބަޖެޓަށް އަލިއަޅުއްވައި ކުރެއްވި ޓްވީޓަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ރައްދު ދިނުމުގެ ތެރެއިން ބުނެފައިވާގޮތުން ޝަރީފް ދައްކަވަމުންދަނީ އެނާ ދައްކަވަންވާ ވަރަށްވުރެ ބޮޑު ވާހަކަތަކެވެެ. އަދި އެނާގެ ދަރިކަނބަލުންނަށް ވަޒީފާއެއް ދީފައިވާތީ ރައީސް ސާލިޙްއަށް ސަޕޯޓުކުރާ ވާހަކަ ބުނުމަކީ ޝަރީފް އާއި މާ އެކަށީގެންވާ ފަދަ ވާހަކައެއްކަމަށްވެސް އެ އައިޑީ އިން ދިން ރައްދުގައި ފާހަގަކޮށްފައެވެ.
Social Development
Expansion
Productivity
Acceleration
Economic GrowthTell you what @AdduShareef? These words are bigger than you. You can save yourself from embarrassment by tweeting something more simple like@ibusolih gave a job to my child that’s why I’m supporting him https://t.co/X2y4kArQOp
— Hassan Kurusee (@HKurusee) November 24, 2022
މެލޭޝިއާގެ އެމްބަސީގައި މަސައްކަތްކުރައްވަމުންދާ ޝަރީފްގެ ދަރިކަނބަލުންނަށް އަމާޒު ކުރި ފާޑުކިޔުންތަކުގެ ތެރޭގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ޑިޕެންޑެންސް އެލޮވެންސް ނަގާކަމަށް ފާހަގަކޮށް އަމާޒުކުރި ފާޑުކިޔުންތައް ހިމެނެއެވެ. އައިޑީއިން ބުނެފައިވާގޮތުން ނަގަމުންދަނީ ލިބެންޖެހޭ އަދަދަށްވުރެ 5 ގުނަ އިތުރު އަދަދެކެވެ.
އެހެންނަމަވެސް ޕާޓީގެ މެމްބަރުންތަކެއް ފެށި މި ކެކުންގަނޑުގެ ތެރެއިން ރަނގަޅަށް ރޯވާން ފެށީ މީގެ އަހަރުތަކެއް ކުރިން ޝަރީފުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިފައިވާކަން ފެންމަތި ކުރުމާއި ގުޅިގެންނެވެ.
@AdduShareef pic.twitter.com/MF0Gvfwzno
— Hassan Kurusee (@HKurusee) November 24, 2022
ޝަރީފް ވިދާޅުވާގޮތުން ”ހަސަން ކުރުސީ“ އައިޑީގެ ފަހަތުގައިވަނީ ރައީސް ނަޝީދުކަން އެނާ އަށް ޔަގީންވެއެވެ. އެހެންކަމުން އެނާވެސް އެކަމާއި ގުޅުވައި ރައީސް ނަޝީދުގެ މައްޗަށް އެނާއަށް ކުރެވުނު ތުހުމަތާއި އެއްފަދަ ތުހުމަތެއް ކުރިއެވެ. ޝަރީފް ރައީސް ނަޝީދުގެ މައްޗަށް ކުރީ މީހުން މަރަން ރޭވުމުގެ ތުހުމަތެވެ.
ޝަރީފް ވިދާޅުވިގޮތުން ރައީސް ނަޝީދު އަމާޒުކުރެއްވީ 50 މީހަކު މަރާލުމަށްފަހު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްޗަށް އެކަމުގެ ޒިންމާ އެޅިގެންދާ ގޮތަކަށް ކަންކަން ރޭއްވެވުމަށެވެ. އަދި އެކަން ހުއްޓުވީ އެ ޕާޓީގެ ޕީޖީ ގުރޫޕުން އެކަމާއި ދެކޮޅަށް ގަރާރެއް ފާސްކޮށް ބޭރު ގައުމުތަކުގެ ލީޑަރުންވެސް އެ ގަތުލްއާމު ހުއްޓުވުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، އޭރު އެނާ ހުންނެވީ ޕީޖީ ގުރޫޕުގެ ޑެޕިއުޓީގެ މަގާމުގައިކަމަށެވެ. އަދި އެ ލިޔެކިޔުންތައް އަދިވެސް ހުންނާނެކަމަށާއި، ބޭރު ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި ސިޓީތަކުގައި ސޮއި ކުރެއްވީވެސް އެނާކަމަށް ޝަރީފް ވިދާޅުވިއެވެ.
It was true that @HKursee had planned to kill 50 people and then put the blame on MAG. The MDP parliamentary group passed a resolution to prevent the violence n asked foreign leaders help prevent it. It was intervention by those leaders that stopped him.
— Ibrahim Shareef (@AdduShareef) November 25, 2022
ޝަރީފްގެ ވާހަކަތަކަށް އެ އައިޑީއިންވަނީ ރައްދު ދީ، އެނާ ރައީސް ސާލިހަށް ތާއީދުކުރައްވަމުންދަނީ ފައިސާގެ ބޭނުން ޖެހިފައިހުރުމުންކަމަށް ސިފަކޮށްފައެވެ. ރައީސް ނަޝީދުކަމަށް ޝަރީފް ބުނާ އައިޑީއިންވަނީ އެނާ ލޯނުތަކެއް ދެއްކުމަށް ދަރިކަނބަލުންގެ މުސާރަ ބޭނުންކުރާކަމުގެ ތުހުމަތުކޮށްފައެވެ.
އެ އައިޑީ ބޭނުންކުރަމުންދަނީ ރައީސް ނަޝީދުކަން ޔަގީންވާކަމަށް ފާހަގަކުރައްވާ، ރައީސް ނަޝީދު 50 މީހުން މެރުމަށް މަސައްކަތްކުރެއްވިކަމަށް ޝަރީފް ވިދާޅުވުމާއި އެކު ރައީސް ނަޝީދު ވަނީ އެނާއާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ހުށައަޅާފައެވެ.
ރައީސް ނަޝީދުވަނީ ޝަރީފް ކުރެއްވި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާ އެ ލިޔެކިޔުން ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ހޯދުމަށް އެދިފައިވެއެވެ.
ޝަރީފް ރައީސް ނަޝީދުކަމަށް ތުހުމަތުކުރައްވާ އައިޑީއިން ވަނީ އެ ދައުވާގެ ލިޔެކިޔުންތައް ޝާއިއުކުރުމަށްފަހު، އެ ރޭގެ މެންދަމު ބާރަ ޖެހުމުގެ ކުރިން އާންމުންގެ ތެރޭގައި ރައީސް ނަޝީދުގެ ކިބައިން މާފަށް އެދުމަށް އެނާއަށް އިލްތިމާޒްކޮށްފައެވެ.
ޝަރީފް ވަނީ މި ހުށައެޅުމަށް ރައްދުދެއްވާފައެވެ. ޝަރީފް ވިދާޅުވީ އެނާ މާފަށް އެދުމުގެ ބަދަލުގައި ބޮޑައް ބޭނުންވަނީ ކޯޓަށް ދިއުމަށްކަމަށެވެ. އަދި އެނާވެސް ކޯޓަށް މައްސަލަ ހުށައަޅުއްވާނެކަމަށާއި، އެނާގެ އަބުރު ކަތިލާކަމަށް ބުނެ ދައުވާ ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ ދައުވާތަކުގެ އިތުރުން މިހާރު އެނާ މަސައްކަތްކުރައްވަމުންދަނީ ރައީސް ނަޝީދުގެ ބައްޕާފުޅު ކެނަރީ އަބްދުއްސައްތާރުގެ މައްޗަށްވެސް ދައުވާކުރުމަށް ކަމަށެވެ.
މި ކޯޅުންގަނޑު އަދިވެސް ދަނީ ކުރިއަށެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކެކިގެންދާ މިންވަރު ފެނިގެންދާނެކަމަށްވާއިރު، ރައީސް ނަޝީދާއި ދިމާލަށް އުކަން ފެށި ގާކޮޅުތަކެއް މިހާރު އެމަނިކުފާނުގެ ބައްޕާފުޅާ ދިމާލަށް އަމާޒުކުރުމުން މިހާރު މި ފެނިގެންދަނީ ވާދަވެރިކަން ނޫންކަން އަދި މިއީ ޒާތީ ކަމެއްކަން ސާފުވެއެވެ. ފެނިގެންދަނީ ހަސަދަވެރިކަމާއި ނަފުރަތެވެ.

