ރ. ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ބައެއް މުވައްޒަފުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު ހިޔާނާތާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި އެވެ.
ދުވާފަރު ކައުންސިލް ސަސްޕެންޑް ކޮށްފައިވަނީ އެ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީން، ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމުން ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އަތޮމުން އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ރ.ދުވާފަރު ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، ކައުންސިލުގެ ރައިސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 131.1 އާއި 131.2 އާއި 131.3 އަދި 131.5 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުގެ ރައީސް ޙަސަން ޙަކީމް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް އެލްޖީއޭ އިން ވަނީ ނިންމާފައެވެ.
ކައުންސިލުގެ ރައީސް ނެތް ހާލަތުގައި ކައުންސިލްގެ ރައީސްގެ ޒިންމާއަދާކުރުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ޒިންމާ މަތިވެފައިވާ، ކައުންސިލުގެ ނައިބުރައީސް ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމާއި އެކު ކައުންސިލްގެ ނައިބު ރައީސް އާއި ބާކީ ތިބި ކައުންސިލަރުންވެސް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މަގާމުގެ މަސްއޫލިއްޔަތުން އެއްކިބާ ކުރެވިފައިވާ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
އެލްޖީއޭގެ ފަރާތުން ރ ދުވާފަރު ކައުންސިލް ސަސްޕެންޑް ކުރުމަށް ނިންމާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ 13 ވަނަ ބައްދަލުވުމުގައި ކަން ފާހަގަކޮށްލެވެއެވެ.
ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަންގެ ފަރާތުން ޑިއުޓީ ޕްރޮސެކިއުޝަން އަށް މީގެ ކުރިން ހުށައަޅާފައެވެ.
ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 ވަނަ ދުވަހާ ހަމައަށް އޭސީސީގެ ޚާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެ މައްސަލައިގެ ތަހުގީގް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

