ރ ދުވާފަރު ކައުންސިލުގެ އިދާރާއިން މާލީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުތަކެއް ވެފައިވާކަމަށާއި ހިޔާނަތްތެރިވެފައިވުން އެކަށީގެންވާކަމަށް ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ ނެރުއްވާފައިވާ ދުވާފަރު ކައުންސިލުގެ އޮޑިޓޫ ރިޕޯޓުން ދައްކާގޮތުން، ކައުންސިލުން ސްޓޮކް ގަތުމުގައި އަމަލުކޮއްފައިވަނީ މާލީ ގަވައިދާއި ހިލާފަށެވެ. އެގޮތުން ”މުދާ ގަންނަން އެދޭ ފޯމު“ ފުރިހަމަ ނުކޮއް 1.9 މިލިއަން ރުފިޔާއާއި ގާތް ކުރާ އަދަދެއްގެ މުދާ ގަނެފައިވާކަމަށްވުމުން، އެ ތަކެތި ހޯދި މަގުސަދާއި ތަކެތީގެ ފެންވަރު އަދި ތަކެތި އިދާރާއަށް ލިބިފައިވާކަން ކަށަވަރު ނުކުރެވޭކަމަށާއި މިކަމުގެ ތެރޭގައި ހިޔާނާތްތެރިވެފައިވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.
އޮޑިޓުންވަނީ ގަވާއިދުތަކާއި އެއްގޮތަށް ސްޓޮކްގެ ކަންކަން ބެލެހެއްޓުމަށް އަންގާފައެވެ. އަދި މި މައްސަލައިގައި މާލީ ޒިންމާދާރުވެރިޔާ ޖަވާބުދާރީ ކުރުވުމަށްވެސް އެ މުއައްސަސާއިންވަނީ ބުނެފައެވެ.
ކައުންސިލުން މުދަލަށް އޯޑަރު ކުރުމުގައި ވެސް މައްސަލަތަކެއް ހުރިކަމަށް އޮޑިޓުން ފާހަގަކޮއްފައިވެއެވެ. އެގޮތުން މުދާ ބަލައިގަތުމުގައި ކައުންސިލުންވަނީ މާލިއްޔަތު ގަވާއިދާއި ހިލާފުވެފައިކަމަށާއި، ”މުދަލަށް އޯޑަރު ކުރާ ފޯމު“ ފުރިހަމަނުކޮއް 1.7 މިލިއަނާއި ގާތް ކުރާ އަދަދެއްގެ މުދާ ހޯދާފައިވާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން، ކައުންސިލުން ގަވާއިދާ ހިލާފަށް އަމަލުކޮއްފައިވުމުން، އޯޑަރު ކުރި ތަކެއްޗާއި ގުޅޭ މައުލޫމާތުތައް ކަށަވަރު ނުކުރެވެއެވެ. އޮޑިޓުންވަނީ މިފަދަ ކަންކަމުގައިވެސް މާލިއްޔާތު ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ބުނެފައެވެ.
އޮޑިޓުން ބުނެފައިވާގޮތުން ”ޝޮޕިންގް އުސޫލުން“ ތަކެތި ގަނެވޭނީ 3 ފަރާތެއްގެ އަތުން އަގު ހޯދުމަށްފަހުއެވެ. އެހެންނަމަވެސް ކައުންސިލުން ގަވާއިދާއި އެއްގޮތަށް އަމަލުކޮއްފައިނުވާކަމަށާއި 1.8 މިލިއަނާއި ގާތް ކުރާ އަދަދަކަށް މުދާ ގަނެފައިވާއިރު ގަވާއިދުގައި ވާގޮތަށް ތިން ފަރާތެއްގެ އަތުން އަގު ހޯދާފައިނުވާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން، ކައުންސިލުންވަނީ އިއުލާނުނުކޮއް، ބިޑު ކޮމިޓީގެ ހުއްދައާއި ނުލައި މުދާ ހޯދާފައެވެ. އެގޮތުން ހުއްދައެއް ނެތި 2.4 މިލިއަނާއި ގާތް ކުރާ އަދަދެއްގެ މުދާ ގަނެފައިވާކަމަށާއި މި އަމަލުގެ ތެރޭގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ބުނެވެން ނެތްކަމަށާއި ކަން ކޮއްފައިވަނީ ކައުންސިލަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް ބުނެވެން ނެތްކަމަށްވެސް އޮޑިޓުންވަނީ ފާހަގަކޮއްފައެވެ. އޮޑިޓުންވަނީ މި މައްސަލައިގައި ކައުންސިލުގެ މާލީ ޒިންމާދާރު ވެރިޔާ ޖަވާބުދާރީ ކުރުމަށް ބުނެފައެވެ.
ކައުންސިލުން ތިޖޫރީ ބެލެއްހެއްޓުމުގެ ތެރޭގައިވެސް އިހުމާލުވެފައިވާކަމަށް އޮޑިޓުން ފާހަގަކޮއްފައިވެއެވެ. އެގޮތުން ތިޖޫރީގެ އިދާރާގައި ބެހެއްޓި ފައިސާ އަދި އިދާރާއިން ނެގި ފައިސާގެ އަދަދު ފޮތެއްގައި ޖަހާ ބެލެހެއްޓިފައިނުވާކަމަށާއި އޮޑިޓުގެ ބޭނުމަށް ތިޖޫރީ ގުނި އިރު ތިޖޫރީގައި ހުރި އަދަދާއި ފޮތުގައި ޖަހާފައިވާ އަދަދާއި ދިމާ ނުވާކަމަށް ބުނެފައިވެއެވެ. އަދި ބެންކަށް ޖަމާ ކުރަންޖޭހޭ އިދާރާއަށް ލިބޭ އާމްދަނީ ޖަމާކޮއްފައިނުވާކަމަށްވެސް ފާހަގަކޮއްފައިވެއެވެ.
އޮޑިޓުން ބުނާގޮތުން، ކައުންސިލުން އެ އިދާރާގެ ބެންކު އެކައުންޓުތަކުގެ ހިސާބުތައްވެސް އެކަށީގެންވާ އުސޫލެއްގެ މަތިން ބަލަހައްޓާފައިނުވެއެވެ. އަދި ތިޖޫރީ އިން ނަގާފައިވާ 2.4 ލައްކަ ރުފިޔާ ހަރަދުކޮއްފައިވާ ގޮތް ކަށަވަރު ނުކުރެވުމާއި ދަތުރު ހަރަދުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވުން ފަދަ މައްސަލަތައް ހުރިކަންވެސް ފާހަގަކޮއްފައިވާއިރު، ހަރަދަށް ނަގާ ފައިސާ ލިބެންވީ ފަރާތަށް ލިބޭކަން ކަށަވަރު ނުވާކަމަށްވެސް އޮޑިޓުން ބުނެފައިވެއެވެ.
އެގޮތުން ހަރަދަށް ނަގާފައިވާ މިލިއަނެއްހާ ރުފިޔާ ބެންކުގެ ޕޭރޯލް ހިދުމަތް ބޭނުންކޮއްގެން އިދާރާގެ ފައިސާ އާއި ބެހޭ މުއައްޒިފުން އަދި ކައުންސިލު މެމްބަރުންގެ އެކައުންޓުތަކަށް ޖަމާކޮއްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އާންމުންނަށް މައުލޫމާތު ދިނުމަށް ބާއްވަންޖެހޭ ބައްދަލުވުންތައްވެސް ބާއްވާފައިނުވާކަމަށް އޮޑިޓުން ބުނެފައިވާއިރު، ހަފްތާއަކު އެއް ފަހަރު ބާއްވަންޖެހޭ ކައުންސިލުގެ ބައްދަލުވުންތައްވެސް ބާއްވާފައިނުވާކަމަށް ބުނެފައިވެއެވެ.


One Response
ކަލޯ ބޮޑުސޯބު އެބުރޭގޮތައް ކުޑަސޯބުވެސް އެބުރޭނީ މަތިފަޑިގަ އަދި ތިޔައްވުރެއް ބޮޑުއެބައި