ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފްގެ ނުރުހުން ސަރުކާރަށް: މަހާޒްގެ އަގަކީ ކުކުޅު ފައެއްކަމަށް ދެކުމަކީ، އަގަލުކުޑަކަން!

ޤަޟާއީ އަހަރު 2022 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގަ ފަނޑިޔާރު މަހާޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަަލައެއް ބަލާތީ އިދިކޮޅުގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު، އެ މައްސަލަ ކޯޓުގައި ބެއްލެވުމުގައި ހިމެނޭ ފަނޑިޔާރުންގެ ބެންޗަށް ކެއުމެއް ގެނައި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަނީ ހަދިޔާއެއް ބަލައިގަތީކަމަށް ތުހުމަތުކޮށެވެ. މަހާޒްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަން ހާމަކޮށް، ޖޭއެސްސީން ބުނީ ކޯޓުގައި ކުރިޔަށް ދިޔަ އިސްތިއުނާފީ އަޑުއެހުމެއްގެ ހަސްމަކާއި ގުޅުން އޮތް މީހަކު ފޮނުވި ކެއުމަކާއި މަހާޒް ހަވާލުވެވަޑައިގެންފައިވާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާތީ އެ މައްސަލަ ބެލުމަށް ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ހާލަތެއްގައި ހާއްސަ ކެއުމެއް ނޫންކަމަށާއި، 2021 ނޮވެމްބަރު 30 ގައި ކެއުން އޯޑަރުކޮށް ގެނައީ ކޮން ރެސްޓޯރަންޓަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވި އެވެ.

ސުލޫކީ މައްސަލައެއް އުފެދެން ޖެހޭ ޖާގައެއް ނެތްކަން ފާހަގަކޮށް، މި މައްސަލައިގައި މަހާޒް ނެރުނު ބަޔާނުގައި އެދިފައި ވަނީ ޖޭއެސްސީގެ ތަހުގީގު އާއްމުންނަށް ފެންނާނެހެން މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށެވެ.

މި މައްސަލައިގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިއީ އެހެން ފަނޑިޔާރުންނަށް ދައްކާ ބިރެއްކަމަށް ސިފަ ކުރެވޭ ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ޖޭއެސްސީގެ ނިންމުނަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި ތައުލީމީ ގާބިލު ފަނޑިޔާރުން ސަރުކާރު ދެކެ ބިރު ނުގަންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މި މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ގޮވާލައި، އާދަމް ޝަރީފް ވިދާޅުވީ ޓީވީ ސްޓޭޝަންތަކަށް އެ މައްސަލަ ލައިވްކޮށް ދެއްކުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ކެއުމަކަށް މަހާޒް ހުކުމެއް ކުރެއްވިކަމަށް، ތުހުމަތު ކުރައްވާ ބޭފުޅުންނަކީ އަމިއްލަ ލޯފާމްތަކަަށް ފައިދާ ވާގޮތަށް ގާނޫނު ބަދަލު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ޕްރެޝަރު ކުރާ ބައެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މަހާޒްގެ އަގަކީ ކުކުޅު ފައެއްކަމަށް ސަރުކާރުން ދެކުމަކީ އެއީ ކުށް ހީއެއް ކަމަށެވެ. އަދި ބަފައިބެ ރެސްޓޯރަންޓުން ގެނައި ކެއުމަކުން ސުލޫކީ މައްސަލައެއް ބެލުމަށް ވުރެ އަމިއްލަ ލޯ ފާމަށް ފައިދާ ވާ ގޮތަށް ގާނޫނުތައް ބަދަލު ކުރާ މައްސަލަތައް ބެލުން މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މަހާޒްގެ މައްސަލައެއް ބަލަނީކަމަށް ކޮމިޝަނުން އިއުލާނު ކުރީ އެހެން ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ނިޔަތުގައި ކަމަށެވެ. މިއީ ހަޑި ހުތުރު އަމެލެއްކަމަށް ސިފަ ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މިވެރިކަން ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ.

އާދަމް ޝަރީފްގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ބައެއް ބޭފުޅުން ވެސް ވަނީ ޖޭއެސްސީގެ ނިންމުމަށް ފާޑުކިޔައި ފަނޑިޔާރުން ކެއުންތައް އޯޑަރު ކުރުމާއި ވިޔަފާރި ކުރުމުގައި ވެސް ވިސްނަން ޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން މަހާޒްގެ ދިފާއުގައި ބައެއް ގާނޫނީ ވަކީލުން ވެސް ވާހަކަ ދެއްކެވި އެވެ. އެބޭފުޅުން ވަނީ މަހާޒަކީ ތައުލީމީ ގޮތުން ގާބިލު ބޭފުޅެއްކަމާއި ކެއުމަކަށް ނުވަތަ ބަތް ޕާރުސަލަކަށް މިހާގެ ނަފްސު ވިއްކާލަފާނެކަމަށް ދެކުމަކީ ކުށް ހީއެއްކަމަށް ފާހަގަކޮށްފަ އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާވެ، އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހެނީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.

ސުކޫކީ މައްސަލަ ބެލުމަށް ނިންމިކަން ހާމަކުރުމުން، މަހާޒް އާއްމު ކުރި ބަޔާނަށް ރޭ ކޮމިޝަނުން ރައްދު ދިނެވެ. އެ ބަޔާނުގައި ވަނީ، ކެއުމާއި މެދު ސުވާލުތަކެއް އުފެދޭކަމަށާއި މަހާޒަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މި މައްސަލައިގައި މަހާޒްގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ތަހުގީގެއް ކުރިޔަށް ދާނެކަމަށް ޖޭއެސްސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: