ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވައި ނުސާފު ވަނީ އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ދިވެހިރާއްޖެއާ ހަމައަށް ފޯރާތީ: ދިރާސާ

ވައި ނުސަފުވުމުގެ ސަބަބުން ޖައްވު ފުސްވެފައިވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވައި ނުސާފު ވަނީ އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ދިވެހިރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް އެންވަޔަރަ މިނިސްޓްރީގެ ދިރާސާ ރިޕޯޓުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ ވައި ނުސާފުވުމާއި ގުޅިފައިވާ ކަންތައްތައް ބަޔާންކޮށް މިނިސްޓްރީއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވައި ނުސާފުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި “ލޯކަލް” އަދި ސަރަހައްދީ ގައުމުތަކުގެ ވައި ތަޣައްޔަރުވުން ހިމެނޭކަމަށާއި، މި ގޮތުން “ޓްރާންސްބައުންޑަރީ އެއަރ ޕޮލިއުޝަން” ވެސް ކިޔާކަމަށެވެ. އަދި ޓްރާންސްބައުންޑަރީ އެއަރ ޕޮލިއުޝަން” މާނަކުރެވެނީ ގައުމަކުން އުފެދޭ ތަޣައްޔަރު ވައި އެހެން ގައުމެއްގެ މާހައުލަށް ގެއްލުން ލިބިދާނެ ގޮތަށް، ފެން ނުވަތަ ވައިގެ ޒަރިއްޔާއިން ދުރު ސަރަހައްދަކަށް ދަތުރުކުރުމަށްކަމަށް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

“ލޯކަލް” ވައި ނުސާފުވުމަކީ ދިވެހިރާއްޖޭގައި މިހާރު ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއްކަމަށް ފާހަގަކޮށް، މިނިސްޓްރީއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު އިންޖީނު ލީ އުޅަނދުތަކުން ބޭރުކުރާ ދުން، ކަރަންޓު އުފެއްދުމާއި އިމާރާތްކުރުމުގެ ސިނާއަތް ހިމެނެއެވެ. މި ދުވަސްވަރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމަކީ  ހުޅަނގުން އިރަށް ވައި ބަދަލުވުމާއި ގުޅިގެން އިރުދެކުނު އޭޝިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ދިމާވެފައިވާ ވައި ނުސާފުވުމެއްކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ސަރަހައްދީ ވައި ނުސާފުވުމަކީ މޫސުމާ ގުޅިފައިވާ ކަމެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިގޮތުން، ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާއި، މޫސުން ބަދަލުވާ މުއްދަތުގައި ދިވެހިރާއްޖޭގެ ވައި ނުސާފުވެ، ފުސްކަން އިތުރުވެގެންދާ ދުވަސްވަރެއްކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި ދުވަސްވަރަކީ ދެކުނު އިންޑިއާގެ ފިނި މޫސުން ފެށުމާ ދިމާކޮށް ދަނޑުވެރިން ފަޅު އެންދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ދުވަސްވަރެކަމަށް ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ދިވެހިރާއްޖެއާ ހަމައަށް ފޯރައި، ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުކުރުވާކަމަށް ދިރާސާތަކުން ދައްކައެވެ.

ވައި ނުސާފުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށްކަމަށާއި، ސަރަހައްދީ ވައި ނުސާފުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ “ލޯކަލް ސޯރސް”ތަކުގެ ސަބަބުން ވައި މިދުވަސްވަރު އިތުރަށް ނުސާފުވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މޫސުމީ ވައި ނުސާފުވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ވަނީ ތަފާތު ދިރާސާތަކެއް ކުރިއަށް ގެންގޮސްފައިކަމަށް ފާހަގަކޮށް، މިނިސްޓްރީއިން ބުނެފައިވަނީ މިގޮތުން، 2015 ވަނަ އަހަރު ސްޓޮކްހޯމް ޔުނިވަރސިޓީއާއި ދިވެހިރާއްޖެއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި މާލޭގެ އެއް އަހަރު ދުވަހުގެ އެވްރެޖް ކޮންޓްރިބުއުޝަން އަށް ބަލާއިރު، ވައި ނުސާފު ކުރުވާ މާއްދާއެއް ކަމަށްވާ PM2.5 ގެ 70 ޕަސެންޓް ހިއްސާކުރަނީ އަވައްޓެރި ގައުމުތަކުން ބޭރުކުރާ ގޭސްކަމަށެވެ.

ޕާރޓިކިއުލޭޓް މެޓަރ”ގެ ކުޑަބޮޑުމިނަށް ބަލައި، މި މާއްދާ ކެޓަގަރައިޒްކުރެވޭކަމަށާއި، އެގޮތުން، ޕާރޓިކިއުލޭޓް މެޓަރގެ ތެރޭގައި ހިމެނޭ ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ފެންނަވަރުގެ ކުނޑި، ހިރަފުސް އަދި ދުމުގެ އިތުރުން ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ނުފެންނަ ކުނޑި އަދި ދިޔާ ތަކެއްޗަކީ ނޭވާލުމުގެ ނިޒާމުން ހަށިގަނޑަށްވަދެ ފުއްޕާމެއާއި ހަމައަށް ވާސިލުވެ، ސިއްޙަތަށް ނުރައްކާ ކުރުވާ އެއްޗެއްކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އިރުވައި މޫސުމުގެ ވައި ނުސާފުވުމުގެ 90 ޕަސެންޓް ހިއްސާކުރަނީ ދުރު ސަރަހައްދުތަކުން ބޭރުކުރާ ނުސާފު ވައިންކަމަށް މިނިސްތްރިއިން ވަނީ ބުނެފައެވެ.

މިދުވަސްވަރު ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުވެފައިވާތީވެ، ސިއްހީ އިދާރާތަކުގެ ލަފާއަށް އެންމެންވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކޮށް، މިނިސްޓްރިއިން ބުނެފައިވަނީ  ވައިގެ ސާފުމިންވަރު ބެލުމަށް ބޭނުންކުރާ “އޭ.ކިއު.އައި” އިންޑެކްސް އަކީ އެވަގުތަކު ވައިގެ ސާފުކަން ހުރި މިންވަރު އަންގައިދޭ އިންޑެކްސްއެއްކަމަށެވެ. އެއަރ ކޮލިޓީ އިންޑެކްސް ނުވަތަ އޭ.ކިއު.އައި އަކީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑެއްކަމަށާއި، މި އިންޑެކްސް ވައިގެ ސާފު މިންވަރު އަންގައިދޭ ކެޓަގަރީތަކަކަށް ބަހާލެވިގެންވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޖުމުލަ 6 ކެޓަގަރީއަކަށް ބަހާލެވިފައިވާއިރު ކޮންމެ ކެޓަގަރީއަކަށް ކުލައެއްވަނީ ދެވިފައިކަމަށް ފާހަގަކޮށް މިނިސްޓްރީއިން ބުނެފައިވަނީ، އެއީ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ މިންވަރު ފަސޭހަކަމާއެކު ދެނެގަތުމަށްޓަކައި ދީފައިވާ ކުލަތަކެއްކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީއިން ވަނީ ދުން، ނުސާފު ވައި، އަދި “ހޭޒް” ނުވަތަ ފުސްކަން އިތުރުވެފައިވާ ދުވަސްވަރު، ސިއްހީގޮތުން ރައްކާތެރިކޮށް ތިބުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކޮށްފައިވާ އިލްތިމާސް ހަދުމަކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: