ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ފައިސާއެއް ނުލިބޭނެ، ދައްކަނީ ހުސް ދަޅަ!

މާލޭގައި ކޮވިޑު ފެތުރުން އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައި/ އެންއީއޯސީގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދިޔައިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ހާލަތުން ރާއްޖެއިން އަރައިގަނެ ރައްޔިތުން އުޅެމުން މިދަނީ އާއްމު ދިރިއުޅުމެއްގަ އެވެ. ކާރޫބާރުބޮޑު، ހަލަބޮލި ސިޓީއަށް ހުއްޓުމެއް ގެނައީ 2020 އޭޕްރިލް މަހު ތެރޭގަ އެވެ. އެ ދުވަހު ހިތަށް އެންމެ ބޮޑު ބިރުވެރިކަމެއް ވަނީ ވެސް، ކޮވިޑުގެ ކޭސްއެއް ރިޕޯޓު ކުރި ދުވަހަކީ މާލޭގެ 01 – ނަމްބަރު ފާލަން ކައިރިން އެތައް ބަޔަކު ލޯންޗުތަކުގައި ފުރައިގެން ދިޔަ ދުވަހަށް ވީތީ އެވެ. މީހާގެ ހަޔާތް އެއްކޮށް ހުއްޓި، ވަޒީފާ ގެއްލުމާއި ގެއިން ނެރެލުމުގެ ސަަބަބުން އެތައް ބަޔަކު ދިރިއުޅުން ރަށަށް ބަދަލު ކުރި ދުވަހަކަށް ވީ ކަން ދިމާ ކުރި ގޮތުން ކޭސް ނަމްބަރު 01 ފެނުނު ދުވަހަށެވެ. ބަލި ކޮންޓްރޯލް ކުރާނެ ގޮތަކާއި މެދު އޭރު އެތައް ބައެއްގެ ކަންބޮޑުވުން އޮތެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީ ފަހުން މި ވާހަކަ ދައްކަނީ، ކޮންމެހެން ކޮވިޑުގެ ދަތި އުނދަގޫ ދުވަސްތަކުގެ މަތީން ހަނދާން ކުރުމަށް ބޭނުންވާތީ އެއް ނޫނެވެ. ކޮވިޑު-19 ގެ ކޭސްއެއް މާލެއިން ފެނުމުގެ ކުރިން ހެލްތް މިނިސްޓްރީ އާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ޕްރެސްތަކުން ފެށިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި އެންމެ ފަހު ޕްރެސް އާއި ހަމައަށް އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ދޫކޮށް ނުލައި ބައިވެރިވި މީހެއްގެ ހައިސިއްޔަތުން އޭރު ދައުލަތުން ކުރި މަސައްކަތްތައް ގާތުން ފެނުނެވެ. އަދި އެކަން ކައިރިން ހޯދާ ބެލުމަށް ކުރި މަސައްކަތުގައި، އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި އެއް ނޫސްވެރިޔާގެ ގޮތުގައި ވެ ހުރެ އެންމެ ފުރަތަމަ ވެސް މޫނަށް ރުލެއް ވެސް ނާރުވައި އަހަރެން ކުރާ ސުވާލަކީ “ހަމަ ހަގީގަތުގައި ވެސް އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރު ތޯ” އެވެ. ރާއްޖެއަށް ގެންނަން ބުނީ ބޭހާއި، މެޑިކަލް އިކުއިޕްމަންޓުތައް ކޮބާ ތޯ އެވެ. އަދި އެންމެ މުހިންމުކަމަކަށް ފަހަރަކު ނޫސްވެރިއަކަށް އެކި ގޮތްގޮތަށް ކުރި ސުވާލަކީ، ވޯސްޓް ކޭސް ސިނާރިއޯއެއް ތައްޔާރުކޮށް އެ ރިޕޯޓުގެ ދަށުން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތައް ކޮބަތޯ އެވެ.

ކޮވިޑުގެ ތެރޭގައި މިނިސްޓްރީތަކުގެ ޒިންމާތަކުގެ އެސްއޯޕީއެއް އެކުލަވާލައި، ރެސްޕޮންސް ޓީމުތަކުގެ މަސައްކަތްތަކުގެ އޮޑިޓެއް އެކުލަވާލުމަށް މަޖިލީހުން ފާސް ކުރި އެވެ. މީގެ ތެރެއިން އާއްމުކޮށްފައި ވަނީ ހެލްތް މިނިސްޓްރީ އާއި، ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަދި ޑިފެންސް މިނިސްޓްރީ އާއި، ޑިފެންސް މިނިސްޓްރީގެ އޮޑިޓު އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓެވެ. ކޮންމެ ހަ މަހަކުން އޮޑިޓު ރިޕޯޓެއް އާއްމު ކުރާ ގޮތަށް އޮތް ނަމަވެސް ފުރަތަމަ ރިޕޯޓަށް ފަހު އޭގެ ފަހުން އިތުރު ރިޕޯޓެއް އާއްމުކޮށްފައި ނެތެވެ. މި ހުރިހާ ރިޕޯޓުތަކުގެ ތެރެއިން، ފައިސާ ރަނގަޅަށް މެނޭޖު ކުރީ ހަމައެކަނި ޑިފެންސް މިނިސްޓްރީންނެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓުގައި މުޅީން ވެސް ފާހަގަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގި އަމަލުތަކެވެ. އެގޮތުން މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަން ވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހު އެވެ. އެހެން ނަމަވެސް މިނިސްޓްރީން މިފަދަ އެއްވެސް ކަމަކަށް ބަލާފައި ނެތެވެ.

މާލިއްޔަތު ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި ބީލަން ހުށަހަޅާ ބައެއްގެ ހުންނަން ޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭނެ ކަންކަން ސާފުކޮށް ހިމަނާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ގާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

މާލިއްޔަތު ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޔަގީން ކުރަން ވާނެއެވެ. ދުބާއީގެ ކުންފުންޏެއްކަމަށް ވާ އެގްޒެކިއުޓާސް ކުންފުނީގެ މައްސަލައިގައި ހާމަވީ، މާލިއްޔަތު ގާނޫނުގެ މި މާއްދާއަށް ހެލްތް މިނިސްޓްރީއިން ރިއާޔަތްކޮށްފައި ނެތްކަމެވެ. އަދި އެ ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ދުބާއީ ކުންފުނިން ފުރިހަމަ ކުރި ޕްރޮޖެކްޓްތަކާއި އެ ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއް ތައްޔާރުކޮށްފައި ނުވާކަމެވެ. ހަމަ އެއާއި އެކު ދުބާއީ ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށް ކުންފުނީގެ އޮޑިޓް ކުރި މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތެއް އެއްކޮށްފައި ނެތް ތަނުގައި އެފަދަ އެއްވެސް މައުލޫމާތެއް ހޯދުމަށް މަސައްކަތްކޮށްފައި ހުރި ލިޔެކިއުމެއް ފެންނާކަށް ނެތެވެ.

މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުގައި ވާ ގޮތުން 75 ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން އެގްޒެކިއުޓާސް އާއި އެކު އެކުލަވާލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭރުގެ މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީނެވެ. އަދި ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ އާއްމު އުސޫލާއި ހިލާފަށްކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި ވެންޓިލޭޓަރު ގެނައުމުގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 75 އިންސައްތައަށް ވާ ފައިސާ އާއި 15 އިންސައްތައަށް ވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ދަޢުލަތަށް ގެއްލުންލިބޭ ގޮތަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށެވެ. ސުވާލަކީ އެ މަންފާ ނަގައިދީނީ ކާކަށް ހެއްޔެވެ. މާލިއްޔަތު ގާނޫނު އޮންނަ ގޮތުންނާއި، މިފަދަ އެއްބަސްވުން އެކުލަވާލުމުގެ އުސޫލަށް ބަލައި މިއީ އަމީނަށް އެކަނި ނިންމޭނެ ވަރުގެ ކަމެއް ނޫނެވެ. މުއާމަލާތްތައް ފިނޭންސް މިނިސްޓްރީ އާއި ހަމައަށް ވެސް ދާނެ އެވެ. އަދި އެންމެ ފަހު މަރުހަލާގައި މައިގަނޑު ރޯލެއް އަދާކޮށް، ފައިސާ ދޫކުރާނެ ބަޔަކީ ވެސް އެއީ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ މެދުވެރިކޮށް ނޫންކަން އޮޑިޓުން ހާމަވީއިރު އޭރު އެންއީއޯސީގެ ތަރުޖަމާނަކަށް ހުންނެވުމަށް ފަހު ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރެއްވި މަބްރޫކް އަޒީޒް ވިދާޅުވީ އެގްޒެކިއުޓާސް އާއި ވެންޓިލޭޓަރު ގެނައުމަށް ލަފާ ދިނީ ޑަބްލިއުއެޗްއޯއިން ކަމަށެވެ.

ނޫސްވެރިން ތަކުރާރުކޮށް ވެންޓިލޭޓަރުގެ މައްސަލައިގައި ސުވާލު ކުރީ ސަބަބުތަކެއް ހުރެގެންނެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުނިތަކާއި ހަވާލު ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން އެނގޭތީއެވެ. ފަހަރަކު ނޫސްވެރިއެއް އެ ސުވަލު ކުރާތީ އާއްމުން ރުޅި އަންނަ ހިސާބަށް ވެސް ދިޔަ އެވެ. ހާއްސަކޮށް ދައުލަތުގެ ވެރިން ދެކުނީ އެއީ، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ފަތުރަން އުޅޭ ފިތުނައާއި ރުޅިވއެރިކަމެއްގެ ގޮތުގަ އެވެ. ވެންޓިލޭޓަރު ކޮބައި ތޯ އާއި އެގްޒެކިއުޓާސް ކުންފުންޏަކީ ލެޖިޓިމޭޓު ކުންފުންޏެއް ތޯ ސުވާލު ކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެންޓިލޭޓަރު ވިއްކާ ކުންފުންޏެއްކަމަށް ބުނެ، ކުންފުންޏެއްގެ ނަން ރެކަމަންޑް ނުކުރާނެކަން ބުއްދިއަށް ގަބޫލު ކުރެވޭތީއެވެ. އަދި އެޑްވާންސް ގެރަންޓީއަކާއި ނުލައި، ޕޭމަންޓު ހެދުމުން ދެން އޭގެ ފަހުން ވެންޓިލޭޓަރުތައް ފޯލްޓީ ވިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެކަން އެނގޭތީއެވެ.

މި މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މިނިސްޓްރީން ދިން ހާއްސަ ހުއްދަ އާ ހިލާފަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާ ކަމަށެވެ.

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލައެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށް ފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ނުވަތަ 2 މިލިއަން ޑޮލަރެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުންވެފައިވާ މައްސަލައިގައި، މީގެ ކުރިން އެމްޑީޕީ އެއްވެސް މިންވަރަކަށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އަމިއްލަ މަންފާއެއް އެކުލެވޭކަމެއްގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް އެ މައުޟޫ ނަގާކަން ފާހަގަ ކުރެވެ އެވެ.

މިވެންޓިލޭޓަރުތަކަކީ 2020 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތަކެވެ. އެއްބަސްވުމާއި އެއްގޮތަށް އެގްޒެކިއުޓާސް އިން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަންޖެހޭއިރު އެވެންޓިލޭޓަރުތައް މިހާތަނަށްއައިއިރު ރާއްޖެ ގެނެވިފައި ނުވެއެވެ.

ވެންޓިލޭޓަރުގެ މައްސަަލައިގައި އެ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން އެކަމުގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި އެކަމުގެ މައުލޫމާތު ދެއްވައި މިދިޔަ މާޗު މަހު ރައީސް އޮފީހުގެ ތަރުޖަމާނަކަށް އޭރު ހުންނެވި މަބްރޫކް އަޒީޒް ވިދާޅުވީ އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށްވިޔަސް، އެކަމުގައި ޔޫއޭއީ ސަރުކާރު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއީ މައްސަލަ އޮއްބާލުންކަމަށް ގިނަ ބަޔަކު ސިފަ ކުރުމުން ސަރުކާރުން ބުނީ ވެންޓިލޭޓަރުގެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ދިޔަސް ރާއްޖޭގެ ތަހުގީގު މުވައްސަސާތަކުގެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ. އަދި އެކަމުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ގެންދިޔަ މުއާމަލާތްތަކާއި ބޭއްވި ބައްދަލުވުންތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ އަނބުރާ ދޭން އަންގައި، އެއްބަސްވުން ބާތިލުކޮށް އެ އެގްޒެކިއުޓާސް ކުންފުންޏާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެ މީހުންގެ އަމަލު ކުރި ގޮތުން ފައިސާ އަދި ވެންޓިލޭޓަރު ލިބިދާނެކަމަށް ސަރުކާރަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ ވާހަކަ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވެއެވެ. އެކަމަކު އެއްބަސްވުމުގައި ވާ ގޮތުން އެޑްވާންސް ޕޭމަންޓު ދައްކާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ވެންޓިލޭޓަރު ފޯރުކޮށް ނުދެވިއްޖެ ނަމަ އެއްބަސްވުން ބާތިލުވާނެކަމަށް ވެއެވެ.

ރާއްޖެ އާއި ޔޫއޭއީ އަކީ “ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް” ނިއުޔޯކް ކޮންވެންޝަންގެ ބައިވެރިންކަމަށްވުމުން މި އާބިޓްރޭޝަން ހިންގާނީ ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި އަމީން މަޖިލީހުގައި ވިދާޅުވީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރުތައް ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑަބްލިޔުއެޗްއޯ އިން އެއްވެސް އިރެއްގައި ދުބާއީގެ ކުންފުންޏާއެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ.

މިހާރު މި މުއަމަލާތް ގޮސްފައިވާ ހިސާބަށް ބަލާއިރު މިއީ ލިބެން ނެތް ފައިސާ އެކެވެ. އޭގެ ހުތްޖަތަކީ، މިހާތަނަށް ވެންޓިލޭޓަރު ގެނެވިފިފައި ނެތުމާއި ފައިސާ ގެނައުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމެވެ. އަދި އަހަރަަކަށް ވުރެ ގިނަ ދުވަސް މައްސަލައަށް ވުން އެއީ މީގެ ހެއްކެކެވެ.ަ

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: