ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުފޫޒު ބޮލަށް ވަޅިން ދިން ހަމަލާ: ހަތް އަހަރު ފަހުން ހުކުމް ކުރީ އެއްވެސް މީހަކަށް ކުށް ސާބިތު ނުވާކަމަށް

ގާނޫނީ ވަކީލު މަހުފޫޒް ސައީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ހަތް އަހަރު ކުރިން ގަނޫނީ ވަކީލް މަހްފޫޒް ސައީދު ބޮލަށް ވަޅިން ހަމަލާދިން މައްސަލާގައި، މީހަކު މަރާލަން އުޅުނުކަމުގެ ދައުވާ އާއި، އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ ސަލާމަތްވެއްޖެ އެވެ.

މަހުފޫޒަށް ހަމަލާ ދިން އިރު، އެ ދުވަވަރު އޭނާއަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް މަޝްހޫރުވެގެން އައި ލޯޔަރެކެވެ. އަދި ހަމަލާ ދިން އިރު މަަހުފޫޒް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގަ އެވެ.

ޖިނާއީ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރި މަހުފޫޒު ހަމަލާއަށް ފަހު ވެސް ސިޔާސީ ހައްޔަރީންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނީ ވަކީލުކަން ކުރެއްވި އެވެ.

މިއީ 2015 ގައި މަހުފޫޒަށް ފާރަލައި، އޭނާ މަގުމަތީ ހުއްޓައި ބަޔަކު އައިސް އޭނާއަށް ވަޅިން ހަމަލާ ދީ ޒަހަމް ކުރި މައްސަލައެކެވެ. ބޮލުގެ ތެރެއަށް ވަޅީގެ ބޮޑު ބައެއް ވަން އެ ހަމަލާގައި، އޭނާ ސަލާމަތް ވީ ކިރިޔާ އެވެ. ހަމަލާގެ މައުލޫމާތުތައް ދީ އޭރު އައިޖީއެމްއެޗުން ބުނީ މަހުފޫޒުގެ ބޮލަށް ވަޅި ހަރާފައި ހުރީ ލޮލުގެ ފަހަތުން ސިކުނޑީގެ ކުރިމައްޗަށްވާ ގޮތަށް ކަމަށެވެ. އަދި ވަޅި ހަރާފައި ހުރީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށާއި ވަޅި ދެ އިންޗި ފުންމިނަށް ވެދެފައި ހުރިކަމަށް ހޮސްޕިޓަލުން ބުންޏެވެ.

2015، ސެޕްޓެމްބަރުގައި މާލޭގައި ތޫނު އެއްޗަކުން މަހުފޫޒްގެ ބޮލަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާކުރީ ރ. އިނގުރައިދޫ، ކަރަންކާގެ، ހުސެއިން ޝަފްރާޒް އިބްރާހީމާއި ހުޅުމާލެ 11270 އަހުމަދު ރާއިދާއި ހ. ސެނާ، ހާލިދު ނަފީއުގެ އިތުރުން ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށެވެ. ޝަފްރާޒާއި ރާއިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އުފުލިއިރު ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ ހުށަހަޅައި ދައުލަތުން ބުނެފައި ވަނީ ފިރާޒު އާދި ހާލިދު އަދި ރާއިދާއި އިތުރު މީހަކު 04 ސެޕްޓެމްބަރު 2015 ގެ 05:00 ހާއިރު މަހުފޫޒް ފަރީދީ މަގުގައި ހުންނަ ރެސްޓޯރެންޓެއްގައި ހުއްޓައި އޭނާއަށް ފާރަލައި އެތަނުން އެނާ ނިކުތުމުން އެ މައުލޫމާތު އެ މީހުން ދިނީ އެވަގުތު މާފަންނު ކެނެރީ މަގުގެ ކެފޭއެއްގައި ތިބި ރާއިދާއި އިތުރު މީހަކަށް ދިން ކަމަށެވެ. އަދި މަހުފޫޒް މުއިވެޔޮ މަގުގައި ހުންނަ ގޯޅިއެއްގެ ކުރިމަތީ ސައިކަލު މަތީގައި އިންދައި ރާއިދާއި އިތުރު އިތުރު މީހަކު އެތަނަށް ސައިކަލެއްގައި ގޮސް ހަ އިންޗި ހުރި ވަޅިއަކުން އޭނާގެ ބޮލުގެ ވާތްފަޅިން ކަންފަތާއި ދިމާލަށް ހަމަލާ ދިން ކަމަށެވެ.

ދައުވާއަށް ހަތަރު މީހުން އިންކާރު ކުރި އެވެ. ކުށަށް އިންކާރުކޮށް އެ މީހުން ބުނީ ދައުލަތުން ބުނާ ގޮތަށް މަހުފޫޒަށް ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެ ހަމަލާގެ މައުލޫމާތެއް ވެސް އެއްވެސް ގޮތަށް އޭގެ ކުރިންނާއި ފަހުން ވެސް ލިބިފައި ނެތް ކަމަށެވެ.

ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އޭރޭ އައިޖީއެމްއެޗު ހޮސްޕިޓަލަށް މަހުފޫޒް ގެންދިއުމުން އޭނާގެ ކޭސް ސަމަރީ ރިޕޯޓު ތައްޔާރު ކުރެއްވި ޑޮކްޓަރުގެ ހެކި ބަސް ހިމެނެ އެވެ. ދެން ދައުލަތުން ހުށަހެޅީ ސިއްރު ހެކިންނެވެ. އެ ހެކިން ދައުލަތުން ހުށަހެޅީ މަހުފޫޒަށް އަނިޔާ ލިބުނު އިރު އެތަނުގައި އޭނާ ހުރިކަން ސާބިތު ކުރުމަށާއި މަހުފޫޒަށް އަނިޔާވިކަމާއި އެތަނުގައި މާރާމާރީ ހިނގި އިރު ކުށުގެ ތުހުމަތު ކުރާ މީހުން ތިބިކަން ސާބިތު ކުރުމަށެވެ.

މީގެއިތުރުން ދައުލަތުން ވަނީ މަހުފޫޒަށް ބައެއް މީހުން ފާރަލީކަމާއި ތުހުމަތު ކުރެވޭ މީހުން ހާދިސާ ހިނގައިދިޔަ ތަނާއި ހިނގި ސަރަހައްދުން ސައިކަލެއްގައި ދިޔަކަމާއި އެތަނުގައި ހެކިވެރިޔާ ހުރިކަން ސާބިތު ކުރުމަށް ވެސް ސިއްރު ހެކިން ހުށަހަޅާފަ އެވެ.

ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން އިތުރު ބައެއް ހެކިތައް ވެސް ހުށަހެޅި އެވެ.

މައްސަލައިގައި ހެކި ބަސް ދިން ބައެއް މީހުން ބުނެފައި ވަނީ އެ ދުވަހު ސައިކަލުގައި ތިބި މީހުން ޝަރީއަތުގެ މަޖިލީހުގައި އެބަތިބި ކަމަށެވެ. އަދި ސައިކަލު ދިޔަ ފަހުން، އެހެން ސައިކަލެއްގައި ދެ މީހަކު ޒަހަމްވެފައިވާ މަހުފޫޒް ގެންދިޔަ ތަން ފެނުނު ކަމަށެވެ. އަދި އޭނާގެ ބޮލަށް ވަޅިއެއް ވަދެފައި އިންކަމަށާއި، އެ ވަޅީގެ ދެބައިކުޅަ އެއްބައި އޭނާގެ ބޮލަށް ވަދެފައި ހުރިކަން ހެކިވެރިޔާ ފާހަގަކުރި އެވެ.
ހެކިވެރިންގެ ހެކި ބަހުގައި ވަނީ، އެ ދުވަހު ސައިކަލުގައި ތިބި މީހުންގެ ސިފަތައް ކިޔައިދީ އެ މީހުން ދުއްވީ ޖީއެން ސައިކަލެއްކަމަށް ބުނެފަ އެވެ. އަދި ޝަރީއަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ސައިކަލުގައި ދިޔަ މީހުން އެބަތިބިކަމަށް ބުނެފައި ވެއެވެ.

އިތުރު ހެކިބަހުގައި އޭނާ ބުނީ ހަމަލާ ދިން ތަން ނުފެންނަކަމަށާއި ނަމަވެސް އޭނާއަށް މަހުފޫޒު ސައިކަލެއްގައި ބަޔަކު ގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ކުރިން މަހުފޫޒް ސައިކަލެއް މަތީ މަޑުކޮށްގެން ހުރިތަން އެނާއަށް ފެނުނުކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި، ޝަރީއަތުގައި ތިބި މީހުން އޭނާއަށް އެއްވެސް ތަނަކުން ކުރިން ފެނިފައި ނެތެވެ. އަދި އޭނާ ފަހުން ވަނީ، މަހުފޫޒް ބޮލަށް ވަޅި ޖަހާފައި ހުރިތަން ވެސް ނުފެންނަކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އެގޮތަށް ތަހުގީގަށް ބުނީ މީހަކު ބުނި ބުނުމެއްގެ މައްޗަށެވެ.

އިތުރު ހެކިވެރިއެއް ބުނީ، މަހުފޫޒްގެ ބޮލަށް ވަޅި ޖަހާފައި ހުރިތަން ފެނި، އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ޒަހަމްވެފައިވާތަން ފެނުނު ބައެއް ކަމަށެވެ.

މައްސަލައިގައި މަހުފޫޒް ބުނީ އޭނާއަށް ހަމަލާ ދިނީ ސައިކަލު ޕާކުކޮށް، ސައިކަލުން ފައިބައި ތަޅުދަނޑި ނަގަނިކޮށް އެއްޗެއް އަންނަހެން ހީވެގެން އެނބުރިތަލާ ކަމަށެވެ. މަހުފޫޒް ކިޔައިދިން ގޮތުގައި ހަމަލާ ދިން މީހުން އައީ ޖީއެން ސައިކަލެއްގަ އެވެ. ހަމަލާ ދިން މީހުން އޭނާއަށް ރަނގަޅަށް ނުފެނަކަމަށާއި އަދި އެވަގުތު އެ މަގުން ދިޔަ އެހެން ސައިކަލުތައް ވެސް މަޑުކުރިކަމަށެވެ. ނަމަވެސް އެއީ އެ މީހުންނާއި އެކު އައި ބައެއްކަން ނޭނގޭކަމަށް މަހުފޫޒް ބުންޏެވެ.

މަހުފޫޒް ވަނީ ހަމަލާ ދިން ދުވަސްވަރަކީ އޭނާ ވަރަށް ގިނަ މައްސަލަތަކުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއްކަން ފާހަގަކޮށް އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ބައެއް ކުންފުނިތަކުގެ މައްސަލަ ވެސް ހުށަހަޅައި ކުރިޔަށް ގެންދިޔަކަމަށެވެ. މަހުފޫޒް އެ ކުންފުނިތަކުގެ ނަންތައް ވެސް ފާހަގަކުރި އެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މަހުފޫޒު ފިޔަވައި އިތުރު ހެއްކަކަށް ހަމަލާ ދިން މަންޒަރު ފެނިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން މައްސަލައިގައި ދައުވާ އުފުލި މީހުންނާއި ދެކޮޅަށް ހުށަހެޅި ބައެއް ސިއްރު ހެކިންނަށް އެކި ފަހަރު މަތީން ފުރުސަތު ދިން ނަމަވެސް އެ މީހުން ހާޒިރު ކުރެވިފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެެ. ޝަރީއަތް ކުރިޔަށް ގެންދިއުމުގައި ހެކިންގެ ގޮތުގައި ހުށަހެޅި މީހުންގެ ތަހުގީގު ބަޔާންތަކަށް ރިއާޔަތް ކުރުމަށް ދައުލަތުން އެދުނު ނަމަވެސް ހުކުމުގައި ވަނީ އެ ބަޔާންތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

ހެކީގެ ގޮތުގައި ދައުލަތުން ވީޑިއޯތަކެއްގެ ސްނެޕް ޝޮޓު ހުށަހެޅި ނަމަވެސް އެއީ ހާދިސާ ހިނގި ސަރަހައްދާއި ދުރުން ނަގާފައި ހުރި ސީސީޓީވީ ފުޓޭޖުކަމަށް ވުމުން ހަމަލާ ދިން މަންޒަރު އޭގެއިން ނުފެންނަކަމަށް ހުކުމުގައި ވެއެވެ. ހުކުމުގައި ވާގޮތުން ހަމަލާ ދިން ސަރަހައްދުގެ ވީޑިއޯ ފުޓޭޖުތަކުގެ އެނަލިސިސް ރިޕޯޓެއް ދައުލަތުން ތައްޔާރުކޮށްފައި ނެތެވެ. އަދި މަހުފޫޒަށް ސީދާ ހަމަލާ ދިންކަމަށް ބުނާ ދެ މީހުންނާއި ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް އޮތް ނަމަވެސް އެވާހަކަތަކަށް ބާރު ލިބޭ އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތު ކުރާ ދެ މީހުންގެ ފޯނުގެ ކޯލް ޑީޓެއިލް ހުށަހެޅިއިރު އެ ތަފްސީލު ހޯދީ ކޯޓު އަމުރެއްގެ ދަށުން ތޯ ނުވަތަ ނޫންތޯ ސާފުވާނެ ލިޔެކިއުމެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. މައްސަލައިގައި އެކަށީގެންވާ ހެކި ނެތުމާއި، އަދި ދައުލަތުން ދައްކާފައި ހުރި ވާހަކަތަކަށް ބާރުދޭ ހެކިތަކެއް ހުށަހަޅާފައި ނުވާތީ ކޯޓުން ހުކުމް ކުރީ ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ، ގާޒީ އަލީ އާދަމެވެ.

މަހުފޫޒުގެ ބޮލުގެ ވައަތްފަރާތަށް ހަރާފައި ހުރި ވަޅި ނެގުމުގެ ކުރި އޮޕަރޭޝަނަށް ފަހު އޭނާ ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: