ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެން ދައްކަނީ އަނިޔާގެ ވާހަކަ: ރިޕޯޓު ނުކުރީ ކީއްވެ؟

ނިޝާމާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު އޭނާގެ ފިރިމީހާގެ އަނިޔާތަކުގެ ތެރޭގައި އެތައް އަހަރު ދުވަސް ވަންދެން ތާށިވެފައި ހުރުމަށް ފަހު އިއްޔެ ނިޔާވެގެން ދިޔައީ މުޖްތަމައުގެ ތެރެއިން އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވި ވަނިކޮށެވެ. މީގެ ހަތް އަހަރު ކުރީން، ގދ. ތިނަދޫގައި ފިރިމީހާ ކުރި އަނިޔާތަކުގެ ސަބަބުން، އެ ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ޒިޔާދާ ނައީމް ނިޔާވުމާއިއެކު ކޮންމެ ދިވެއްސަކު ވެސް ބޭރުކޮށްލި ޖަޒުބާތުތަކުގައި ބުނީ ގޭތެރޭގައި ހިނގާ އެފަދަ ނޭއްގާނީ އަމަލުތައް ކަންފަތުން އިވި ލޮލުން ފެންނަމުން ދާނަމަ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލަމަށެވެ.

އެ މީހަކީ އެއީ އެ މަންޒަރަށް ވަރިހަމަވެގެން ހުންނާނެ މީހެއް ނޫންކަމަށާއި، އޭނާއަށް އެނގި ހުރެ އެފަަދަ އަމަލުތަކެއް ހިންގުމަށް ފުރުސަތު ދީގެން ވެސް ނުހުންނާނެ ކަމަށެވެ. ނަމަވެސް، މުޖްތަމައުގެ އެ ހާލަތަކީ އެއީ ތޯ ހިތަށް އަރަ އެވެ. ތިމާމެން، އަމިއްލަ ކަންކަމުގައި އެހާ ވެސް ބޮޑަށް ޝާމިލުވެ ތިބެ، އެ އަނިޔާގެ ވާހަކަ ދައްކަނީ ކޮފީ މޭޒުގައްޔާއި ބަނދަރު މަތީ ހުރި ހޮޅުއަށްޓެއް ނުވަތަ، ޖޯލިފަތީގަ ތިބެގެންނާއި ގޭގެ ސިޓިން ރޫމުގަ އެވެ. އިތުރު މީހަކު، އެކަން ރިޕޯޓު ކުރަން ހިޔާލު ހުށަހެޅިޔަސް، އެއީ އެ މީހުންނާއި ބެހޭ ކަމެއް ނޫނޭ ބުނާ ފަހަރު ވެސް މެދެއް ނޫނެވެ.

ނޮޅިވަރަމްގައި އަންހެނަކު މަރާލައިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާކަމަށާއި، އެ ފަދަ މައްސަލައެއް ރިޕޯޓުކޮށްފައި ވޭތޯ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންގެ މީޑިއާ ގުރޫޕަށް މެސެޖެއް ފޮނުވައި ނޫސްވެރިއަކު ސުވާލު ކުރި އެވެ. ހިތަށް ވަތް ބިރުވެރިކަމާއި އެކު، ރަށުގެ ބަޔަކާއި ގުޅޭތޯ މަސައްކަތް ކުރަނިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު މަރާލައިގެން އުޅޭކަމަށް ރިޕޯޓު ލިބިގެން ސީންއަށް ގޮސް ބެލިއިރު ހޭނެތިފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިޔަކަމަށާއި އޭނާ ގެންދިޔަ އިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ. ދެން އޭގެ ފަހަތުން ނޫސްވެރިން ސުވާލުކުރީ، ނިޔާވި މީހާގެ އެއްވެސް ޒަހަމެއް ހުރިތޯ އެވެ. ނަމަވެސް ސުވާލުތަކަށް ފުލުހުންގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންވެ، މީޑިއާތަކުން އެ ރަށުން އެ މައުލޫމާތުތައް ހޯދޭތޯ މަސައްކަތް ފެށީ އެވެ.

ނިޝާމާގެ މަރުގައި ޝައްކުތަކެއް އުފެދޭކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ ފިރިމީހާ ފަސަލްކަމަށް އާއިލާއިން ބުންޏެވެ. މި މައްސަލައިގައި އާއިލާއިން ބުނި ގޮތުގައި، ނިޝާމާ މަލާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. މި މައްސަލައިގައި، އަދި ފުލުހުން ވެސް ވަކި އެއްޗެއް ބުނެފައި ނުވާއިރު މިއަދުގެ ވަގުތެއްގައި ނިޝާމާގެ ހަށިގަނޑު މާލެ ގެނެސް ޕޯސްޓްމޯޓަމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަރާއި އެކު ދެން އިވެން ފެށީ، އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ނިޒާމުގައި ހުރި ގޯސްތަކާއި، އާއްމު މުޖްތަމައުގެ ހާލަތުގެ ވާހަކަ ދެއްކުމަަށް އަނެއްކާވެސް މަޖުބޫރުވީ ގޭތެރޭގައި ގެވެށި އަނިޔާ އިންތިހާއަށް ބޮޑު ނަމަވެސް އެކަން ހުއްޓުވުމަށް ކުރިއަށް އެޅި އެންމެ ފިޔަވަޅެއް ވެސް ނެތީތީ އެވެ. އަނިޔާގެ ވަކިތަކާއި، އެ ހާލީގެ ތެރެއިން ނިކުތުމަށް ގޮވާލައި ކިތަންމެ ބޮޑެތި ކެމްޕެއިންތަކާއި ބެޖުތަކެއް ޖަހައިގެން ފޮޓޯތަކެއް ނަގައިގެން ވާނެ ފައިދާއެއް ނެތްކަން ކޮންމެ މީހެއްގެ ސިކުނޑިއަށް ވަންނަނީ މިފަދަ ހިތާމަވެރި ހާދިސާއަކާއި އެކު އެވެ. މިއަދު ހެނދުނު ހޭލައި، ރާއްޖޭގެ ކޮންމެ މީޑިއާއެއް ހުޅުވާލުމާއި އެކު ފެންނަމުން ދަނީ ގެވެށި އަނިޔާގެ މައްސަލަތައް އަދިވެސް ހައްލު ނުވާކަމާއި އެ މަންޒަރު ފެންނަ މީހުން އަދިވެސް އިހުތިޔާރު ކުރަނީ އެ ވާހަކަ ހޮޅުއަށީގައި ދެއްކުން ކަމެވެ.

ނިޝާމާ އުޅެމުން ދިޔަ ދިރިއުޅުން، ކައުންސިލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އޭގައި ވާގޮތުން ނިޝާމާގެ ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެކެވެ. އަދި ކުޑަ ތިން ކުދިން ތިބި ނިޝާމާއަށް އަހަރުތަކެއް ވަންދެން ލިބެމުން ދިޔަ އަނިޔާތައް އެއީ އާއިލާއަށް އަދި ރަށުގެ އާއްމުންނަށް ވެސް ސިއްރެއް ނޫނެވެ. ފިޔަވަޅެއް ނޭޅި، މުވައްސަސާއެއްގެ ސަމާލުކަމެއް ނުލިބި އޮތުމުގެ ނަތީޖާއަކަށް ވީ ނިޝާމާ ދުނިޔެ ދޫކުރަން ޖެހުމެވެ.

ވާހަކަ ދެކެވޭ ގޮތުގައި ހާދިސާ ހިނގި ދުވަހު، ދަތެއްގައި ރިއްސާކަމަށް ބުނެ ފައިސަލް ފުރައިގެން ދިޔައީ އެ ރަށާއި މާ ދުރު ނޫން ހދ. ކުޅުދުއްފުއްޓަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ނުދާކަމަށް ވެއެވެ. ނިޝާމާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްގެން އުޅޭކަމުގެ ހަބަރު ލިބުނު ނަމަވެސް ވެގެން އުޅޭ ގޮތެއް ބަލަން އޭނާ ގުޅާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ. ހަވީރު ވި ފަހުން ފުލުހުންނާއި ހަވާލުވީ ފައިސަލް އަމިއްލައަށެވެ.

މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން މަރުގެ ސަބަބު ހާމަކޮށްފައި ނުވެ އެވެ. އަދި ހަށިގަނޑުގައި ލަކުނުތަކެއް ހުރިކަމަށް ދެކެވޭ ވާހަކައާއި، މޫނުމަތި ހުރީ ނޫފައިގެންފައިކަމަށް ދެކެވޭ ވާހަކައިގެ ވެސް މާބޮޑު ހަގީގަތެއް އަދި ނޭނގެ އެވެ. ނަމަވެސް ނިޝާމާގެ އާއިލާއިން މިހާބޮޑު ތުހުމަތެއް ފައިސަލްގެ މައްޗަށް ކުރަނީ، އޭނާގެ މިޒާޖާއި ކުރި އަނިޔާތައް މީގެ ކުރިން ވެސް ފެނިފައިވާތީ އާއި އެ ދުވަހުގެ މެންދުރު ދެ މީހުންގެ އެކި ފޮޓޯތައް ސޯޝަލް މީޑިއާގެ ފޭސްބުކަށް ޕޯސްޓުކޮށްފައި ހުރުމެވެ. މީގެ ތެރޭގައި، ނިޝާމާ ބުރުގާ ނާޅައި ހުއްޓައި ދެ މީހުންނާއި ދަރިން އެއްކޮށް ނަގާފައި ހުރި ފޮޓޯތައް ވެސް ހުއްޓެވެ. ނަމަވެސް މިހާރު އެ ފޮޓޯތައް އޭނާގެ ފޭސްބުކް ފީޑުން ފެންނާކަށް ނެތެވެ. ބެލެވޭ ގޮތުގައި، އޭނާ އެ ޑިލިޓު ކުރީ އެވެ.

ރާއްޖޭގައި ޒުވާން އުމުރުގެ ކުދިން ވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށް އެބަވެއެވެ. އެންމެ ފަހުން ޖެންޑާރ މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ގެވެށި އަނިޔާކޮށްގެން ލިބޭ ރިޕޯޓުތައް ކޮންމެ މަހަކު ވެސް އޭގެ ކުރީ މަހާއި އަޅާބަލައި ދަނީ އިތުރުވަމުންނެވެ. އާދައިގެ ގޮތަކަށް މިނިސްޓްރީން ދޭ ޖަވާބަކީ، އެއީ އަނިޔާތަކަށް ނޫނެކޭ ބުނާ މީހުްނގެ އަދަދު ގިނަވުން ނުވަތަ ގެވެށި އަނިޔާ ތަހައްމަލު ކުރަން ޖެހޭ މީހުން ގިނަވަމުން ދިއުންކަމަށް ބުނަން ނޭނގޭ ކަމަށެވެ. ކޮންމެއަކަސް ފެންނަން އޮތް މަންޒަރަކީ ރިޕޯޓުތައް ކިތަންމެ ގިނަޔަސް، އަޅާ ފިޔަވަޅުތައް ހުރީ ފިނިހަކަ ސްޕީޑަށް ވުރެ ވެސް މަޑު ދުވެލީގައި ކަމެވެ.

މައްސަލައިގައި ފުލުހުން ބުނީ، ތަހުގީގު ކުރިޔަށް ދާވަރަކުން ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް ދޭނެ ކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 58%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: