ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީއަށް ދާއިރު ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮންނާނެބާ ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އިއުލާން ކުރެވުމާއެކު މެމްބަރުންގެ ހިތުގައި އުފެދިފައިވަނީ އުފާވެރި ޝުއޫރެއް ތޯ ނުވަތަ ނުތަނަވަސް ވެރިކަމުގެ ޝުއޫރެއް ކަމެއް ސާފެއް ނުވެއެވެ.

ޕްރައިމަރީއާއި ޕާޓީން ކުރިމަތިލާއިރުގައި ޕާޓީ ތެރޭގެ މަސްރަހު ފެނިގެންދަނީ ވަރަށް ހަލަބޮލިވެ ދެބަސްވެފައިވާ މަންޒަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް އަދިވެސް ރަސްމީ ސިފައެއްގައި ކެމްޕޭންގެ ހަރަކާތް ފަށާފައިވާ މަންޒަރު ނުފެނެއެވެ. ރައީސް ސާލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ ކެނޑިނޭޅި އެމަނިކުފާނު ކުރެއްވި މަސައްކަތް ތަކާއި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފް ކުރަމުންނެވެ. އެގޮތުން އެ މެމްބަރުންގެ ނަޒަރުގައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުން މުހިއްމެވެ. އަދި އެމަނިކުފާނަށް ނޫނީ ކޯލިޝަނަކާއި އެކު ވެރިކަން ނުކުރެވޭނެ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

ރައީސް ސާލިހުއާއި ވާދަކުރައްވާނެ ކަމަށް އަޑުތައް ފެތުރިފައިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ އިންތިހާބުގެ ޕްރައިމަރީއާއި ރައީސް ނަޝީދުގެ ހިޔާލު ފެށުނީއްސުރެ ތަފާތެވެ. ރައީސް ނަޝީދު ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމަށެވެ.

ބަރުލަމާނީ ނިޒާމްގެ ވާހަކަ ރައީސް ނަޝީދު ވަނީ ތަފާތު އެކި މުނާސަބަތު ތަކުގައި ދައްކަވާފައެވެ. އެގޮތުން ދާދި ފަހުން ތިނަދޫ އަށް ވަޑައިގެން ރައީސް ނަޝީދު ބޭއްވި ޖަލްސާގައި ވެސް މައިގަނޑު ގޮތެއްގައި ދެއްކެވީ ނިޒާމީ ވޯޓެއް ނަގަންޖެހޭ ކަމާއި އެކަމުގެ މުހިއްމު ކަމުގެ ވާހަކައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ދުވަސްވަރު ދައުރުގެ މެދުގައި ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީ އިން ވަނީ ނިންމާފައެވެ. އަދި އެކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވެފައި ވެއެވެ. އެހެން ކަމުން މިވަގުތު ރިޔާސީ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބަށް ވުރެ ނިޒާމީ ވޯޓެއް ނެގުން ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށް ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ. ފަހަރުގައި ރައީސް ނަޝީދު ރިޔާސީ އިންތިހާބެއްގައި ވާދަކުރަން ކެރިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެއެވެ.

ރައީސް ނަޝީދު ނިޒާމީ ވޯޓެއްގެ ވާހަކަ ދައްކަވާތީ އެކަމާއި ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވީ މިވަގުތު ގައުމާއި ދުނިޔޭގެ އިގްތިސާދީ ހާލަތު ހީނަރުވެފައިވާތީ އެކަމަކީ ފުދޭ ވަރެއްގެ ހަރަދެއް ހިނގާނެ ކަމަކަށް ވާތީ އެވެ. އެކަމުގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގައުމަކަށް ބޮން އެޅި ނަމަވެސް ނިޒާމީ ވޯޓް ނަގަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއެވެ. އަދި ރައްޔިތުން ބޭނުންވަނީ ނިޒާމު ބަދަލު ކުރުމަށް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމެއް ކަމަށް މީގެ ކުރިން އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ބުނެފައެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމާއި ގުޅިގެން އެމްޑީޕީ ތެރެއިން ވެސް ރައީސް ނަޝީދަށް މާ ބޮޑު ތާއީދެއް ނުލިބޭނެ ކަމަށް ރައީސް ސާލިހުގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ.

ރިޔާސީ ޕްރައިމަރީއާއި އެމްޑީޕީ އިން ކުރިމަތިލާއިރުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު އެފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުމަކީ ފަހަރުގައި ވުން އެކަށީގެންވާ ކަމެއް ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ.

ދާދި ފަހުން އެމްޑީޕީގެ ހަރުގެ ޖަލްސާ ތައް ފެށުމަށް ޕާޓީ އިން ވަނީ އިއުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި ހަރުގެ ޖަލްސާ ތައް ފަށަނީ މެމްބަރުންގެ ތާއީދު އިތުރުކޮށް ޕާޓީ ރޫހު ވަރުގަދަ ކޮށް ޕްރައިމަރީގެ ވާހަކަ ދެއްކުމަށެވެ.

ހަރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުންދާއިރު އެވާހަކަ އިއުލާން ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައީސް ސާލިހުގެ އެކުވެރިއެއް ކަމަށްވާ ރީކޯ މޫސާ މަނިކެވެ. ވުމާއެކު ފަހަރުގައި ހަރުގޭގައި ރައީސް ސާލިހުގެ ފެކްޝަންގެ ބޭފުޅުންގެ ޖަލްސާތައް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމް ގެ ވާހަކަ ތަކެއް ދައްކާފައެވެ. އަދި އޭރުގައި ހަރުގެ ޖަލްސާ ތަކަށް މީހުން ދާ އަދަދު މަދުވުމުން ރައީސް ނަޝީދަށް ޕާޓީތެރޭގައި ތާއީދު ނެތް ކަމަށް އަޑުތައް ފެތުރިފައެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނަމަ މި ޕްރައިމަރީ ވެގެންދާނީ ވަރަށް ތާރީހީ އަދި ވާދަވެރި ޕްރައިމަރީއަކަށެވެ. ސަބަބަކީ ކުޑައިރުއްސުރެން އެކުގައި އުޅުނު ދެ އެކުވެރިންގެ ވާދަވެރިކަން ސިޔާސީ މައިދާނުގައި ތަމްސީލުވެގެން ދާތަން އާއްމު މެމްބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް ފެނިގެން ދިއުމެވެ.

އެމްޑީޕީގެ ތެރޭގައިވާ ހިލާތު ތަފާތުވުންތަކާއި ދެބަސްވުންތައް ނައްތާލަން ޖެހޭ ކަމަށް މީގެ ކުރިން މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންވަނީ ބުނެފައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމުގެ މުހިއްމު ކަމުގެ ވާހަކައަކީ އަބަދުވެސް ޕާޓީގެ މެމްބަރުންނާއި ލީޑަރޝިޕްއިން ދައްކާ ވާހަކައެކެވެ. ނަމަވެސް މިހާރު އުފެދިފައިވާ ދެބަސްވުންތަކާއެކު ޕްރައިމަރީގައި އިތުރު ހަމަނުޖެހުންތަކެއް އުފެދޭނެ ކަމަށް އާއްމުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ޕްރައިމަރީއަށް ފަހުގައި ވެސް ޕާޓީ ތެރޭގައި ހަމަނުޖެހުން ބޮޑުވާނެ ކަމަށް ޕާޓީގެ އާއްމު މެމްބަރުން ދަނީ ބުނަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހެވެ. ޕްރައިމަރީ އަށް ވާންޖެހޭ ތައްޔާރީ ތައް ވަމުންދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ރަނިންގ މޭޓުން ކަނޑައެޅުމުގައި ވެސް ޕާޓީތެރޭގައި ހިޔާލުތަފާތު ވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ކޮންމެއަކަސް އެމްޑީޕީގެ މިފަހަރުގެ ރިޔާސީ ޕްރައިމެރީ ވެގެންދާނީ ތާރީހީ ރިޔާސީ ޕްރައިމެރީއަކަށެވެ. މި ޕްރައިމެރީ ވެގެންދާނީ ރައީސް ސާލިޙްއާއި ރައީސް ނަޝީދުގެ ސިޔާސީ މުސްތަގުބަލް ވެސް ކަނޑައެޅޭނެ ޕްރައިމެރީއަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: