ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ހަޑި ހުރި މީހާއަށް ކާން ދެމުން، އެމްއެމްޕީއާރުސީ މައްސަލަ ބަލަން ގަޓެއް ނުހުންނާނެ: ރައީސް ޔާމީން

ރައީސް ޔާމީން "ފެލާލައިފި" ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަޓެއް ހުރި ނަމަ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބިފައިވާކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އަމިއްލަފުޅަށް އެދިގެން ތަހުގީގު ކުރެއްވީސްކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

“ފެލާލައިފި” ގެ ނަމުގައި އިދިކޮޅުން މިރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ވެރިއަކު ހޮވަނީ ވަރަށް ފޮނި އުންމީދުތަކާއި އެކު ކަމަށެވެ. އެ ރަށަކަށާއި، އެ މުޖްތަމައުއަކަށް ގެނެސް ދެއްވާނެކަމަށް ބުނި ތަރައްގީއަކީ އެއީ ކެންސަލް ވައުދުތަކެއްގެ ގޮތުގައި ބުނާ އަޑުއަހަން ރައްޔިތުން ބޭނުން ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުން “ފެލައިލީ” 2018 ގެ ރިޔާސީ އިންތިހާބާއި ހަމައިން ކަމަށެވެ. އަދި އޭގެ ހަގީގަތްތައް ހާމައަށް ފެންނަން އެބައޮތްކަމަށާއި، މި ވެރިކަން ބަދަލު ވާން މާގިނަ ދުވަހެއް ނެތް ކަމަށެވެ.

ސަރުކާރުގެ އެތެރޭގައި ތިބީ ހުސް ވަގުންކަމަށް ތުހުމަތުކޮށް ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވުމާއި އެކު އެ އެންމެން ވެސް ގެއްލޭނެ ކަމަށެވެ. ހަގީގަތުގައި ގައުމު ފެލާލައި، ކޮރަޕްޝަން ހިންގީ ކޮން ބައެއްކަން ރައްޔިތުންނާއި ހަމައަސް ތިލަ ކުރަން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރާނެކަމަށް ބުނެ ފެންނަނީ، މުޅި ޖުޑިޝަރީގެ ތެރެއަށް ފޯރުވާ ނުފޫޒުކަމަށާއި، އެކަމުގެ އަޑީގައި ތިބި ބަޔަކު ރައްޔިތުންގެ ކުރިމައްޗަށް ގެނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ރައްޔިތުންގެ ކަނޑު އެއްކޮށް ވިއްކާލައިގެން މިއުޅެނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ… އަޅުގަނޑު ރައީސް އިބްރާހީމަށް ދަންނަވާލަން ބޭނުން ވަނީ ތި ހުންނެވީ މަގާމުގަ އޭ… ބާރުލާފައި ތި ދަންނަވަނީ އޭ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނޭ.. އަޅުގަނޑުގެ އޮތީ އެންމެ ސުވާލެއް.. ތިޔަ ވިދާޅުވާ އެއްޗެއް މަނިކުފާނުގެ އަމަލާއި ތި ބުނާ އެއްޗަކާއި ދިމާވަންޏާ މަނިކުފާނަށް މި އަންނަ އެމްއެމްޕީއާރުސީގެ ތުހުމަތު، މަދެއްކޮށެއް ނޫންކޮށްފައި އޮތީކީއެއް.. އެހެންކަމަށް ވާނަމަ މަގާމުގައި ހުރެގެން ރައްޔިތުންނަށް ނިކަން ސާބިތުކަން ދައްކާލަބަލަ.. މި ތަހުގީގަކަށް ކުރިމަތިލާކަށް ނުކެރޭނެ” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ވެރިކަމުގައި ހުންނެވިޔަސް ރައީސް ސޯލިހަށް އެއްވެސް މައްސަލައެއް ބަލަން ނުކެރޭނެ ކަމަށެވެ. އަދި އެ ގަޓެއް މިވެރިކަމުގެ ނެތްކަމަށް ވިދާޅުވި އެވެ. އަދި އޭގެ އެންމެ ބޮޑު ހެއްކަކީ އެމްއެމްޕީއާރުސީ މައްސަލައިގައި އެންމެ ބޮޑަށް ހަޑިވެފައި ހުރި މީހާ ފޮރުވައިގެން ގެންގުޅުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ އެމަނިކުފާނު ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ސަރުކާރުން އަދީބަށް އިނާޔާތްތައް ދީގެން، ބަލަހައްޓަމުން ގެންދަނީ ކޮން ހަމަޔަކުން ތޯ އާއި ހަދައިގެން އުޅޭ އެއްބަސްވުންތަކުގެ ހަގީގަތަކީ ކޮބައިތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

“އެއީ މަނިކުފާނުގެ ފެންވަރު… މަނިކުފާނުގެ ފެންވަރަކީ އެމްއެމްޕީއާރުސީގެ ފައިސާ ވީތަން އެނގޭނެ.. އެ ދިނީ ކާކަށްކަން އެނގޭނެ” ރައީސް ޔާމީން

އޭރު މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރަކަށް ހުންނެވީ ރައީސް ސޯލިހުކަމަށާއި އަދި ޕާލިމަންޓު ގުރޫޕުގެ ލީޑަރަށްވުމާއި އެކު ވެސް ބައި ނުލިބި ނޯންނާނެކަމަށް ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް 800 އަހަރުގެ ބޮޑު ހުކުމެއް އަންނާނެކަމަށް ވިދާޅުވުމަށް ފަހު، ދައުލަތާއި އެކު އޭނާ ހެދި އެއްބަސްވުމުގެ ދަށުން އައި ހުކުމް 20 އަހަރަށް ވެސް ނާރަ އެވެ. އަދި އަދީބަކީ މިވަގުތު އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގައި ދައުލަތުގެ ހެކިވެރިއެކެވެ. ނަމަވެސް މައްސަލައިގައި އަދީބަށް ހުކުމެއް އައިސްފައިވުމާއި އެކު އެ ހެކި ބަލައިނުގަނެވޭނެކަމަށް ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގެ ހިޔާނާތުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާތީ، މިއަދު ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުންފާޅުކޮށް ޓުވީޓު ކުރެއްވި އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިއީ އެމްޑީޕީއަށް ވެރިކަން ގެއްލެން މެދުވެރިވެދާނެ ސަބަބެކެވެ. އަދި މީގެ ކުރިން ބައެއް ޖަލްސާތަކުގައި އާއި ބައްދަލުވުންތަކުގައި ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް މައްސަލައިގެ ދައުވާތައް ކުރިޔަށް ދާންވީ ސަބަބާއި މެދު ރައީސް ނަޝީދު ސުވާލު އުފެއްދެވި އެވެ.

ހިޔާނާތުގެ ފައިސާއިން ރައީސް ސޯލިހަށް ފައިސާ ލިބުނުކަމަށާއި، އެކަން އެ ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް ތުހުމަތު ކުރީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭނާގެ ކުރިން ވެސް ރައީސް ސޯލިހާއި ގުޅުވައި، މިފަދަ ވާހަކަތައް ބައެއް ބޭފުޅުން ދެއްކި ނަމަވެސް ސަރުކާރުން ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: