އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ހުކުމް އިއްވާފައިވަނީ އިސްލާމް ދީނުގެ އަދާވާތްތެރިންގެ އެންމެ ބޮޑު އީދު ދުވަހުގައިކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ބުނުމާއި އެކު، އެ ނިންމުން ބަލައިނުގަންނަކަމަށް ފާހަގަކުރައްވާ ނޫސްވެރިންނާއި ވާހަކަަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، މިއަދަކީ ކްރިސްމަސް ދުވަސްކަމަށެވެ. އެނާ ވިދާޅުވީ މުސްލިމުންނާއި ދެކޮޅު އަދާވާތްތެރިން މިފަދަ ނިންމުންތައް ނިންމަނީ މިފަދަ ދުވަސްތަކާއި ގުޅުވައިގެންކަމަށެވެ.
އަބްދުލްރަހީމް ވިދާޅުވީ އިރާގުގެ ރައީސް ސައްދާމް ހުސައިން ދަންޖެއްސީ އަލްހާ އީދު ދުވަހުގެ ފުރަތަމަ ދުވަހާއި ދިމާކޮށްކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ”އަނިޔާވެރި ހުކުމެއް“ އިއްވަން ނިންމީވެސް އެފަދަ ވިސްނުމެއްގެ މަތިންކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ތެރެއިން ފާހަގަކުރެއްވި ކަންކަމުން ދިވެހިރާއްޖޭގެ ހާލަތު ސާފުވެގެންދާނެކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރު ”ލާދީނީ“ ކަމަށް ވިދާޅުވަނީ މިފަދަ އަމަލުތައް ފެނިގެންދާތީކަމަށް އެނާ ވިދާޅުވިއެވެ.
އަބްދުލްރަހީމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަކީ ”ލާދީނިއްޔަތަށް“ ހިތްވަރުދޭ ސަރުކާރެއްކަމަށެވެ. އަދި ރާއްޖޭގައި ތަފާތު ދީންތަކަށް ފުރުސަތު ދިނުމަކީވެސް ރައީސް ސާލިހުގެ ސަރުކާރުން ހާސިލު ކުރުމަށް މަސައްކަތްކުރާ ކަމެއްކަމަށް އެނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޖަލަށް ލުމަށްފަހު، އިދިކޮޅުގެ ފައިދާ ނެގިދާނެކަމަށް އެއްވެސް ސިޔާސީ ފަރާތެއް ހީކުރެއްވައިގެން ނުވާނެކަމަށެވެ. އަދި އެއީ ކުރެވެން ނެތްކަމެއް ކަމަށާއި ޕީއެންސީ އަދި ޕީޕީއެމްވެސް ހިނގާނީ ރައީސް ޔާމީންގެ މަޝްވަރާ އަދި އިރުޝާދާއިއެކުކަމަށް އެނާ ވިދާޅުވިއެވެ.

