ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ބަންދުކުރަން މި ސަރުކާރުންނާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތްކުރަން ފަށާފައިވާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އަތޮޅުތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އައްޑޫ ހިތަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ކުރިން ކަންތައްތައް ވެފައިވާ ގޮތުން، 2028ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމާމެދު ވަރަށް ގިނަ ބަޔަކަށް ޝައްކު އުފެދޭތީ، އެ ވާހަކަ ތަކުރާރުކޮށް އަހާ ކަމަށާއި އައްޑޫން ވެސް އެންމެ ގިނަ ބަޔަކު ސުވާލުކުރީ އެކަމާ ގުޅޭގޮތުން ކަމަށެވެ. އެހެން އަހާ ކޮންމެ ފަހަރަކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށާއި ޖަލަށް ލާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ކުރީގެ ސަރުކާރުން ހެދި ގޮތަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުރަސްއަޅަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތުތައް ލިބެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެެރެއިން ބަޔަކު ފުލުހުންނާއި ފަނޑިޔާރުންނާ ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
”މިހާރު ވެސް އަޅުގަނޑުމެންނަށް އިވެމުންދާ ވާހަކައަކީ ހަމަ ކުރީގައި ކަންތައް ކުރި ގޮތަށް ސަރުކާރުގެ ތެެރެއިން ބަޔަކު ފުލުހުންނާއި ފަނޑިޔާރުންނާއި ވާހަކަދައްކަމުން އެބަގެންދޭ. ދެން މައްސަލައެއް ނެތް އެކަން އެގޮތަށް ހިނގައިދާނެކަން ނޭނގެ. ނޫނިއްޔާ އެންމެ މަތީ ސުޕްރީމް ކޯޓުން ބުނެފާނެ ޖަލުގައި ހުރެގެންހޭ ވެރިކަން ކުރަން ތި ހިޔާލު ކުރަނީ؟ މިހާ ހިސާބަށް ރާއްޖޭގެ އަހުލާގު މިއޮތީ ގޮސްފައި،“ ރައީސް ޔާމީން
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އެމަނިކުފާނު އިއުލާނުކުރައްވާފައި ވާއިރު ޕީއެންއެފްއިން އަންނަނީ ކޮންމެ ހަފްތާއަކު ވެސް އެކި ހަރަކާތްތައް ބާއްވަމުންނެވެ.
އައްޑޫ ސިޓީއަށް ޔާމީން ކުރައްވާ ދަތުރުގައި އެ ސިޓީގެ އެކި ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އޭގެ އިތުރުން، އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަލަށްލައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލިހެން ”އެވަރުގެ އަނިޔާއެއް ދޭން“ ރައީސް މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިއެވެ.
ރައީސް ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުނީ، އޭރު އެމަނިކުފާނުގެ މައްޗަށް އޮތް 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ހައި ކޯޓުން ބާތިލުކޮށް، މިހާރު ވަނީ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އަލުން ވަނީ ފަށާފައެވެ.

