ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ކުރާ މުޒާހަރާތަކުގެ ”ލޮނުމަޑުކަމަށް“ އަބްދުއްރަހީމް ގަބޫލެއް ނުކުރައްވާ!

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ސިޔާސީ ހަރަކާތްތަކުގެ ބޭނުމަކީ ހަމަޖެހުން ނަގާލުން ނޫންކަމަށާއި، މުޒާހަރާތައް ވަރުގަދަވުމަކީ ދައުލަތުގެ މުދާތަކަށް ގެއްލުން ދީ ފުލުހުންނަށް އަނިޔާ ކުރުންކަމަށް ބަޔަކު ދެކޭނަމަ އެފަދަ ވަރުގަދަކަމެއް ނުފެންނާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ތަފާތު އެކި ނަންނަމުގައި ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާއިރު، އިދިކޮޅަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިއުމަކީ އެއްވުންތަކުގައި އެއްވެސް ބާރެއް ނުހުރުމެވެ. އަދި އެއްވުން ފަށާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ހަރަކާތުން މީހުން މަދުވެ ހުއްޓާލަން ޖެހޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމާއި ގުޅޭގޮތުން ޕާޓީން ބޭއްވި ޕްރެސްގައި، ”ސަންގު“އިން ވަނީ ލީޑާޝިޕާއި ސުވާލުކޮށްފަ އެެވެ.

ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ ހަރަކާތްތަކުގެ ބޭނުމަކީ އެއްވެސް ހާލަތެއްގައި ހަމަނުޖެހުން އުފެއްދުމެއް ނޫން ކަމަށެވެ. އެހެންކަމުން ސުލްހަވެރި މުޒާހަރާއަކަށް އަމާޒުކޮށް، އޭގެއިން އެއްވެސް ވަރުގަދަކަމެއް ނުފެންނަކަމަށް ބުނެ ބަސްތައް އަމާޒު ކުރަނީ އެކި ސަރަހައްދުތަކަށް އެއްވެ ހަމަޖެހުން ނަގާލައި ”އަލިފާން ނުޖަހާތީ“ ތޯ އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު އޭރު އެމްޑީޕީން ކުރިޔަށް ގެންދިޔަ މުޒާހަރާއި އިހުތިޖާޖުގެ ތެރެއިން 08 ފެބްރުއަރީގައި ކޯޓުތަކާއި އޮފީސްތަކުގައި ހުޅު ރޯކުރުމުގެ ހާދިސާއަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ނޫސްވެރިޔާ ސުވާލުގައި ހިމެނި، ވަރުގަދަކަމެއް ނެތުމަކީ އެއީ އެފަދަ އެއްވުންތަކެއްކަމަށެވެ. އެގޮތުން މުޒާހަރާތަކަށް ނިކުމެ، ފުލުހުންނަށް ގެއްލުން ދީ އޮފިސަރުންނަށް އަނިޔާކޮށް، ދައުލަތުގެ މުދަލުގައި ހުޅު ރޯކޮށް އަލިފާން ބޯޅަ އުކުމަކީ ބައެއް މީހުންގެ ނަޒަރުގައި ވަރުގަދަ މުޒާހަރާތަކަށް ވީ ނަމަވެސް އެއްވުންތައް ކުރިޔަށް ގެންދަން ޖެހޭ ގޮތަކީ އެއީ ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

”މުޒާހަރާއަށް ނިކުމެ، ފުލުހުންގެ ގައިގަ ތަޅައި، އެ މީހުންނަށް އަނިޔާކޮށް، ތަންތާ ރޯކޮށް އަލިފާން ބޯޅަ އުކައި މިކަންކަން ކުރީމަ ކަންނޭނގެ ވަރުގަދަ އޭ މި ބުނަނީ.. އެއީ އަޅުގަނޑުމެންގެ ވިސްނިމުގައި އޮންނަކަމެއް ނޫން އެއީކީއެއް“ އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އެއްވުންނަތުގެ ނަމުގައި، ގެއްލުން ދިނުމަކީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށެވެ. އިދިކޮޅުން ބޭނުން ވަނީ އެބޭފުޅުންގެ އަޑާއި ޝުއޫރުތައް ސަރުކާރަށް އިއްވަންކަމަށާއި ސުލްހަވެރިކަމާއި އެކު މުޒާހަރާ ކުރާ ބަޔަކު ނިކުމެ ފުލުހުންނަށް އަމާޒުކޮށް ލޮނު މިރުސް ޕެކެޓުތައް އުކަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ތަކުރާރު ކުރެއްވީ، އެއީ ސުލްހެވެރި އިހުތިޖާޖުތަކުގެ ސިފައެއް ނޫން ކަމަށެވެ.

”ހަމަ އެގޮތަށް ވައްޓާލާފައި މީހާގެ ބޮލުގައި ކޮޅުފައިން ޖަހަން ޖެހޭނެކަމަކަށް.. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެމްޑީޕީގެ މުޒާހަރާގެ ތެރޭގައި.. އެކަން އެގޮތަށްކޮށްފައި ހުރިތަން.. ހަމައެގޮތަށް އަލިފާން ބޯޅަ އުކައިގެން ތަންތަނުގައި ރޯކުރަން ޖެހޭކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.. އެއީ ވަރުގަދަވުންކަމަށް ވަންޏާ އެ ވަރުގަދަކުރުމެއް އަޅުގަނޑުމެން ނުކުރާނަން“ އަބްދުއްރަހީމް

2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާއިރު ދައުލަތުގެ މުދާތަކަށް ގެއްލުން ދީފި ނަމަ ވެރިކަމަށް އައިސް ދެން އަވަދިނެތި އުޅެން ޖެހޭނީ އެތަންތަން މަރާމާތު ކުރުމުގައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އެގޮތަކަށް ކަމެއް ނުކުރާނަން.. އަޅުގަނޑުމެންގެ ހަރަކާތްތައް ހަމަ ކުރިޔަށް ދާނީ ސުލްހަވެރިކަމާއި އެކީގަ.. ސިފައިން ނިކުމެއްޖެއްޔާ އެބޭފުޅުންނަށް ވެސް އިހުތިރާމުކޮށްގެން.“ އަބްދުއްރަހީމް

އަމާޒަކީ ހަމަނުޖެހުންތަކަށް ޖާގައެއް ނުދީ، ސުލްހަވެރިކަމާއި އެކު ހަރަކާތްތައް ކުރިޔަށް ގެންދިއުންކަމަށް އިދިކޮޅުން ބުނި ނަމަވެސް މުޒާހަރާތަކާއި ޕާޓީގެ އޮފީސް ޖަލްސާތައް ފެށުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ފޯރި ދަށްވެގެން ދާކަން އަބަދުވެސް ފާހަގަކުރެވެ އެވެ. އަދި އާއްމުކޮށް އެކަން މީޑީއާތަކާއި އާއްމުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: